ޖަލުގައި ތިބެގެން މީހުންނަށް އޮޅުވާލައިގެން ފައިސާ ހޯދުމަށް ކުރާ ސްކޭމް ކޯލުތަކާއި ކުށްތައް ހުއްޓުވުމަށްޓަކައި ހަރުދަނާ ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށާއި، ޖަލުތަކުގައި ތިބި ބައެއް ގައިދީންގެ ނަމުގައި 50 އަށް ވުރެ ގިނަ ސިމްކާޑު ރަޖިސްޓްރީކޮށްފައި ހުރިކަން ފާހަގަކުރެވިފައިވާކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
އިހުސާން މިހެން ވިދާޅުވީ ޕީއެންސީން ކުރިޔަށް ގެންދާ، މަތީ މަޖިލިސް ކޮންގްރެސްއަށް ހުށަހަޅައިދެއްވި ޕްރެޒެންޓޭޝަންގަ އެވެ.
އިހުސާން ވިދާޅުވީ، ޖަލުތަކުގައި ގައިދީން ފޯނު ބޭނުންކޮށްގެން ރައްޔިތުންނަށް އުނދަގޫކުރުމާއި ޖީއެސްޓީގެ ނަމުގައި އަދި އެކި ގޮތްގޮތުން ހިންގާ ސްކޭމްތައް ހުއްޓުވުމަށް މިހާތަނަށް ކޮންޓްރަބޭންޑް ހޯދުމުގެ 153 އޮޕަރޭޝަނެއް ޖަލުތަކުގައި ހިންގާފައިވާ ކަމަށެވެ. އަދި މި އޮޕަރޭޝަންތަކުގެ ތެރެއިން 200 އަށް ވުރެ ގިނަ ފޯނު ނަންބަރު މިހާރު ކެންސަލްކޮށްފައިވާކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، ޖަލުގައި ތިބޭ މީހުން ފޭޝަލް ރެކޮގްނިޝަން ހަދައިގެން ފޯނު ނަންބަރު ރަޖިސްޓްރީ ކުރާ މައްސަލައަށް އިހުސާން ވިދާޅުވީ، ދެން ޖަލަށް ލެވޭ މީހުންނަށް ރާއްޖޭގެ މުވާސަލާތީ ހިދުމަތްދޭ ކުންފުނިތަކުން އެއްވެސް ހިދުމަތެއް ނުލިބޭނެ ގޮތް ހަމަޖައްސަމުންދާ ކަމަށެވެ. އަދި ގައިދީންގެ ނަމުގައި ރަޖިސްޓްރީކޮށްފައި ހުންނަ ނަންބަރުތައް ބްލޮކް ކުރެވޭނެ ގާނޫނީ އޮނިގަނޑެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ.
ޖަލުގެ ޖާގައިގެ ދަތިކަމާއި ގުޅޭގޮތުން އިހުސާން ފާހަގަކުރެއްވީ، މާލޭ ޖަލަކީ ދައުލަތުގެ ބަޖެޓުން 45 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހެދި އެއް ޖަލު ކަމަށެވެ. ނަމަވެސް، އެމްޑީޕީގެ ސަރުކާރުން ޖަލާ އިންވެގެން ދަރުމަވަންތަ ސްކޫލް އިމާރާތްކޮށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) މެދުވެރިކޮށް ސްކޫލު ކައިރީގައި ޖަލެއް ނުބެހެއްޓޭނެކަމަށް ބުނެ އެތަން ތަޅާލުމުން 500 މީހުންގެ ޖާގަ ގެއްލިގެން ދިޔަ ކަމަށެވެ. އަދި ކުރީ ސަރުކާރުން އިންތިހާބާ ދިމާކޮށް މަސްތުވާތަކެއްޗާއި، މާރާމާރީ އަދި ވައްކަމުގެ މައްސަލަތަކުގައި ތިބި 500 އެއްހާ ކުށްވެރިން ދޫކޮށްލިކަމަށާއި، މި ސަރުކާރުން އައިސް ކުށްވެރިން ހައްޔަރުކުރަން ފެށުމުން ޖާގައިގެ ބޮޑު ދަތިކަމެއް ކުރިމަތިވިކަމަށް އިހުސާން ވިދާޅުވިއެވެ.
ނަމަވެސް، ކުރެވުނު މަސައްކަތުން މިހާރު ޖަލުތަކުގައި 400 ޖާގަ އިތުރުކުރެވިފައިވާ ކަމަށާއި، އެ ގޮޅިތައް ހަދާފައިވަނީ އިންސާނީ ކަރާމާތާއި ބައިނަލްއަޤްވާމީ މިންގަނޑުތަކާއި އެއްގޮތަށްކަމަށް އިހުސާން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ޖަލުތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމުގެ ގޮތުން ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޖަލުގައި ބޮޑީ ސްކޭނަރު ބަހައްޓައި، ޖަލު ބަލަހައްޓާ އޮފިސަރުންނާއި އެތެރެކުރާ ހުރިހާ ދަބަހަކާއި ސާމާނެއް ސްކޭން ކުރަން ފަށާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެކަންކަން ތަންފީޒުކުރުމުން ޑްރޯން ބޭނުންކޮށްގެން ޖަލަށް ތަކެތި ވައްޓަން ފެށުމުން، އެކަން ހުއްޓުވުމަށް ޑްރޯން ބޭނުން ކުރަން ފެށުމުން އެކަމާއި ދެކޮޅަށް ފިޔަވަޅު އަޅައި ވަސީލަތްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ.

