ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް އަމީންގެ ދަރިކަނބަލުން އަމީނާއެވެ! އާދޭހެވެ، އަދަކީ އިއްޔެ އާއި، ވަރަށްވެސް ތަފާތު ދުވަހެކެވެ!

ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދުގެ އިރު އުދަވީ، ޤައުމަށް ފުން ހިތާމައެއް ގެނެސްދެމުންނެވެ. އެހެން ޢިބާރާތަކުން ބަޔާންކުރާނަމަ މިއަދަކީ، ދިވެހިން އެ ބޭފުޅަށްޓަކައި ފަޚުރުވެރިވާ ކަނބަލެއް މި ފަނާވަނިވި ދުނިޔެއާއި އަލްވަދާޢު ކިޔުއްވި ދުވަހެވެ.

އެ ކަނބަލަކީ، ހުރާގޭ ޚާންދާނަށް ނިސްބަތްވެ ވަޑައިގަންނަވާ ކަނބަލެކެވެ. އެއީ ޙުސައިން ދޮށިމޭނާ ކިލެގެފާނުގެ ދަރިކަލުން އަޙުމަދު ދޮށިމޭނާ ކިލެގެފާނާއި މަރިޔަމް މަނިކެގެ ދަރިކަލުން ޢަލީ ދޮށިމޭނާ ކިލެގެފާނާއި، ހޮޅުދޫ ނެވިގޭ ދޮންކޮއްކޮ މަރަދޫ ޝައިޚް އިބްރާހިމް ކަލޭގެފާނުގެ މުޙައްމަދު ތަކުރުފާނު (ހެންވޭރުބޮޑު ޚަތީބު)ގެ އާމިނާމަނިކެ އާއި ކައިވެނި ބައްލަވައިގެން ލިބިވަޑައިގަތް ފާތިމާ މަނިކެ  އަށް ލިބުނު އިބްރާހީމް ދޮށިމޭނާ ކިލެގެފާނު، ކަކާގޭ މަރިޔަމް ދީދީ (ދޮންދީދީ) އާއި ކައިވެނި ބައްލަވައިގެން ލިބިވަޑައިގަތް އަޙްމަދު ދޮށިމޭނާ ކިލެގެފާނުގެ، ސުއްމުވުލްއަމީރުލް މަރުޙޫމު މުޙައްމަދު އަމީން ދޮށިމޭނާކިލެގެފާނގެ ދަރިކަނބަލުންނެވެ.

އެ ކަމަނާގެ މަންމާފުޅަކީ، މުލީ ހަކުރާ މަނިކުގެ، ހައްވާ މަނިކެގެ، ޢަލިމަނިކު ފަޑިއްތަކުރުފާނުގެ، ބޮޑުގަލު އިސްމާއީލް މަނިކުގެ، ބޮޑުގަލު މޫސާދީދީ ދަރަވަންދޫ މޫސާކަލޭފާނުގެ ތުއްތުމަނިކެއާއި ކައިވެނި ބައްލަވައިގެން ލިބިވަޑައިގަތް ފަޟީލަތުއްޝައިޙުލް މަރުޙޫމް ޙުސެއިން ޞަލާޙުއްދީނާއި މެދު ގަނޑުވަރު ތުއްތުގޮމާއަށް ލިބިވަޑައގެންނެވި ދަރިކަނބަލުން ފާޠިމަތު ސަޢީދެވެ. 

އާދެ! އަޅުގަނޑު އިސްވެ މި ބަޔާންކުރި ސުއްމުވުލްއަމީރު މުޙައްމަދު އަމީނާއި، ފާޠިމަތު ސަޢީދުގެ ދެމަފިރިކަނބަލުންނަށް 3 ބޭފުޅަކު ލިބިވަޑައިގަތެވެ. މި ގޮތުން އެ ކަނބަލަކާ ބެހޭ ގޮތުން އަޅުގަނޑު މި ވާހަކަދައްކާ ކަނބަލަކީ، އައްނަބީލާ އަމީނާ މުޙައްމަދު އަމީނެވެ. ސުއްމުވުލްއަމީރު މުޙައްމަދު އަމީނު އަވަހާރަވެވަޑައިގަތްއިރު އެ މަނިކުފާނުގެ ބޭފުޅުންގެތެރެއިން ދުނިޔޭގައި އިންނެވީ ހަމަ އެކަނި މި ކަމަނާއެވެ. 

އައްނަބީލާ އަމީނާ މުޙައްމަދު އަމީން 3 ކައިވެންޏެއް ކުރެއްވިއެވެ.  އެއީ ޝަމްސުއްދީނު ޙިލްމީއާއި، އިބްރާހިމް ރަސްގެފާނުގެ ދަރިކޮޅުން ވަޑައިގަތް، ޢަބްދުލްމަޖީދު މާހިރާއި، މާވާގޭ ޢަބްދުލްޙަމީދެވެ. 

މި ތިން ކައިވެނީގެތެރެއިން، އެ ކަމަނާއަށް ބޭފުޅުން ލިބިވަޑައިގަތީ ދެ ކައިވެންޏަކުންނެވެ. މި ގޮތުން، ޢަބްދުލްމަޖީދު މާހިރާއި ކުރެއްވި ކައިވެނިން ލިބިވަޑައިގަތީ، ޑރ.ފަރަހްނާޒް ފައިޞަލްއާއި، އަމީން ފައިޞަލްއާއި، އިބްރާހިމް ފައިޞަލެވެ. މާވާގޭ ޢަބްދުލްޙަމީދާއި ކުރެއްވި ކައިވެނިން ލިބިވަޑައިގަތީ، ޢާއިޝަތު ޝުވޭކާރު ޢަބްދުލްޙަމީދެވެ.

 އަންނަބީލާ އަމީނާ މުޙައްމަދު އަމީންއަކީ ދިގު މުއްދަތެއްވަންދެން ދަޢުލަތަށް ޚިދުމަތް ފޯރުކޮށްދެއްވާފައިވާ ކަނބަލެކެވެ. މި ގޮތުން ވިހި  އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދުމަތް ކުރައްވާފައިވެއެވެ. 

އައްނަބީލާ އަމީނާގެ ޚިދުމަތްތަކަށް ނަޒަރެއް ހިންގައިލާއިރު، ސަރުކާރުގެ ޚިދުމަތް އެންމެ ފުރަތަމަ ފަށްޓަވާފައިވަނީ މީލާދީ ސަނަތުން، ނަވާރަ ސަތޭކަ ފަންސާސް ފަސް ވަނަ އަހަރުގެ ޖުލައިމަހުގެ 23 ވަނަ ދުވަހުގައެވެ. އެންމެ ފުރަތަމަ އަދާކުރެއްވީ، މަދްރަސަތުލް ސަނިއްޔާ(މިހާރުގެ މަޖީދިއްޔާ ސްކޫލް) ގެ ނާޒިރުގެ ނާއިބުކަމުގެ މަގާމެވެ.  މި ގޮތުން މަދްރަސަތުލް ސަނިއްޔާގެ ނާޒިރުގެ ނާއިބުކަމުގެ މަގާމުގައި 17 ޑިސެންބަރު 1957 އާއި ހަމައަށް ހުންނެވިއެވެ.

އެ މަގާމުން ވަކިވެވަޑައިގަތުމަށްފަހު އަދާކުރެއްވީ 21 މެއި 1961 ގައި ވުޒާރަތުއް ޞިއްޙާގެ ސެކްރެޓެރީ ކަމުގެ މަގާމެވެ. އެއީ 21 މެއި 1961 ގައެވެ.

އޭގެފަހުގައި ވަޒީރުލްއަޢުޒަމްގެ އޮފީހުގެ ސެކްރެޓެރީކަމާއި، ވަޒީރުލްއަޢުޒަމްގެ ސެކްރެޓެރީކަން ވެސް ކުރެއްވިމެއެވެ.

16 ޖަނަވަރީ 1968ގައި ސަރުކާރުން ވަކިވެވަޑައިގަތުމަށްފަހު، އަލުން ސަރުކާރަށް ޚިދުމަތް ކުރައްވަން ފެއްޓެވިއެވެ. މި ގޮތުން، އެ ކަމަނާ އަލުން ޚިދުމަތް ކުރައްވަން ފެއްޓެވީ، ކުރީގެ ރައީސް އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމްގެ ދައުރުގައި،  10 ފެބުރުވަރީ 1980 ގައެވެ. އޭރު އެ ކަމަނާ ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑިރެކްޓަރ އޮފް ސޯޝަލް އެފެއާޒް ކަމުގެ މަގާމުގައެވެ. މި މަޤާމުގައި 8 އަހަރު ދުވަސް ވޭތުވަންދެން ޚިދުމަތްތައް ކުރެއްވިއެވެ. 

އެއަށްފަހު މިނިސްޓްރީ އޮފް ހޯމްއެފެއާޒް އެންޑް ސޯޝަލް ސަރވިސަސްގެ ޑިރެކްޓަރ އޮފް ސޯޝަލް އެފެއާޒް ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ހެލްތް އެންޑް ވެލްފެއަރގެ ޑިރެކްޓަރ އޮފް ސޯޝަލް ސަރވިސަސް ކަމުގެ މަގާމު ވެސް ފުރުއްވާފައިވެއެވެ. މީގެ އިތުރުނ

އެ ކަމަނާވަނީ،  ރައްޔިތުންގެ މަޖިލީހުގެ ރައީސުލްޖުމްހޫރިއްޔާގެ މެމްބަރުކަން ވެސް ގިނަދުވަސްތަކެއް ވަންދެން ކުރައްވާފައެވެ. މި ޚިދުމަތްތަކަށްފަހު، އެ ކަމަނާ ވަޒީފާއިން ވަކިވެވަޑައިގެންފައިވަނީ 1 މާރިޗު 1992 ގައެވެ.

ތެދެކެވެ. މުޙައްމަދު އަމީން ދީދީ އެ މަނިކުފާނުގެ ދަރިކަނބަލުން އަމީނާއަށް ލިޔުއްވި ސިޓީގައި ވިދާޅުވި ފަދައިން ދުނިޔެއަކީ، އިމްތިޙާނެކެވެ. އެކި ކުލަތައް ދައްކަމުންއައިސް، އަނދިރިކަން އެކުލެވިފައިވާ، ނުވަތަ ފުސް ކުލައެއް ފެންނާނީ ކޮން އިރަކުންކަމެއް ނޭނގެއެވެ. ސިޓީގައި މުޙައްމަދު އަމީން ދީދީ ވިދާޅުވީ ކީކޭތޯއެވެ. 

”ބައްޕަގެ ނުހަނު ލޯބިވާ އަމީނާއަށް ގިނައިން ސަލާމް ބުނުމަށް ފަހު، ލޯތްބާއި، ކަރުނައާ އެކުގައި ބުނަމެވެ.“ 

”އަދަކީ އިއްޔެ އާއި، ވަރަށް ތަފާތު ދުވަހެކެވެ. އަދި މާދަމާ އަކީ، މިއަދާ ވަރަށް ވެސް ތަފާތު ދުވަހަކަށް ވުމަކީ، އެކަށީގެންވާ ކަމެކެވެ.“

އާދޭހެވެ. އެ މަނިކުފާނު ވިދާޅުވިފަދައިން މިއަދު ވަރަށް ވެސް ތަފާތެވެ. އަޅުގަނޑުމެންނާއި މިއަދު ކުރިމަތިވި ކަމަކީ، އެ ކަންވާނެކަމަކަށް އަޅުގަނޑުމެން ހީކޮށްގެން ތިބި ކަމެއް ވެސް ނޫނެވެ. އާދޭހެވެ. މިއަދަކީ، މި ޤައުމަށް އެތަކެއް ޚިދުމަތްކޮށްދެއްވާފައިވާ، އަޅުގަނޑުމެންގެ ލޮބުވެތި އައްނަބީލާ އަމީނާ މުޙައްމަދު އަމީން އަވަހާރަވި ދުވަހެވެ. ޢުމުރުފުޅުން 85 އަހަރުގައި ، އެ ކަމަނާ އަވަހާރަވެފައިވަނީ، އެ ކަމަނާގެ އަމިއްލަ ގެކޮޅުގައެވެ. މާތް ﷲ އެ ކަމަނާއަށް ޖަންނަތުލް ފިރުދައުސް ދެއްވާނދޭވެ! އާމީން! 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: