ދުނިޔޭގައި މިހާރު ފެތުރެމުންދާ އާލަމީ ވަބާ، ކޮވިޑް19އާއި ގުޅިގެން ދިވެހި ފަންނާނުންނަށް ދިމާވެފައިވާ ދަތިތަކާއި ގުޅިގެން ހުރި ކަންބޮޑުވުންތައް މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން، ސަރުކާރުގެ ކަމާއިބެހޭ އެހެން ވަޒީރުންނާއި އަނެއްކާވެސް ހިއްސާކުރައްވައިފިއެވެ.
2020 މޭ 5ވަނަ ދުވަހު މިނިސްޓަރ ޔުމްނާ މައުމޫން ވަނީ މިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރު އަދި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛް ފައްޔާޒް އިސްމާއިލް އާއި އޮންލައިންކޮށް ބައްދަލުކުރައްވައި، ފަންނާނުންނަށް މިވަގުތު ދިމާވެފައިވާ ދަތިތައް އެބޭފުޅުންނާއި ހިއްސާކުރައްވައި، އެކަންކަމަށް ޙައްލު ހޯދުމަށް މި މިނިސްޓްރީއިން މި ޙާލަތު ކުރިމަތިވީއްސުރެ ގެންގުޅެމުންދިޔަ ވިސްނުންތަކާއި ގުޅޭގޮތުން އިތުރަށް މަޝްވަރާ ކުރައްވައި އެކަމަށް މަގެއް ހޯއްދެވުމަށް މަސައްކަތްކުރައްވާފައެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ ފައްޔާޒް އިސްމާއިލް ވަނީ ސަރުކާރުން މީގެ ކުރިންވެސް އިޢުލާނުކޮށްފައިވާ ފަދައިން، އިކޮނޮމިކް މިނިސްޓްރީން ފަށާފައިވާ ލޯން ސްކީމްތަކުގެ ތެރެއިން ޖޮބް ސެންޓަރާއި އެސްޑީއެފްސީ މެދުވެރިކޮށް ފަންނާނުންނަށް ލޯނަށް އެދެވޭނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
އަދި ހަމަ މިއާއިއެކު ކޮވިޑް19އާއި ގުޅިގެން އާމްދަނީގެ ހާލަތަށް ބަދަލުއައިސްފައިވާ އެކިއެކި ފަރާތްތަކަށް އަމާޒުކޮށްގެން، ފަންނުވެރިންނަށްވެސް ބައިވެރިވެވޭނެ ގޮތަށް އަވަސް މުއްދަތެއްގެ ތެރޭގައި ގްރާންޓް ސްކީމެއް ހާމަކުރާނެކަމުގެ ޔަޤީންކަން މިނިސްޓަރ ވަނީ ދެއްވާފައެވެ.
މި ކަންކަން ހަމަޖެހެމުންދާއިރު، ވަޒީފާގެ ޙާލަތަށް ބަދަލުއައިސްފައިވާ ފަންނާނުން އިކޮނޮމިކް މިނިސްޓްރީއިން ޤާއިމްކޮށްފައިވާ ޖޮބް ސެންޓަރގައި ރަޖިސްޓްރީވުމަށް މި މިނިސްޓްރީއިން އިލްތިމާސްކުރަމެވެ. ޖޮބް ސެންޓަރުގައި ރަޖިސްޓްރީވުމުގެ އިންތިޒާމު އެ ސެންޓަރުގެ ވެބްސައިޓް (www.jobcenter.mv) ގައި ވަނީ ޤާއިމް ކުރެވިފައެވެ. އަދި މިހާރު ހުޅުވާލާފައިވާ ލޯން ސްކީމަށް އެދި ހުށަހަޅަން ބޭނުންވާ ފަންނާނުން އެ ފުރުޞަތުގެ ބޭނުން ހިފުމަށްވެސް އެދެމެވެ.
ހަމަ މިއާއިއެކު، ކުރިއަށް އޮތް ތާނގައި އިޢުލާނުކުރާ ގްރާންޓް ސްކީމްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް ބޭނުންވާ ލިޔެކިޔުންތައް ހޯދަންޖެހޭ ފަރާތްތަކުން ހޯދައި، ތައްޔާރުކޮށްފައި ބެހެއްޓުމަށް އިލްތިމާސް ކުރަމެވެ. އެގޮތުން މި ހާލަތު ކުރިމަތިވި އިރު ކުރަމުންދިޔަ މަސައްކަތާއި މަސައްކަތްކުރި ތަން އެނގޭނެ ލިޔެކިޔުން (މަސައްކަތުގެ ކޮންޓްރެކްޓް / ރިފަރެންސް ސިޓީ) އަދި އެ މުއްދަތުގައި އާމްދަނީ ލިބެމުންދިޔަކަން އެނގޭނެ ލިޔެކިޔުން (އެކައުންޓް ސްޓޭޓްމަންޓް / ޕޭމަންޓް ސްލިޕް) ހޯދައި ތައްޔާރު ކޮށްފައި ބެހެއްޓުމަށް އިލްތިމާސް ކުރަމެވެ.

