ރާއްޖޭގައި ކޮވިޑު ބަލި ޖެހިގެން ފަރުވާ ދެމުން އަންނަ އެންމެންގެ ވެސް ހާލު ރަނގަޅު ކަމަށް ނޭޝަނަލް އޮޕަރޭޝަންސް ސެންޓަރުން ހާމަކޮށްފިއެވެ.
މިދިޔަ މަހުގެ 15 ވަނަ ދުވަހު މާލޭން ފެނުނު އެންމެ ފުރަތަމަ ކޭސްއަށް ފަހު ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 418 އަށް އަރާފައެވެ. އަދި އިތުރު ސާމްޕަލްތައް ނެގުމުގެ މަސައްކަތް ކުރިޔަށްދާއިރު ކުރިޔަށް އޮތް ދެ ހަފްތާއެއްހާ ދުވަހަކީ މާލެއަށް ފަސޭހަ ދުވަސްތަކަކަށް ނުވާނެ ކަމަށް ޑޮކްޓަރުން ދަނީ ވިދާޅުވަމުންނެވެ. ބަލި ޖެހިފައި ހުރި މީހުން ކޮންޓެކްޓް ޓްރޭސިން މެދުވެރިކޮށް ހޯދުމުގެ މަސައްކަތް ކުރިޔަށް ގެންދިޔަ ނަމަވެސް، އެއްވެސް ކޭސްއަކާއި ގުޅުމެއް ނެތި ވެސް ބަލި ޖެހިފައި ތިބި މީހުން ދަނީ ފެންނަމުންނެވެ. އަދި ބައެއް މީހުން އެއްވެސް އަލަމާތެއް ނެތި ވެސް ބައްޔަށް ދަނީ ޕޮޒިޓިވް ވަމުންނެވެ.
ރާއްޖޭގައި ކޮވިޑް ޖެހިގެން ފަރުވާ ދެމުންދާ މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ ފަރާތްތަކާއި، އަދި ގިނަ ކުޑަކުދިންތަކެއް ހިމެނެއެވެ. ބުދަ ދުވަހުގެ ރޭ ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ކައިރިން މޮނީޓާރ ކުރަންޖެހޭ ފަސް މީހަކު ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި އެޑްމިޓު ކުރެވިފައިވާ ކަމަށެވެ.
ކޮވިޑް ޖެހޭ މީހުންގެ ތެރެއިން ހާލަތު ގޯސްވާ މީހުންނަށް ފަރުވާ ދިނުމަށް ކަނޑައަޅާފައިވަނީ، ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާއެވެ. ޑީއެޗް11 އާއި ޑީއެޗް17 ގައި ބަލިމީހުންނަށް ފަރުވާ ދޭނީ އައިސޮލޭޝަންގައެވެ. އަދި އެކަމުގެ ސަބަބުން އިތުރު އެއްވެސް މީހަކަށް ގެއްލުމެއް ނޯންނާނެއެވެ. ބަލި މީހާއަށް ފަރުވާ ދޭނީ، ރެސްޓްރިކްޓެޑް އޭރިއާއެއްގައެވެ. އަދި ކޮންމެ ކޮންމެ މީހަކަށް އޭނާ ބާއްވާފައި އޮތް ތަނާއި ކައިރިއަށް ނުދެވޭނެއެވެ. އެތަނަށް ވަންނާނީ އެހެން ބަލި މީހުން ވަންނަ ދޮރު ނޫން އެހެން ހާއްސަ ދޮރަކުންނެވެ. އަދި ބަލި މީހާ ގެންދާނީވެސް އާންމުންނާއި ހޮސްޕިޓަލުގެ ބައެއް ސްޓާފުންނަށްވެސް ބޭނުން ނުކުރެވޭނެ ލިފްޓަކުންނެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ ޑީއެޗް11 ގައި ފަރުވާ ދޭ މީހުންގެ ތެރެއިން އެކަކު އެއީ 58 އަހަރުގެ އަންހެނެއް ކަމަށެވެ. އަދި އޭނާގެ ހާލަތު ރަނގަޅުވުމުން އެފްއައިއެފްއަށް ބަދަލު ކުރެވިފައިވާ ކަމަށެވެ. މީގެ އިތުރުން 88 އަހަރުގެ ފިރިހެނަކަށް ވަނީ އޮކްސިޖަން ދޭން ފަށާފައެވެ. ހާލަތުގެ ސަބަބުން ދަރުމަވަންތައަށް ބަދަލު ކުރި 48 އަހަރުގެ ބިދޭސީގެ ހާލަތު ވެސް ރަނގަޅު ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ. އަދި 80 އަހަރުގެ އަންހެން މީހާގެ ހާލު ވެސް ރަނގަޅު ކަމުގައި އޭނާ ވިދާޅުވިއެވެ. ޑރ. އަފްޒަލް ވިދާޅުވީ ވެންޓިލޭޓަރުގައި ދެ ފިރިހެނަކަށް ފަރުވާދެމުން އަންނަ ކަމަށާއި އެއީ 70 އަހަރުގެ މީހަކާއި 88 އަހަރުގެ މީހެއް ކަމަށެވެ.
މިހާތަނަށް ރާއްޖެއިން 618 އަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، 20 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި ދެ މީހަކު ވަނީ ނިޔާވެފައެވެ.

