އެކި ކަންކަމަށް ސަރުކާރުން ދޭ ސަބްސިޑީ އަށް ހޭދަކުރި އަދަދު 56 ޕަސެންޓަށް އިތުރުވެއްޖެ އެވެ.
ސަބްސިޑީގެ ގޮތުގައި ހޭދަކުރި އަދަދު މި އަހަރު އެހާ ބޮޑުވެފައިވަނީ ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ކުރާ ޚަރަދުތައް ބޮޑުވުމުންނެވެ. ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުން ދައްކާ ގޮތުގައި ސަރުކާރުން ދޭ ސަބްސިޑީ އަށް މި އަހަރުގެ މިހާތަނަށް ވަނީ 1.3 ބިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި ސަބްސިޑީގެ ގޮތުގައި ހޭދަކުރީ 766 މިލިއަން ރުފިޔާ އެވެ. މިއަހަރުގެ މި މުއްދަތުގައި ހޭދަކުރި އަދަދު މިދިޔަ އަހަރާ އަޅާ ބަލާއިރު 594 މިލިއަން ރުފިޔާ އިތުރުވެފައިވެއެވެ.
ސަބްސިޑީގެ ތެރެއިން އާސަންދަ އަށް 415 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު، ސަބްސިޑީތަކާއި އެހެނިހެން ގޮތްގޮތުން ދޭ އެހީތަކަށް 945 މިލިއަން ހޭދަކޮށްފައިވެ އެވެ.
މިދިޔަ އަހަރު މި މުއްދަތުގައި މި ދެކަމަށް ޚަރަދުކޮށްފައިވަނީ ހޭދަކޮށްފައިވަނީ 239 މިލިއަން ރުފިޔާ އެވެ. އެހެނިހެން އެހީތަކާއި ސަބްސިޑީގެ ގޮތުގައި ހަރަދު ކުރީ 528 މިލިއަން ރުފިޔާ އެވެ.
ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި ސަބްސިޑީ އާއި ސަރުކާރުން ދޭ އެހީތަކުގެ ގޮތުގައި 4.6 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. މިހާ ބޮޑު ބަޖެޓެއް އޭރު ކަނޑައެޅީ ކައުންސިލްތަކަށް ދޭ މާލީ އެހީ އާއި ސްކޫލު ކުދިންގެ ނާސްތާ ޕްރޮގްރާމަށާއި އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އެހީ ބޮޑުވުމުގެ ސަބަބުން ނެވެ. ނަމަވެސް މިހާރު ސަރުކާރުން ވަނީ ކައުންސިލްތަކަށް ދޭން ކަނޑައެޅި ފައިސާ ނުދީ މަޑު ޖައްސާލަން ނިންމައިފަ އެވެ.

