ޤައުމު އަބަދުވެސް ދައްކަނީ އެއް ވާހަކައެކެވެ. އިސްލާމީ ޝަރީޢަތް ޤާއިމުނުކުރެވޭ ވާހަކައެވެ. އިސްލާމްދީނުގެ އަސާސްތައް ޤާއިމު ނުކުރެވޭ ވާހަކައެވެ. ބޮޑެތި ކުށްތަކަށް އަރައިގަންނަ މީހުންނަށް ޙައްޤު އަދަބު ނުދެވޭ ވާހަކައެވެ.
ތެދެކެވެ. ފަހަކަށް އައިސް ދިވެހިރާއްޖޭގައި ބޮޑެތި ކުށްކުށަށް އަރައިގަތުން މިވަނީ ޢާންމުކަމަކަށްވެފައެވެ. މި ގޮތުން ބަލާއިރު، ކުށެއްނެތް ފުރާނަތައް ޤަތުލުކުރުން މިއަދު މިވަނީ ޢާންމުކަމަކަށްވެފައެވެ. ދޭތެރެދޭތެރެއިން މިދަނީ ރާއްޖެއަށް ސިހުން ގެނުވަމުންނެވެ. ކޮންމެވެސް ތަނެއްގައި މަރުވެފައި އޮތް މީހަކުގެ ޚަބަރެއްގެ ސަބަބުންނެވެ. އެހެންނަމަވެސް މައްސަލައިގެ ތަޙުޤީޤު ނިމޭއިރު، އެ ކަމަކީ ޤުދުރަތީ ކަމަކަށްނުވެއެވެ. އަދި ކީއްތަ، ކޮންމެވެސް ރަޙުމުކުޑަ މީހެއްގެ ސަބަބުން އަނެކާ ޤަތުލުކޮށްލަނީއެވެ. އެހެނަސް، އެއިން މީހަކަށް ވެސް ޙައްޤު އަދަބު ލިބޭގޮތެއް ނުވެއެވެ. އޭގެ ބަދަލުގައި ދުވަސްކޮޅަކު ހުރަގޭގައި އުޅެލާފައި، ދެން ފެންނަނީ އެހެންމީހުން ވެސް އުޅޭފަދައިން މިނިވަނެއްގެ ގޮތުގައި އުޅޭތަނެވެ. ކީއްވެގެންތޯއެވެ. އާދޭހެވެ. މައްސަލަ ސާބިތު ނުވީޔޯލައެވެ. އެކަށީގެންވާވަރަށް ހެއްކާއި ޤަރީނާ ނުލިބުނީޔޯލައެވެ.
އެހެނެއްކަމަކު މިހިރަ މިހިރަ ކަންތައްތަކަކީ، އަޅުގަނޑުމެންގެ ދީން އެ ކަންކަމަށް މަރުޙަބާ ކިޔާ ކަންކަމެއްނޫނެވެ. ފަހެ، މީހަކު މަރާ މީހާ، 25 އަހަރަށް ޖަލަށްލާކަށް ދީނުގައި އަންގަވާފައެއް ނޯވެއެވެ. އަދި ކީއްތަ، އިސްލާމުދީނުގައި އޮންނަނީ، ޙައްޤަކާނުލައި މީހަކު މަރާ މީހާއަށް މަރުގެ އަދަބު ތަންފީޒުކުރުމެވެ.
މިއަދު މި ޤައުމުގައި މަރުގެ އަދަބު ތަންފީޒުނުކުރިޔަސް، ވޭތުވެދިޔަ މާޒީގައި، މަރުގެ އަދަބު ތަންފީޒުކޮށްފައި އެބަހުއްޓެވެ. އެހެންކަމުން އަޅުގަނޑުގެ ދުރުމީ އަމާޒު މި ކޮށްލަނީ، ހުވަދުއަތޮޅު އުތުރުބުރިއަށެވެ. 1953 ގައި މުޙައްމަދު އަމީންދީދީއަށް ވެރިކަން ލިބިވަޑައިގަތުމާއެކު ރާއްޖޭގެ ކަންކޮޅުތަކަށް ދަތުރުފުޅުތައް ކުރެއްވިއެވެ. މި ދަތުރުފުޅުތަކުން އެނގި ހާމަވީ، އެ މަނިކުފާނާއި ދިމާއަށް އަމާޒުވެފައިވާ ހަސަދަވެރި ލޯތަކެއް ވާކަމެވެ. މި ގޮތުން، ރާއްޖޭގެ ތާރީޚުގައި މަޝްހޫރު ގއ.ނިލަންދޫ ޙަކީމްދީދީއާއި، އެ އަތޮޅު ވިލިނގިލީ ދޮން އަޙްމަދުގެ ޢަލީ ތަކުރުފާނާއި، ޢައިޝާފާނާއި ދޮންދިޔަގެ ޢަލީ ތަކުރުފާނާއި، މި ހަތަރު މީހުން ހިންގި ޖަރީމާތަކަކީ ތާރީޚު އެ ކަމަށް ވަރުގަދައަކުން ހެކިދޭ ޖަރީމާތަކެކެވެ.
