ކޮވިޑް-19 އާ ގުޅިގެން ކުރީ ސަފުގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ޚާއްސަ އެލަވަންސެއް ދިނުމަށް ސަރުކާރުން ނިންމާފައިވާކަން ހާމަކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ ބުރާސްފަތި ދުވަހު ދަރުބާރުގޭގައޮ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ.
ފިނޭންސް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ކުރީ ސަފުގައި މަސައްކަތްކުރާ ފަރާތްތަކަށް ޚާއްސަ އެލަވަންސެއްދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައިވާ ކަމަށެވެ.
އެގޮތުން ކޮވިޑާއި ދެކޮޅަށް އެންމެ އިސް ސަފުގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން ތިން ގިންތިއަކަށް ބަހާލައިގެން ފްރަންޓްލައިން އެލަވަންސެއް ދޭން ނިންމާފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ.
ފުރަތަމަ ގިންތިއަކީ ހައި ރިސްކު ކެޓަގަރީއެވެ. މި ގިންތީގައި ހިމެނެނީ، ކޮވިޑަށް ޕޮޒިޓިވްވާ މީހުންނާއި ސީދާ ގޮތުން ބައްދަލުވެ، ފަރުވާދިނުންފަދަ ކަންކަމުގައި ހަރަކާތްތެރިވާ ޑޮކްޓަރުންނާއި، ނަރުހުންނާއި، ސާމްޕަލް ނަގާ ފަރާތްތަކާއި، ލެބް ޓެކްނީޝަނުންނާއި، އެމީހުން އެއް ތަނުން އަނެއް ތަނަށް ގެންގޮސްދިނުމުގައި އުޅޭ ފަރާތްތަކާއި، ރެޕިޑް ރެސްޕޮންސް ޓީމުގައި ހިމެނޭ އޮފިޝަލުންނެވެ.
ހައި ރިސްކު ކެޓަގަރީގައި ހިމެނޭ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި ދޭން ނިންމާފައިވަނީ މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 500 ރުފިޔާއެވެ.
ދެވަނަ ގިންތީގެ ގޮތުގައި ކަނޑއަޅާފައިވަނީ މީޑިއަމް ރިސްކު ކެޓަގަރީއެވެ. އެއީ ބައްޔަށް ޕޮޒިޓިވްވާ މީހުނާ ސީދާ ގޮތުން ބައްދަލުނުވި ނަމަވެސް، ޕޮޒިޓިވްވާ މީހުނާ ސީދާ ގޮތުން ބައްދަލުވާ އޮފިޝަލުންނާ އެކުގައި މަސައްކަތް ކުރާ ފަރާތްތަކެވެ. މީޑިއަމް ރިސްކު ކެޓެގަރީގައި ހިމެނޭ މުވައްޒަފުންނަށް މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 250 ރުފިޔާގެ އެލަވަންސެއް ލިބޭނެ އެވެ.
މި ދެ ކެޓަގަރީގައި ނުހިމެނުނަސް ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތުގައި މަދުވެގެން ހަ ގަޑިއިރު މަސައްކަތްކުރާ ފަރާތްތަކަށް 200 ރުފިޔާގެ އެލަވަންސެއް ދޭން ނިންމާފައިވާކަމަށް އަމީރު ވަނީ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، އިދާރާތަކުގައި މަސައްކަތް ކުރައްވާ ފަރާތްތަކުގެ ތެރެއިން ޑެޕިޔުޓީ މިނިސްޓަރެއްގެ މުސާރައާ އެއްހަމައެއްގެ މުސާރަ ލިބޭ ފަރާތްތަކަށް މި އެލަވަންސް ނުލިބޭނެ ކަމަށެވެ.

