އައިޖީއެމްއެޗުގައި ކޮރޯނާ ވައިރަހަށް ފަރުވާ ހޯދަމުންއައި 80 އަހަރުގެ މީހާ ނިޔާވެއްޖެއެވެ.
މިރޭގެ އިރާކޮޅު ވަގުތެއްގައި މި މީހާ ނިޔާވެފައިވާކަން ސަންގަށްވަނީ ކަށަވަރުކުރެވިފައެވެ.
އެމީހާއަކީ ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ކޭސް ނަންބަރު 81 އެވެ. އޭނާ އަކީ ސްޓްރޯކެއް ޖެހުމުގެ ސަބަބުން ދެ އަހަރު ވަންދެން އެނދުމަތިވެފައިވާ މީހެކެވެ.
މީގެކުރިން އެޗްޕީއޭ އިން ވަނީ އޭނާއަކީ ހަކުރު ބައްޔާއި، ކްލޮސްޓްރޯލް އަދި ލޭމައްޗަށް ދިއުންފަދަ ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ މީހެއް ކަމަށާއި، އަދި މީގެކުރިން ނިއުމޯނިއާ ޖެހިގެން އޭނާ އެތައް ފަހަރަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ މީހެއް ކަމަށް ބުނެފައެވެ.
މިރޭ މި ނިޔާވި މީހާއާއިއެކު، ރާއްޖެއިން ކޮރޯނާވައިރަސް ޖެހިގެން ނިޔާވި މީހުންގެ އަދަދު މިވަނީ 3އަށް އިތުރުވެފައެވެ.