މިހާ ހިސާބުން، އެ ހަތަރު މީހުންކުރި ކަންތައްތަކަށް ބައްލަވާލައްވަމާ ހިންގަވާށެވެ. މަޙްކަމަތުއްޝަރީޢަތުގެ ޚާއްސަ ޖަލްސާއެއްގައި، ވަރަށްގިނަ ބައެއްގެ ހާޒިރުގައި އެ ހަތަރު މުޖުރިމުންގެ ޝަރީޢަތް ކުރިއަށް ގެންދެވުނެވެ. ޝަރީޢަތުގެ މަޖިލީހުގައި ޝަރީޢަތް ކުރައްވާ ޙުކުމްކުރައްވަން އިންނެވީ ފަޟީލަތުއް ޝައިޚު ޢަބްދުﷲ ޖަލާލުއްދީނެވެ. މި ގޮތުން، ޝަރީޢަތުގެ މަޖިލީހަށް ސާބިތުވީ، އޭރު ހުވަދު އަތޮޅު އަތޮޅުވެރިކަމުގައި ހުންނެވި ވީރު އަލިދީދީ ދުނިޔެއިން ވަކިކޮށްލުމަށް ސިހުރު ހަދާފައިވާކަމަށެވެ. މި ގޮތުން ގއ.ވިލިނގިލީ އަނީސްއޭ ކިޔުނު މީހަކު އެދިގެން، ޙަކީމް ދީދީވަނީ، ވަރަށް ވަރުގަދަ ވިހަ ހިކައެއްގައި،
ނުބައި ސިހުރެއް ލިޔެގެން، އެ ހިކަ ލައިގެން ފެންކައްކާފައި، އެ ފެނުގައި ސައިހަދައިފައި ވީރު އަލި ދީދީއަށް ބޯންދީފައެވެ. މި ކަމަށް ޙަކީމްދީދީ ވަނީ ފަށްފަށުން އިޢުތިރާފްވެފައެވެ. މި ގޮތުން ފަނޑިޔާރު ނިންމެވީ ކަނޑައެޅިފައިވާ ގޮތުގެ މަތިން ޙަކީމްދީދީގެ މަރު ހިފުމަށެވެ.
މީގެ އިތުރުން، ޙަކީމްދީދީއާއި، ދޮން އަޙްމަދުގެ ޢަލިތަކުރުފާނާއި، ދޮންދިޔަގެ ޢަލިތަކުރުފާނުވަނީ، ވިލިނގިލީ ޤަބުރުސްތާނުގައި ވަޅުލާފައިވާ ކުޑަކުޑަ ދެ ކުދިންގެ މަހާނަކޮނެގެން، އެ ކުދިންނަގައި ބަނޑުފަޅައިލައިގެން މޭގަނޑުގައި ތެޔޮ ހާނައި، އެ ތެޔޮ އެ މީހުންގެ ހަށިގަނޑުގައި އުނގުޅާ ތެޔޮހޭނި ކުނޑިތައް ކައިފައެވެ. މި ކަން ކުރިކަމަށް ޙަކީމްދީދީއާއި، ދޮން އަޙްމަދުގެ ޢަލިތަކުރުފާނުވަނީ އެއްބަސްވެފައެވެ. ނަމަވެސް ދޮންދިޔަގެ ޢަލިތަކުރުފާނުވަނީ މި ކަމަށް އިންކާރުކޮށްފައެވެ. ނަމަވެސް، އޭނާ އެކަން ކުރިކަމަށް ޝައްކެއްނެތް މިންވަރަށް ޝަރީޢަތަށް ސާބިތުވެފައިވާތީ އޭނާއަށާއި، ދޮން އަޙްމަދުގެ ޢަލިތަކުރުފާނާއިމެދު ފަނޑިޔާރު ނިޔާކަނޑައެޅުއްވީ 39 އެތިފަހަރުން ތައުޒީރުކުރުމަށްފަހު ޢުމުރަށް ހައްޔަރުކުރުމަށެވެ.
