ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާއަށް ދިގު މުއްދަތެއްގައި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އައްޝައިޚް ޙުސައިން ޔޫސުފް އަވަހާރަވުމާއި ގުޅިގެން، އެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
މާފަންނު ނޫހިރިގޭ އައްޝައިޚް ޙުސައިން ޔޫސުފް އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ފާއިތުވުމަށްފަހު ބުރާސްފަތިވިލޭރޭގައި އިންޑިޔާގައެވެ. އައްޝައިޚް ޙުސައިން ޔޫސުފް އަވަހާރަވީއިރު ޢުމުރަކީ 78 އަހަރެވެ.
މި ގޮތުން، ރައީސް ޞާލިޙްވަނީ އައްޝައިޚުލް މަރުޙޫމް ޙުސައިން ޔޫސުފްގެ ޢާއިލާއަށް ފޯނުން ގުޅުއްވައި ވާހަކަފުޅު ދައްކަވާފައެވެ.
ރައީސް ވިދާޅުވީ، ޙުސައިން ޔޫސުފް އަވަހާރަވި ޚަބަރު އެއްސެވީ ވަރަށް ފުން ހިތާމައާއެކުގައިކަމަށެވެ.
މީގެ އިތުރުން ރައީސްވަނީ، ރާއްޖޭގެ ޝަރުޢީ ދާއިރާގެ ކުރިއެރުމަށާއި، ތަރައްޤީއަށް ޙުސައިން ޔޫސުފް ކޮށްދެއްވާފައިވާ ޚިދުމަތްތައް ފާހަގަކުރައްވާފައެވެ.
ރައީސް ވަނީ، މަރުޙޫމް ޙުސައިން ޔޫސުފްގެ ފުރާނައަށް މާތްﷲ ހެޔޮ ޖަޒާ ދެއްވުމަށާއި، ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވުމަށާއި، ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި މާތްﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވާކަމަށް ވިދާޅުވެފައެވެ.
ބ.ހިތާދުއަށް އުފަންވެވަޑައިގަތް އައްޝައިޚް އަލްމަރްހޫމް ޙުސައިން ޔޫސުފްވަނީ، 29 އަހަރަށްވުރެ ދިގު މުއްދަތެއް ވަންދެން ސަރުކާރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވާފައެވެ.
މި ގޮތުން އޭނާ އެނމެ ފުރަތަމަ އަދާކުރެއްވީ ބޮޑު އިސްޓޯރުގެ ކާތިބުކަމެވެ. އެއަށްފަހު ވުޒާރަތުލް މަޢާރިފުގެ ކާތިބުކަންވެސް ކުރައްވާ މިންނެތް މަސައްކަތްޕުޅުތަކެއް ކުރެއްވިއެވެ.
ބ.ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ޙުސައިންއާއި، އެމެރިކާގައި ހުންނަވާ ދިވެހި ސަފީރު ތިލްމީޒާ ޙުސައިންގެ ބައްޕާފުޅު އައްޝައިޚުލް މަރުޙޫމް ޙުސައިން ޔޫސުފް އެންމެ ގިނަދުވަސްވަންދެން ޚިދުމަތް ކުރައްވާފައިވަނީ ޝަރުޢީ ދާއިރާގައެވެ.
މި ގޮތުން ބަލާއިރު، ޝަރުޢީ ދާއިރާގެ އިސް މަގާމުތަކެއްގައި ހުންނަވައިގެން، ދާއިރާގެ ތަރައްޤީއަށާއި ކުރިއެރުމަށް ކުރައްވާފައިވާ ޚިދުމަތްތަކަކީ ފާހަގަކޮށްލަންޖެހޭފަދަ ޚިދުމަތްތަކެކެވެ.
އައްޝައިޚުލް މަރުޙޫމް ޙުސައިން ޔޫސުފަށް ފުރަތަމަ ޕެންޝަން ލިބިވަޑައިގަތީ 2003 ވަނަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހުގައެވެ.
އައްޝައިޚުލް މަރުޙޫމް ޙުސައިން ޔޫސުފަކީ، މަދީނަތުލް މުނައްވަރާގެ އިސްލާމިކް ޔުނިވަރސިޓީއިން ޝަރުޢީ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
މި ގޮތުން ރާއްޖެ ވަޑައިގެން ފުރަތަމަ އަދާކުރެއްވީ މިނިސްޓްރީ އޮފް ޖަސްޓިސްގެ ގާޒީކަމެވެ. އޭގެ އިތުރުން، މިނިސްޓްރީ އޮފް ޖަސްޓިސްގެ ޚާއްސަ ގާޒީކަމާއި، އެ މިނިސްޓްރީގެ ޑިރެކްޓަރ އޮފް ޖުޑީޝަލް އެފެއާރޒް ކަމުގެ މަގާމު ވެސް ފުރުއްވެވިއެވެ. ހަމައެއާއެކު ޑިރެކްޓަރ ޖެނެރަލް އޮފް ޖުޑީޝަލް އެފެއާރޒްކަމުގެ މަގާމާއި، އެގެޒެކްޓިވް ޑިރެކްޓަރުކަމުގެ މަގާމާއި، ޤާނޫނީ ކަންކަމަށް ލަފާދޭ ޚާއްސަ މުޝީރުކަން ވެސް ކުރެއްވިއެވެ.
މީގެ އިތުރުން، ހައިކޯޓުގެ ފަނޑިޔާރުކަމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަކީލުކަމާއި، އިސްލާމީ ކަންތައްތަކާބެހޭ އެންމެ މަތީ މަޖިލީހުގެ ޚާއްސަ މުޝީރުކަމާއި، މަދްރަސަތުލް ޠައިބާގެ ޢަރަބި އިސްލާމް ކިޔަވައިދޭ މުދައްރިސް ކަމުގެ މަގާމުވެސް އޭނާ ފުރުއްވެވިއެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒް ވިދާޅުވިގޮތުގައި، އައްޝައިޚުލް މަރުޙޫމް ޙުސައިން ޔޫސުފަކީ، އޯގާތެރި ބޭފުޅެކެވެ. މިކަން ބަޔާންކޮށް ފޭސްބުކްގައި އޭނާ ހިއްސާކުރެއްވި ސްޓޭޓަސްއެއްގައިވެއެވެ.
”އެ މަނިކުފާނާއެކު މަސައްކަތްކުރުމުގެ ފުރުސަތު ލިބުމުގެ ސަބަބުން، ވަރަށް ގިނަ ކަންތައްތަކެއް ދަސްވި. އޯގާތެރި އުސްތާޛެއް ނެތިދިއުމުގެ ފުން ހިތާމައެއް އިހުސާސް ކުރެވޭ..“ ފާއިޒް

