އެސްޓީއޯ ކާޑު ގުދަނުގެ ދެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާ އެކު، މަސައްކަތްތައް ހުއްޓާލިނަމަވެސް، އެ ގުދަން ޑިސްއިންފެކްޓްކޮށް އަލުން މަސައްކަތްތައް ފަށައިފިއެވެ.
އެސްޓީއޯގެ މީޑިއާ އޮފިސަރ އަބްދުﷲ މުހައްމަދު (އަބޯ) “ސަންގު ނޫހަށް“ ވިދާޅުވީ ކާޑު ގުދަނުގެ ދެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން އެތަން ޑިސްއިންފެކްޓް ކުރުމަށް މަސައްކަތްތައް ހުއްޓާލިނަމަވެސް މިހާރު އަލުން މަސައްކަތްތައް ފަށާފައިވާ ކަމަށެވެ.
އަބްދުﷲ ވިދާޅުވީ މަސައްކަތްތައް ފެށި ކަމުގައި ވިޔަސް ކާޑު ގުދަނުގައި މަސައްކަތް ކުރާ ގިނަ މުވައްޒަފުން މި ވަގުތު ތިބީ ކަރަންޓީނުގައި ކަމަށެވެ. ނަމަވެސް މީހުން މަދުވާ ތަންތަނަށް އެސްޓީއޯގެ އެހެން ޑިޕާޓްމަންޓްތަކުގެގެ މުވައްޒަފުން ނުކުންނަމުންދާނެ ކަމަށް އަބްދުﷲ ވިދާޅުވިއެވެ.
ކާޑު ގުދަނުގެ އިތުރުން އެސްޓީއޯ ލޭބާ ކުއާޓަރ ވެސް މިހާރު ވަނީ ޑިސްއިންފެކްޓްކޮށް ނިމިފައި ކަމަށާއި، ކަރަންޓީނަށް ދާންޖެހުނު މުއައްޒަފުން ވަކިކޮށް އެމީހުންވަނީ ގުޅީ ފަޅަށް ބަދަލުކުރެވިފައި ކަމަށް އަބްދުﷲ ވިދާޅުވިއެވެ.
ކަރަންޓީނު ކުރި މީހުންގެ ތެރޭގައި ތިން ދިވެއްސަކުވެސް ހިމެނޭ ކަމަށާއި އެމީހުންގެ ޓެސްޓްގެ ނަތީޖާ ލިބިފައިވާ ކަމަށް އަބްދުﷲ ވިދާޅުވިއެވެ. އަދި އެ ތިން ދިވެހިންގެ ނަތީޖާވެސް ނެގަޓިވް ކަމަށް އޭނާ ވިދާޅުވިއެވެ.
އަބްދުﷲ ވިދާޅުވީ ކޮވިޑް-19 ގުޅިގެން ކުރީ ސަފުގައި މަސައްކަތް ކުރަމުން އަންނަ އެސްޓީއޯގެ މުވައްޒަފުންނަށް ގެއަށް ދިޔުމުގެ ބަދަލުގައި އެސްޓީއޯގެ ލޭބާ ކުއާޓަރގެ އިތުރުން މާލޭގެ އެކި ހިސާބުތަކުން ގެސްޓު ހައުސްތަކާއި ކުއްޔަށްދޭ ކޮޓަރި ފަދަ ތަންތަން ހަމަޖައްސާފައިވާ ކަމަށެވެ.
އެސްޓީއޯ ސުޕަމާކެޓްގެ މުދާ އުފުލުމުގައި އުޅުނު މުވައްޒަފަކު ވެސް ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން، އީ-ސްޓޯރުގެ ހިދުމަތް ވެސް ވަނީ މި ވަގުތަށް މެދުކަނޑާލައިފަ އެވެ.
އަބްދުﷲ ވިދާޅުވީ އީ-ސްޓޯރުގެ ހިދުމަތް އަލުން ފެށުމުގެ ބަދަލުގައި، އެސްޓީއޯ އިން ހޯލްސޭލްކޮށް މުދާ ވިއްކުމުގެ މަސައްކަތް ފަށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އެގޮތަށް މަސައްކަތްތައް ބަދަލު ކުރަން ނިންމީ އޭރު ކަންމަތީ ފިހާރަތަކަށް ބަރަބާރަށް މުދާ ސަޕްލައިކުރުމުން އެ ފިހާރަތަކުން ތަކެތި ގަތުމަށް އާންމުންނަށް ފަސޭހަވެގެންދާނެ ތީ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮވިޑް-19 ހާލަތު އޮތް ނަމަވެސް ރޯދަ މަހާ ގުޅިގެން ކާޑުގެ ބާވަތްތަކަށް ޑިމާންޑް އިތުރުވުމުން އެ ތަކެތި ފޯރުކޮށްދޭން އެސްޓީއޯ އިން ގިނަ މަސައްކަތްތަކެއް ދިޔައީ ކުރަމުންނެވެ. އެގޮތުން މިދިޔަ ހަފުތާގައި ވެސް 40،000 ބަސްތާގެ ކާޑު އަތޮޅު ތެރެއަށް ފޮނުވާފައިވެ އެވެ.