ހަމަ އެހެންމެ ހިކަ ލައިގެން ސައިކައްކައިދިންކަމަށާއި، އެ ނޫން ގޮތްގޮތުން ވެސް ވީރު އަލިދީދީ ދުނިޔެއިން ފޮހެލުމަށް ހިންގި ޖަރީމާގައި ބައިވެރިވި ވިލިނގިލީ ދޮން އަޙްމަދުދީދީގެ ޢައިޝާފާނު އެ ކަމަށް އިޢުތިރާފުވެފައިވެއެވެ. އެހެންކަމުން ފަނޑިޔާރު ނިންމެވީ، 39 އެތިފަހަރުން އޭނާ ތައުޒީރުކުރުމަށްފަހު، އަމުރު ނިމިއްޖައުމަށްދާންދެން ހައްޔަރުގައި ބޭއްވުމަށެވެ.
މި ޝަރީޢަތުގައި އިތުރަށް ސާބިތުވެގެން ދިޔަ ކަމެއްގެ ގޮތުގައި، އޭރުގެ ރައީސް ސުއްމުވުލްއަމީރުލް މުޙައްމަދު އަމީންދީދީ އަވަހާރަކޮށްލުމަށް ދޮން އަޙްމަދުގެ ޢަލިތަކުރުފާނު ވަނީ މަސައްކަތްކޮށްފައެވެ. މި ގޮތުން، އަމީންދީދީ އަވަހާރަކޮށްލުމުގެ ނިޔަތުގައި ގޮދަން ފުށުން ސޫރައެއް ހަދައިގެން، އެ ސޫރަ ކާންއުޅެއުޅެ ނުކެވުނުކަމަށް ޢަލިތަކުރުފާނު ވަނީ، ޝަރީޢަތުގެ މަޖިލީހުގައި އިޢުތިރާފުވެފައެވެ.
އާދޭހެވެ. ޙަކީމް ދީދީގެ މަރުގެ އަދަބު ތަންފީޒު ކުރާ ވަގުތު ޖެހުނީއެވެ. މި ގޮތުން، ފަނޑިޔާރު ފަޟީލަތުއް ޝައިޚު ޢަބްދުﷲ ޖަލާލުއްދީން ކަނޑައެޅުއްވި ގޮތުގެ މަތިން، އެ މަނިކުފާނާއި، އޭރުގެ ވަޒީރުލްއަމީންޢާންމާއި، ވަޒީރުލްއަމީންޢާންމުގެ ވަކީލާއި، މަޙްކަމަތުއް ޝަރިއްޔާގެ ވެރިޔާގެ ޤާއިމުމަޤާމު އައްޝައިޚް އިބްރާހިމް ރުޝްދީ އަލްއަޒްހަރީއާއި، ފަޟީލަތުއް ޝައިޚް މަލިން މޫސާ ކަލޭފާނުގެ ހާޒިިރުގައި ޙަކީމްދީދީގެ މަރުގެ އަދަބު ތަންފީޒުކުރެވުނެވެ. މި ގޮތުން، ހުޅުލޭގައި ޙަކީމްދީދީ ގަޔަށް ބަޑިޖަހައި މަރައިލެވުނެވެ. އާދެ، ޝައްކެއް ނެތް މިންވަރަށް ސާބިތުވުމުން ޙުކުމް ތަންފީޒުކުރެވިގެންދިޔައީއެވެ.
އެހެނަސް މިއަދުގެ ޤާނޫނު އަސާސީ މި ވަނީ ކުޅޭކުޅޭ އެއްޗަކަށްވެފައެވެ. ކޯޓުތައް މިވަނީ ހޮޅުއަށްޓަކަށްވެފައެވެ. ވަރު ހުންނާނީ ވަނާ ޖުނބޭސާއަކު ނޫންކަމާއި، ވަރު ހުންނަނީ ފައިސާގައިކަމަށް ބައެއް ފަނޑިޔާރުން މިއަދު ދައްކަވައިދެއްވައިފިއެވެ. ރާއްޖޭގެ ބިމުގެ އަޑިން އުތުރިގެންއައި ކޮރަޕްޝަން މިއަދު މިވަނީ އާސްމާނަށް އަރައި އަތްނުފޯރާފަށުގައެވެ. ތެދެކެވެ. ވަކަރުގަނޑު މާވަޑިޔާ ހިތެކެވެ. ނިޔާ ފަނޑިޔާރާ ހިތެކެވެ.
