ކޮވިޑާއި ގުޅިގެން ބަދަލުވެފައިވާ ހާލަތުގެ ތެރޭގައި ވެސް ކާބޯތަކެތީގެ ބާވަތްތައް އެތެރެ ކުރި މިންވަރު އިތުރުވެފައިވާއިރު، ރިސޯޓުތައް ހިންގާ ކުންފުނިތަކުން އާއްމުކޮށް އެތެރެ ކުރާ ބާވައްތަށް އެކީ ދަށްވެފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނެފިއެވެ.
ނޭޝަނަލް އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ ކޮމިޝަނާ އޮޕް ކަސްޓަމްސް އަބްދުﷲ ޝަރީފް ވިދާޅުވީ ބައްޔާއި ގުޅިގެން ރާއްޖޭގެ އިމްޕޯޓު އެކްސްޕޯޓަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ. މިދިޔަ މަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 12 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައެވެ. އަދި އިމްޕޯޓު ޑިއުޓީގެ ގޮތިގައި އެއް މިލިއަނަށް ވުރެ ގިނަ ފައިސާ ދައުލަތަށް ލިބިފައިވެއެވެ.
ތަފާސް ހިސާބުތައް ފާހަގަކުރައްވަމުން ޝަރީފް ވިދާޅުވީ، ރާއްޖެއަށް އާއްމުކޮށް އެތެރެ ކުރާ ކާބޯތަކެތީގެ ބާވަތްތަކުގެ ތެރެއިން ރާއްޖެއަށް އެތެރެ ކުރި މުދާ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާ ހުރީ އއްވަރެއްގައި ހިފެހެއްޓިފައި ކަމަށެވެ.
ޝަރީފް ވިދާޅުވީ، ކުރިޔަށް މިދަނީ ރޯދަ މަސްކަމަށް ވެފައި ހާލަތު ވެސް ހުރި ގޮތުން ރާއްޖެއަށް އެތެރެ ކުރި ބައެއް މުދަލުގެ ބާވަތްތައް އިތުރުވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކަޑުގެ ބާވަތްތައް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ޝަރީގް ވިދާޅުވީ، މި މުއްދަތުގައި ރާއްޖެއަށް ބިސް އެތެރެކުރި މިންވަރު އިތުރުވެފައިވާ ކަމަށެވެ. އެއީ ފަސް އިންސައްތައިގެ ކުރިއެރުމެކެވެ. އަދި ޕެޓްރޯލާއި ޑީސެލް އެތެރެ ކުރި މިންވަރު ވަނީ ހަ އިންސައްތައިން އިތުރުވެފައެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ހިދުމަތް ދޭ ތަންތަނުން، ރިސޯޓުތަކަށް އެތެރެކުރާ ރަލާއި، އޫރު މަހުގެ ބާވަތްތައް ވަނީ މަދުވެފައެވެ. އަދި ދަށްވުމެއް އައި ތަކެތީގެ ތެރޭގައި އޭވިއޭޝަން ގޭސް ހިމެނެއެވެ. ޝަރީފް ވިދާޅުވީ މިއީ ރިސޯޓުތައް އޮޕަރޭޓުކުރާ ކުންފުނިތަކުން އެތެރެ ކުރާ މުދާ ކަމަށެވެ.

