އަންގާރަދުވަހުގައި ލޮކްޑައުންގެ އަމުރާއި ޚިލާފުވި 03 މީހަކު ހައްޔަރުކޮށް 185 މީހުން ޖޫރިމަނާކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސްއިން ބުނެފިއެވެ.
މޯލްޑިވްސް ޕޮލިސް ސާރވިސްއިން ބުނީ، އަންގާރަ ދުވަހުގައި މާލެއިން 165 މީހަކު ޖޫރިމަނާ ކޮށްފައިވާކަމަށާއި، ހުޅުމާލެ އިން ވެސް 15 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން، ވިލިމާލެ އިން 05 މީހަކު ޖޫރިމަނާކޮށްފައިވާކަމަށް ވެސް، ފުލުހުން ހާމަކޮށްފައިވެއެވެ.
ކޮރޯނާ ވައިރަހާއި ގުޅިގެން މާލެ ލޮކްޑައުން ކުރިފަހުން މިއަދާއި ހަމައަށް، ލޮކްޑައުންގެ އަމުރާއި ޚިލާފުވެ މަގުމައްޗަށް ނިކުމެފައިވާ ޖުމްލަ 2497 މީހަކު ވަނީ ޖޫރިމަނާ ކޮށްފައެވެ.
އޭގެތެރޭގައި ހިމެނެނީ، މާލެއިން 2130 މީހުންނާއި، ހުޅުމާލެ އިން 305 މީހުންނާއި އަދި ވިލިމާލެ އިން 62 މީހުންނެވެ.
މީގެ އިތުރުން ލޮކްޑައުންގެ އަމުރާއި ޚިލާފުވެފައިވާ 140 މީހަކު ހައްޔަރު ކޮށްފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.
އޭޕްރީލް މަހުގެ 15 ވަނަ ދުވަހު މާލެސިޓީން ކޮރޯނާ ވައިރަހަށް މީހަކު ޕޮޒިޓިވް ވުމާއި ގުޅިގެން ލޮކްޑައުންކުރިފަހުން، މާލެ ސަރަހައްދުވަނީ އަދިވެސް ވަނީ ލޮކްޑައުންގެ ހާލަތުގައެވެ.