ނޮވެމްބަރު 3 ގެ ހާދިސާގައި ރާއްޖެއަށް ދިން ޢުދުވާނީ ޙަމަލާގައި ޝަހީދުވި ދިވެހި ޢާއިލާތަކުގެ އެންމެން ވެސް ބޭނުންވީ މަރަށް މަރު ހިފުމަށެވެ. އެ ހަމަލާގައި ކުށްވެރިވި މީހުންގެ ތެރެއިން ހަތަރު ދިވެއްސަކާއި 12 ބިދޭސީއަކު މަރަން ނިޔާ ކަނޑައަޅާފައިވެއެވެ. އެހެން ނަމަވެސް އެއިން އެކަކުގެ މައްޗަށް ވެސް މަރުގެ ޙުކުމް ތަންފީޒުކޮށްފައެއް ނުވެއެވެ.
ހަމައެހެންމެ ސިފައިން ހިންގި އަނިޔާވެރިކަމުގައި އީވާން ނަސީމް މަރުވުމާއި، ސެޕްޓެމްބަރު 20 ވަނަދުވަހު ޖަލުގެ ގޮޅިތަކުން ނިކުތް މީހުންގެ ގަޔަށް ބަޑިޖެހުމުގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ގޮސްފައިވެއެވެ. މިއީ ފަހުގެ ތާރީޚެއްގައި ހިނގި އެންމެ ބިރުވެރި އަދި ހިތާމަވެރި އެއް ހާދިސާއެވެ. ނަމަވެސް އެ ޖަރީމާ ހިންގި މީހުން ކޮބައިތޯއެވެ.
މީގެ އިތުރުން، އޭޕްރީލް 5، 2001 ގައި ވިޔަފާރިވެރިންގެ ޖަމްޢިއްޔާގެ ފާޚާނާގެތެރޭގައި، މަރާލާފައިވާ އަޒްލީނާ ނަފީސްގެ ޤާތިލެކަމަށްވާ ޢަބްދުﷲ ޒުހައިރު ކޮބައިތޯއެވެ. އެ މައްސަލާގައި، އޯގަސްޓް 2002 ގައި ޢުމުރަށް ޖަލަށް ލުމަށް ޙުކުމްކުރިއިރު، 11 އަހަރު ފަހުން ޒުހައިރުވަނީ މިނިވަންވެފައެވެ.
ދީނީ ޢިލްމުވެރިޔާ އަފްރާޝީމޭތޯއެވެ. އަފްރާޝީމް އަވަހާރަ ކޮށްލާފައިވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުން އިސްތިއުފާ ދެއްވިފަހުން، ވެރިކަން ކުރެއްވި ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ވެރިކަމުގައެވެ. އަޅުގަނޑު މެންނަށް ފެނިގެންދިޔައީ ރޭގނޑެއްގެ ހަމަހިމޭންކަމުގައި ބަޔަކު އައިސް އެ ބޭފުޅާ އަވަހާރަކޮށްލި މަންޒަރެވެ. އެ ބޭފުޅާގެ ހަށިގަނޑުގެ 12 ވަރަކަށް ތަން ޒަޚަމުކޮށްލައި ކަރަށާއި،ބޮލަށް ވެސް ހަމަލާތައް އަމާޒުވެފައިވެއެވެ. އެ ބޭފުޅާއަށް ހަމަލާދީފައިވަނީ ގެއިން ބޭރުގައި އުޅުއްވުމަށްފަހު ގެއަށް ވަދެވަޑައިގަތް ވަގުތުކަމަށް ފެނެއެވެ. ހިތާމައަކީ މިއަދާއި ހަމައަށް ވެސް އަފްރާޝީމްގެ މަރުގެ މައްސަލައިގެ ހަޤީޤަތެއް ކަމާބެހޭ އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ.
ދެން ފެނިގެންދިޔަ މަންޒަރަކީ، މުޅިން ތަފާތު މަންޒަރެކެވެ. 2014 ވަނަ އަހަރުގެ އޯގަސްޓްމަހުގެ 08 ވަނަ ދުވަހުން ފެށިގެން ނޫސްވެރިޔާ އަޙްމަދު ރިޟްވާންއަށަ ވީނުވީއެއް ނޭނގި ގެއްލުނު ވާހަކައެވެ. އަދިއަދަށް ދާންދެން ވެސް ވީ ކޮންތާކުކަމެއް ނޭނގެއެވެ.
ހަމައެއާއެކު ޔާމީންގެ މަރުގެ ހާދިސާއަކީ، މިހާތަނަށް ހިންގާފައިވާ އެންމެ ނުރައްކާތެރި އެންމެ ރަޙުމްކުޑަ އެއް ޖަރީމާއެވެ. މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި އުޅެފައި ޔާމިން ގެއަށް ދިއުމަށްޓަކައި ދަތުރުފެށީ މެންދަމު 2 ޖެހިފަހުންނެވެ. މި ގޮތުން، ބިސްބުރު ކައިރީ ހުންނަ ޔާމީން ދިރިއުޅޭ ގެއަށް އެނާ ވަދެފައިވަނީ 2:28 ގައެވެ. އެ ގޭގެގައި ދިރިއުޅޭ މީހަކަށް ޔާމީން މަރާލާފައި އޮއްވާ ފެނިފައިވަނީ 02:43 ހާއިރު ކަމަށްވެއެވެ.
ހަމައެއާއެކު ތުއްތުތުއްތު މައުސޫމް އިބްތިހާލުގެ މަންމަ ކޮބއިތޯއެވެ. އިބްތިހާލު މަރާލިކަމަށް އޭނާ އެއްބަސްވެފައިވާއިރު، އޭނާއަށް ދެވުނު އަދަބަކީ ކޮބައިތޯއެވެ.
އާދޭހެވެ. މިފަދަ ތަފާތު އެތައް މައްސަލަތަކެއް އެބަހުއްޓެވެ. އެހެންނަމަވެސް އިންސާފުވީ އެތައް ހާސް މޭލެއްގެ ދުރުގައެވެ. މިހާތަނަށް އައި ކޮންމެ ސަރުކާރަކަށް ވެސް، މި ކަންކަމަށް އިންސާފު ހޯދައިދޭންވަނީ ފަސްޖެހިފައެވެ. ޢަދުލުވެރިކަމުގެ ކުރިމަތީގައި ވަނީ އިސްޖެހިފައެވެ. ޤާނޫނު އަސާސީވަނީ، މަޖިލީހުގެ ހަތަރު ފާރުތެރޭގައި އަނދަގޮނޑިޖައްސާފައެވެ.
އާދޭހެވެ. އަމީންދީދީ ކުރެއްވި ހިތްވަރު، ނާޞިރަކަށް ވެސް، މައުމޫނަކަށް ވެސް، ނަޝީދަކަށް ވެސް، ވަޙީދަކަށް ވެސް، ޔާމިނަކަށް ވެސް ކުރެއްވެވިފައެއް ނެތެވެ. ދެން ހުންނެވީ އަޅުގަނޑުމެންގެ ލޮބުވެތި ރައީސް، ރައީސް ޞާލިޙްއެވެ. އެ މަނިކުފާނުގެ ހިތްވަރުފުޅު ހުންނެވީ ކިހާ މިންވަރަކައްތޯ ބަލަން މަޑުކޮށްލައިގެން ހުރީމެވެ.


2 Responses
ސޯ .. ރައީސްގެ ހިތްވަރު މިމިނަކިރަނީ އެރެއީސަކު ކުރި މަރުގެ ހުކުންތަކުން ދެއްތޯ!! މިޔަށްވުރެ ރަނގަޅުވާނެ ތަންކޮޅެއް ދިރާސާ ކޮއްލިއްޔާ. ކޮންމެ ރަށެއްގައި ބޮޑު މަގެއްހަދާ. ކޮންމެ ރަށެއްގައި ރަށުއޮފީސް ހަދާ. ކާޑު ގުދަންހަދާ. ތައުލީމް ދޭންފަށާ. ކޮންމެ އަތޮޅަކުން އެންމެ މޮޅު 2 ކުދީންނަށް މަތީތައުލީމަށް މާލެގެނެސް ކިޔަވައިދީ. އަމީނު އެއީ ކާކުކަން ކޮއްކޮމެންނަށް ނުވެސް އެނގޭނެ. އަޅެ ފަހެ އުމުރުން ދުވަސްވީ މީހެއްކާރީ އަހާލާފަ ލިޔެބަލަ.
މުހައްމަދު އަމީނު ހިންގި ޖަރީމާތަށްވެސް ހޯދައިގެން ލިޔަލަބަލަ އޭރުން އިނގޭނެ ކަންކަމުގައި ހިތްވަރުހުރި ގޮތް