އެސްޓީއޯގެ އީސްޓޯރުގެ ރީޓެއިލް ޚިދުމަތް މެދުކަނޑާލެވިފައިވީ ނަމަވެސް، ހޯލްސޭލްކޮށް މުދާ ވިއްކަންފަށާފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.
މި ކަން ހާމަކޮށް އެސްޓީއޯއިން ހުކުރުވިލޭރޭ ކުރި ޓްވީޓުގައި ބުނީ، އެ ކުންފުނީގެ އީސްޓޯރުގެ މުވައްޒަފެއް ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެ، އެ ޚިދުމަތް ދިނުމުގައި ހަރަކާތްތެރިވާ ގިނަ މުވައްޒަފުންތަކެއް ސެލްފް އައިސޮލޭޓްވުމާއި ގުޅިގެން، އީސްޓޯރުގެ ރީޓެއިލް ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލާފައިވާކަމަށެވެ.
އެހެންނަމަވެސް، ކުންފުނިން ވިއްކާ ބާވަތްތައް މެދުކެނޑުމެއްނެތި ވީހާވެސް ގިނަ ބަޔަކަށް ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، އީސްޓޯރު މެދުވެރިކޮށް ރީޓެއިލް ފިހާރަތަކަށް ހޯލްސޭލްކޮށް މުދާވިއްކުމަށް ހުޅުވާލާފައިވާކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ.
އެސްޓީއޯއިން ބުނީ، އީސްޓޯރު މެދުވެރިކޮށް މުދާގަތުމަށް ބޭނުންވާ މީހުންގެ އޯޑަރުތައް ނަގާނީ، ކޮންމެރެއެއްގެ ވެސް 21:00 ފެށިގެންކަމަށެވެ. މި ގޮތުން އޯޑަރުތައް ނެގުމަށް ހަމަޖެހިފައިވާއިރު، މި ވަގުތަށް އީސްޓޯރުގައި ހިމެނިފައިވާނީ، އެ ކުންފުނީގެ ޕީޕަލްސް ޗޮއިސް ސްޕަރމާރޓުން ހޮވައިލެވިފައިވާ ވަކި ބާވަތްތަކެއްކަމަށް އެސްޓީއޯއިން ބުނެއެވެ.
މީގެ އިތުރުން އެސްޓީއޯއިން ހާމަކުރި ގޮތުގައި، ކޮންމެ މީހަކަށް ވެސް، އީސްޓޯރު މެދުވެރިކޮށް ގަނެވޭނީ، މަދުވެގެން 5 ބާވަތުގެ މުދާކަމަށާއި، އެންމެ ގިނަވެގެން ގަނެވޭނީ 30 ބާވަތުގެ މުދާކަމަށެވެ.
އެސްޓީއޯއިން އިތުރަށް ބުނިގޮތުގައި، އޯޑަރުކުރާ ތަކެއްޗަށް ފައިސާދެއްކޭނީ، ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށެވެ. މި ގޮތުން އޯޑަރުކޮށްގެން ގަންނަ ތަކެތި ޑެލިވަރީކުރުމަށްޓަކައި، 24 ގަޑިއިރާއި، 48 ގަޑިރާއި ދެމެދުގެ މުހުލަތެއް ނަގާނެކަމަށާއި، ޑެލިވަރީކުރުމުގެ ޚިދުމަތަށް 70 ރުފިޔާގެ ފީއެއް ނަގާނެކަމަށް ވެސް، އެސްޓީއޯއިން ބުނެފައިވެއެވެ.
އެސްޓީއޯއިން ހާމަކުރިގޮތުގައި ޑެލިވަރީކޮށްދޭ މުދާތައް ފޯރުކޮށްދޭނީ، ފިހާރަތައް ހުންނަ އިމާރާތުގެ ބޭރަށެވެ.

