ދުވަސް ފުރާ ވިހެއުމަށް އައިޖީއެމްއެޗްއަށް ގެންދިޔަ މާބަނޑު އަންހެނަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާތީ އޭނާ ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.
އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި އޮތް މާބަނޑު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަން އެނގިފައިވަނީ މިއަދުއެވެ. އޭނާ ވިހެއުމަށް އެ ހޮސްޕިޓަލުގައި އެޑްމިޓު ކުރީ މީގެ ދެ ދުވަސް ކުރީންނެވެ. މީގެ ކުރިން، އެންއީއޯސީއިން ވަނީ އައިޖީއެމްއެޗްއަށް ގެންދެވޭ މީހުން އެޑްމިޓު ކުރުމުގެ ކުރިން ސާމްޕަލް ނަގާ ބައްޔަށް ޓެސްޓު ކުރާނެ ކަމަށް ބުނެފައެވެ. އެގޮތުގެ މަތީން ނެގި ސާމްޕަލްއެއް ޕޮޒިޓިވް ވީއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މަބުރޫކް އަޒީޒް ވިދާޅުވީ މާބަނޑު މީހާ ބައްޔަށް ޕޮޒިޓިވްވުމާއި ގުޅިގެން އެ މީހާ ޓްރީޓޮޕަށް ބަދަލުކޮށް ފަރުވާ ދޭން ފެށީ ހާލަތަށް އެއްވެސް ބަދަލެއް އައިސްގެނެއް ނޫން ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށް މަބްރޫކް ވިދާޅުވިއެވެ. މަބްރޫކް ވިދާޅުވީ، އޭނާއަކީ އެއްވެސް އަލާމާތެއް ނެތި ބައްޔަށް ޕޮޒިޓިވް ވީ މީހެއް ކަމަށެވެ.
މާބަނޑު މީހުންނަކީ، ކޮވިޑުގެ ހައިރިސްކު ކެޓަގަރީއެކެވެ. މިރޭގެ ޕްރެސްގައި އެކަމާއި ގުޅޭގޮތުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ގޭގައި މާބަނޑު މީހެއް އުޅޭނަމަ އޭނާއާއި މާބޮޑަށް ކައިރިވުން މަދު ކުރަން ވާނެ ކަމަށެވެ. އަދި ހޮސްޕިޓަަލަށް ދާން ނިކުންނައިރު ވެސް އެހެން މީހުންނާއި މަދު ވެގެން ތިން ފޫޓުގެ ދުރުމިނެއް ބަހައްޓަން ޖެހޭ ކަމަށެެވެ.

