ކޮރޯނާ ވައިރަހާއި ގުޅިގެން ހަދާފައިވާ ކަރަންޓީނު ފެސިލިޓީތަކަކީ ޖަލެއްނޫންކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިޝް ޢަބްދުﷲ ފައިރޫޝް ވިދާޅުވެއްޖެއެވެ.
ފައިރޫޝް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކަރަންޓީނު ފެސިލިޓީތަކަކީ ޖަލެއްނޫންކަމަށާއި، އަދި އެ ތަންތަނަކީ ދަނޑިމާރުއަޅައިގެން މީހުން ބަލަހައްޓާތަނެއް ވެސް ނޫންކަމަށެވެ.
މީގެ އިތުރުން ފައިރޫޝް ވިދާޅުވީ، ކަރަންޓީނު ފެސިިލިޓީތަކަށް ގެންދެވޭ މީހުންނާއި، އެ ތަންތަނުގައި ތިބެން އެއްބަސްވެގެން އެ ތަނަށްދާ މީހުންގެ ޒިންމާއެއްވާކަމަށެވެ.
މި ގޮތުން ފައިރޫޝްވަނީ، ކޮންމެ މީހަކުވެސް އެ މީހެއްގެ ފަރުދީ ޒިންމާ އަދާކުރުމަށް ގޮވާލައްވާފައެވެ.
ފައިރޫޝްވަނީ، އެހެން މީހުން ނުރައްކަލުގެ ތެރެއަށް ހުށަހަޅާ މީހުންނަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް ވެސް ވިދާޅުވެފައެވެ.
ފައިރޫޝް މިހެން ވިދާޅުވެފައިވާއިރު، އައްޑޫ ހެރެތެރެ ރިސޯޓްގައި ކަރަންޓީނުކޮށްފައި ތިއްބާ ފިލައިގެން ދިޔަ ފަސް މީހުންގެ ތެރެއިން ތިން މީހަކު ހޯދައި، ފުލުހުންގެ ބެލުމުގެ ދަށަށް މިހާރުވަނީ ގެންގޮސްފައެވެ. މީގެ އިތުރުން ވެސް ކަރަންޓީނު ފެސިލިޓީތަކުގައި ތިބޭ ބައެއް މީހުން އެ ތަންތަނުގެ ފާރުމަތިން އަރައިގެން، އެ ތަނުން ބޭރަށް ނިކުންނަ މަންޒަރުތައް ދައްކައިދޭ ވީޑިއޯތައް ވެސް މީޑިއާގައި ވަނީ ވައިރަލްވެފައެވެ.

