ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ. ޝީނާގެ އަދަދުތައް: ރަނގަޅަށް ޓެސްޓު ކުރެވޭނަމަ ދުވާލަކަށް 300 ކޭސް ފެންނާނެ!

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރު ރާއްޖެ މިއޮތް ހާލަތުގައި، ކޮވިޑަށް ޓެސްޓް ކުރެވޭ މިންވަރު ވަރަށް ބޮޑުތަނުން ދަށް ކަމަށާއި ރަނގަޅު މިންވަރަށް ޓެސްޓް ކުރެވޭނަމަ ދުވާލެއްގެ މައްޗަށް 300 ޕޮޒިޓިވް ކޭސް ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް ހެލްތު މިނިސްޓްރީގެ ކުރީގެ ޑިރެކްޓަރު ޖެނެރަލް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ޑރ. ޝީނާ ވިދާޅުވީ ރާއްޖޭގައި ޓެސްޓިން ކެޕޭސިޓީ އިތުރު ކުރަންޖެހޭ ކަމަށެވެ. އަދި އެ އަދަދު އިތުރު ކުރެވިއްޖެނަމަ މިހާލަތުގައި ދުވާލެއްގެ މައްޗަށް ފެންނަ ކޭސްތަކުގެ އަދަދު 300 އަށް އަރާނެ ކަމަށެވެ.

ޑރ. ޝީނާ ވަނީ، ވަރަށް ތަފްސީލުކޮށް ރާއްޖޭގެ ހާލަތު ކިޔައިދީފައެވެ. އެގޮތުން މިހާރު ފެންނަމުން ދާ ކޭސްތަކާއި ކުރިޔަށް އޮތްތަނުގައި އައިސްދާނެ ބަދަލުތައް ގްރާފެއްގެ ޒަރިއްޔާއިން ތަފްސީލު ކޮށްދެއްވިއެވެ.  

ރާއްޖޭގެ ޓެސްޓިން ސްޓްރެޓެޖީ ބަދަލުކޮށް އިތުރު ކުރަންޖެހޭ ކަމަށް ގަބޫލު ކުރަންތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ޑރ. ޝީނާ ވިދާޅުވީ މިހާލަތުގައި ދުވާލެއްގެ މައްޗަށް ފެންނަ ކޭސްތަކުގެ އަދަދު ހަގީގަތުގައި މަދުވާނެ ކަމަށެވެ. އެހެން ނަމަވެސް، އަސްލު ނަމްބަރުތައް އަދިވެސް ނުފެންނަނީ، ޓެސްޓުކުރަންޖެހޭ މިންވަރަށް ޓެސްޓު ނުކުރެވޭތީ ކަމަށެވެ.

ރާއްޖޭގައި، އެއްވެސް އަލާމާތެއް ނެތި ބަލި ޖެހޭ މީހުންގެ ނިސްބަތް އިތުރުކަން ފާހަގަކުރައްވާ ޑރ. ޝީނާ ވިދާޅުވީ އޭގެ ސަބަބުން އިތުރަށް ބަލި ފެތުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަލާމާތެއް ނެތް މީހެއްގެ ފަރާތުން އެހެން މީހަކަށް އެ ބަލި ޖެހި، އަދި އެ މީހާގެއް ފަރާތުން އަނެކާއަށް ބަލި ޖެހި ޓްރާންސްމިޓް ވަމުން ދާނެ ކަމަށެވެ. މި ސަބަބާއި ހުރެ، ޓެސްޓުކުރުން އިތުރަށް ވަރުގަދަ ކުރަންޖެހޭ ކަމުގައި ޑރ. ޝީނާ ވިދާޅުވިއެވެ.

ޓެސްޓިން ކެޕޭސިޓީ އެ ހުންންޖެހޭ ވަރަށް ވުރެ ދަށްކަމުގައި ވާނަމަ، ބަލި ޖެހިފައި ހުންނަ މީހާ ދެނެގަނެވޭއިރު އޭނާގެ މުޅި ހަށިގަނޑަށް ބަލި ފެތުރިފައި ހުރުމުގެ ފުރުސަތު އެބައޮތް ކަމަށް ޑރ. ޝީނާ ވިދާޅުވިއެވެ. އަދި ނަތީޖާއެއްގެ ގޮތުން ޕޭޝަންޓެއް ޓްރޭސްވާއިރު އޭނާގެ ސިއްހީ ހާލަތު ހުންނަނީ ގޯސްވެފައި ކަމުގައި އޭނާ ވިދާޅުވިއެވެ. ފަރުވާ ދޭން ފަށާއިރު އެ މީހެއްގެ ހާލު ގޯސްވެފައި ހުރުމުގެ ފުރުސަތު އޮތުމަކީ، ބަލީގައި މީހުން މަރުވާ ނިސްބަތް އިތުރުވެދާނެ ސަބަބެއްގެ ގޮތުގައި ޑރ. ޝީނާ ވިދާޅުވިއެވެ.

އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުުމުގައި ޑރ.ޝީނާ

”އަޅުގަނޑުމެންނަށް ޑިޓެކްޓް ނުވެ އިންފެކްޝަންސް އުޅުމަކީ ކްރޮނިކް ޑިޒީޒް ހުރެ، ނޭނގި ހާލު ކުއްލިއަކަށް ބޮޑުވެގެންދާ ކަމެއް. އޭގެ މާނައަކީ އަޅުގަނޑުމެންނަށް ޕޭޝަންޓް ލިބޭއިރު ބަލި ބޮޑުވެފައޭ މި އޮންނަނީ ދެއްތޯ. އެހެންވީމަ މެނޭޖް ނުކުރެވޭނެއޭ. ރިސްކު މި ބޮޑުވަނީ ކުރިން އަޅުގަނޑުމެންނަށް ބަލި ދެނެނުގަނެވޭތީ.“ ޑރ. ޝީނާ

ޑރ. ޝީނާ ވިދާޅުވީ މާލެއިން މިހާރު ފެންނަމުން ދަނީ، ކްލަސްޓާތަކާއި ގުޅިފައި ހުރި މީހުން ކަމަށެވެ. އެއީ ކޮންޓެކްޓް ޓްރޭސިންއަށް ދެނެގަނެވޭ މީހުންނެވެ. ނަމަވެސް، އެއްވެސް ކްލަސްޓާއަކާއި ގުޅުމެއް ނެތި ބައެއް ކޭސްތަކެއް ފެނިފައިވާތީ އެފަދަ އެހެން މީހުން ވެސް އުޅެދާނެ ކަމަށް ޑރ. ޝީނާ ވަނީ ލަފާކޮށްފައެވެ. އަދި ރެންޑަމްކޮށް ސާމްޕަލްތައް ނެގުމުގެ މަސައްކަތްތަކެއް ވެސް ކުރިޔަށްދާއިރު، އޭގެ ތެރެއިން ވެސް ބައެއް މީހުން ޓްރޭސް ކުރެވެމުން ދެއެވެ.

ބަލީގެ ނުރައްކާ އެންމެ ބޮޑުވަނީ، ކުރިއާލާ އެ މީހަކަށް ބަލި ޖެހިފައި ހުރިކަން ދެނެނުގަނެވޭތީ ކަމަށް ޑރ. ޝީނާ ވިދާޅުވިއެވެ. މިގޮތަށް އާލީ ސްޓޭޖުގެ ކޭސްތައް ދެނެގަނެވޭ އެއް ޒަރިއްޔާއަކީ ފްލޫ ކްލިނިކަށް ދާ މީހުންނާއި، އަދި ރެންޑަމް ސާމްޕަލްތައް ކަމުގައި ޑރ. ޝީނާ ފާހަގަ ކުރެއްވިއެވެ.

ޑރ. ޝީނާ ވިދާޅުވީ މިއީ ދުނިޔޭގެ އެކި ގައުމުތަކަށް ދިމާވެގެން އުޅޭ ބަލިމަޑުކަމެއް ކަމަށެވެ. އެހެން ކަމުން، ޓެސްޓިން ކިޓުތައް ލިބުމުގައި ދަތިތަކެއް ހުންނާނެ ކަމަށެވެ. ނަމަވެސް، އޭގެ ސަބަބުން ކިޓުތަކެއް ނުލިބި ލަސްވެގެން ދާ ދިއުމަކީ ބޮޑު ރިސްކެއް ކަމަށް ވިދާޅުވިއެވެ.

ޑރ. ޝީނާ ވިދާޅުވީ ޕްރޮޖެކްޝަންގައި ކޭސްތައް ގިނަވާނެ ކަމަށް ދައްކާއިރު، އެ ނުފެންނަނީ ޓެސްޓުތައް ނުކުރެވޭތީ ކަމަށެވެ. އަދި ސައިލެންޓުކޮށް އާއިލާތެރޭ ވެސް ފެތުރެމުންދާ ކަމަށެވެ.

ޑރ. ޝީނާ ދެއްވި ހިސާބުތަކުން ދައްކާގޮތުން މި މަހުގެ ތެރޭގައި ޕީކަކަށް ދާނެއެވެ.  އެ ދުވަހު ޕީކަށް އަރާއިރު 6،000 މީހުންނަށް ބަލި ޖެހިފައި ތިބޭނެ ކަމަށް ޑރ. ޝީނާ ވަނީ ލަފާކޮށްފައެވެ.

ޑރ. ޝީނާގެ ޕްރޮޖްޝަންސްތަކުން ދައްކާގޮތުން، ރާއްޖެއިން 77305 މީހަކަށް ބަލި ޖެހިދާނެއެވެ.

ޑރ. ޝީނާ ވިދާޅުވީ، ރައްޔިތުންނަށް އޮތް އެންމެ މުހިންމު ކަމަކީ ކުރިޔަށް އޮތް ދުވަސްތަކުގައި ވަރަށް ރަނގަޅަށް ބަލައިގެން އުޅުމެވެ. ފަރުވާކުޑަ ކުރެއްވިޖެނަމަ ބަލި ފެތުރޭ ގޮތް އަވަސްވެދާނެ ކަމަށް ޑރ. ޝީނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: