ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްނަބީލާ އަމީނާ މުޙައްމަދު އަމީން އަވަހާރަވުމާއި ގުޅިގެން ރައީސް ޞާލިޙް ތައުޒިޔާ ވިދާޅުވެއްޖެ

ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އައްނަބީލާ އަމީނާ މުޙައްމަދު އަމީން އަވަހާރަވުމާއި ގުޅީގެން އެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ތައުޒިޔާ ވިދާޅުވެއްޖެއެވެ.

އައްނަބީލާ އަމީނާ މުޙައްމަދު އަމީން އަވަހާރަވެފައިވަނީ ޢުމުރުފުޅުން 85 ވަނަ އަހަރުގައި، އެ ކަމަނާގެ އަމިއްލަ ގެކޮޅުގައި މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ.

މި ގޮތުން، ރައީސް ޞާލިޙް ވަނީ، އައްނަބީލާ އަމީނާ މުޙައްމަދު އަމީން ޢާއިލާއާއި ފޯނުން ގުޅުއްވައި ވާހަކަފުޅު ދައްކަވާފައެވެ. މި ފޯނުކޯލުގައި ރައީސް ވިދާޅުވީ، އައްނަބީލާ އަމީނާ މުޙައްމަދު އަމީން އަވަހާރަވި  ޚަބަރު އެއްސެވީ ވަރަށް ފުން ހިތާމައާއެކުގައި ކަމަށެވެ. މީގެ އިތުރުން ރައީސް ވަނީ، އެ ޢާއިލާއަށް ލިބިވަޑައިގެންނެވި ފުން ހިތާމައިގައި ބައިވެރިވެވަޑައިގެން ތަޢުޒިޔާ ވިދާޅުވެފައެވެ. ރައީސް ޞާލިޙްވަނީ، އައްނަބީލާ އަމީނާގެ ފުރާނައަށް މާތްﷲ ހެޔޮ ރަޙްމަތް ލެއްވުމަށާއި، އެ ކަމަނާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުމަށާއި، ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި މާތްﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވާކަމަށްވެސް ވިދާޅުވެފައެވެ.

ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔަތުގެ ފުރަތަމަ ރައީސްގެ ދަރިކަނބަލުން، 

އަންނަބީލާ އަމީނާ މުޙައްމަދު އަމީން ވަނީ،  20 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދުމަތް ކުރައްވާފައެވެ. މި ގޮތުން އެ ކަމަނާ ސަރުކާރުގެ ޚިދުމަތް އެންމެ ފުރަތަމަ ފަށްޓަވާފައިވަނީ 23 ޖުލައި 1955ވަނައަހަރުގެ ޖުލައިމަހުގެ 23 ވަނަ ދުވަހުގައި މަދްރަސަތުލް ސަނިއްޔާ(މިހާރުގެ މަޖީދިއްޔާ ސްކޫލް) ގެ ނާޒިރުގެ ނާއިބުކަމުގެ މަގާމުންނެވެ. އެއަށްފަހު 17 ޑިސެންބަރު 1957 ގައި އެ މަގާމުން ވަކިވެވަޑައިގަތުމަށްފަހު، 21 މެއި 1961 ގައި ވުޒާރަތުއް ޞިއްޙާގެ ސެކްރެޓެރީ ކަމުގެ މަގާމު ފުރުއްވަން ފެއްޓެވިއެވެ.  އޭގެފަހުން، ވަޒީރުލްއަޢުޒަމްގެ އޮފީހުގެ ސެކްރެޓެރީކަމާއި، ވަޒީރުލްއަޢުޒަމްގެ ސެކްރެޓެރީކަން ކުރައްވާފައި ވެސް ވެއެވެ. 

އެއަށްފަހު، 16 ޖަނަވަރީ 1968ގައި  ވަކިވެވަޑައިގަތުމަށްފަހު، އަލުން ސަރުކާރަށް ޚިދުމަތް ކުރައްވަން ފަށްޓަވާފައިވަނީ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމްގެ ޒަޢާމަތުގައި 10 ފެބުރުވަރީ 1980 ގައެވެ. އޭރު އެ ކަމަނާ ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑިރެކްޓަރ އޮފް ސޯޝަލް އެފެއާޒް ކަމުގެ މަގާމުގައެވެ. އެ މަގާމުގައި 8 އަހަރު ދުވަސްވަންދެން ޚިދުމަތް ކުރެއްވުމަށްފަހު އޭގެފަހުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒް އެންޑް ސޯޝަލް ސަރވިސަސްގެ ޑިރެކްޓަރ އޮފް ސޯޝަލް އެފެއާޒް ކަމުގެ މަގާމު ފުރުއްވެވިއެވެ. މީގެ އިތުރުން، މިނިސްޓްރީ އޮފް ހެލްތް އެންޑް ވެލްފެއަރގެ ޑިރެކްޓަރ އޮފް ސޯޝަލް ސަރވިސަސް ކަމުގެ މަގާމު ވެސް ފުރުއްވާފައިވެއެވެ. ހަމައެއާއެކު 

އެ ކަމަނާވަނީ،  ރައްޔިތުންގެ މަޖިލީހުގެ ރައީސުލްޖުމްހޫރިއްޔާގެ މެމްބަރުކަން ވެސް ކުރައްވާފައެވެ.

 

އެ ކަމަނާގެ މި ޚިދުމަތްތަކަށްފަހު، ވަޒީފާއިން ވަކިވެވަޑައިގެންފައިވަނީ 1 މާރިޗު 1992 ގައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: