ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ނަފާ އެންމެހައި ރައްޔިތުންނަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމުގެ ގޮތުން، ވޭތުވެދިޔަ 30 އަހަރުގެ މޮޑެލް ބަދަލުކޮށް، މުޅި ރާއްޖެއަށް ފަތުރުވެރިކަން ފުޅާކުރުމަށް ސަރުކާރުން ހާއްސަ ސިޔާސަތުތަކެއް އެކަށައަޅައި މަސައްކަތް ކުރަމުންދާކަމަށް ޓުރިޒަމް އެންޑް ސިވިލް އެވިއޭޝަން މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
އަމީން މިހެން ވިދާޅުވީ ޕީއެންސީން ކުރިޔަށް ގެންދާ، މަތީ މަޖިލިސް ކޮންގްރެސްއަށް ހުށަހަޅައިދެއްވި ޕްރެޒެންޓޭޝަންގަ އެވެ.
އަމީން ވިދާޅުވީ، މިހާރު ރާއްޖޭގެ ފަތުރުވެރިކަން މައިގަނޑު ގޮތެއްގައި ބިނާވެފައި އޮތީ ވަރަށް ކުޑަ ސަރަހައްދަކަށް ކަމަށެވެ. އެގޮތުން، ކާފު އަތޮޅުގައި ފަތުރުވެރިކަން ވަރަށް ބޮޑަށް ޖަމާވެފައިވާއިރު، ރަނގަޅު އާމްދަނީއެއް ލިބިގެން ޓޫރިޒަމް ހިނގަމުންދަނީ ނ. އަތޮޅާއި، ރ. އަތޮޅާއި، ބ. އަތޮޅާއި، އއ. އަދި އދ. އަތޮޅުގެ އިތުރުން ތ. އަދި ވ. އަތޮޅުގެ ބައެއް ސަރަހައްދުތަކުގައިކަމަށް ވިދާޅުވި އެވެ.
އަމީން ވިދާޅުވީ ވޭތުވެދިޔަ 30 އަހަރަށް ބަލާއިރު ގިނަ ގޮންޖެހުންތަކެއް ހުރުމުގެ ސަބަބުން، ރާއްޖޭގެ އެންމެ އުތުރާއި ދެކުނުގައި ފަތުރުވެރިކަން އެންމެ އެދެވޭ ގޮތެއްގައި ފުޅާވެފައި ނުވާ ކަމަށެވެ. އެގޮތުން އެންމެ އުތުރުގައި ގާތްގަނޑަކަށް ހިނގަނީ އެންމެ ރިސޯޓެއްކަމަށާއި، ގުދުރަތީ ގޮތުން އެންމެ ރީތި ރަށްތައް ހިމެނޭ ހުވަދު އަތޮޅާއި އައްޑޫ ސިޓީގައި މަޝްރޫއުތަކެއް ހިނގި ނަމަވެސް، މެދުރާއްޖެތެރެއާ އަޅާބަލާއިރު ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން އާލާވެފައި ނުވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އަމީން ވިދާޅުވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތަކީ އަދި އެމަނިކުފާނުގެ ރިޔާސީ ބަޔާނުގައިވެސް ވާގޮތަށް، މި ސިނާއަތް ޑައިވަސިފައިކޮށް އައު މޮޑެލްތައް ތައާރަފުކުރުމެވެ. އަމީން ވިދާޅުވީ މީގެ ތެރޭގައި ހަލާލް ޓޫރިޒަމާއި، އިންޓަގްރޭޓެޑް ޓޫރިޒަމްގެ އިތުރުން އީކޯ ޓޫރިޒަމް ހިމެނޭ ކަމަށެވެ.
މި އައު މޮޑެލްތައް ތަންފީޒުކޮށް، ފަތުރުވެރިކަން މަދު ސަރަހައްދުތަކަށް އިންވެސްޓަރުން ޝައުގުވެރި ކުރުވުމަށްޓަކައި ސަރުކާރުން ވަނީ މޮރޮޓޯރިއަމްތަކާއި، ލީސް އެކުއިޒިޝަން ފީ އަދި ޓެކްސްގެ ނިޒާމުގެ ތެރެއިން ގިނަ ލުއިތަކެއް ދޭން ފަށާފައެވެ. އަމީން ވިދާޅުވީ މި ބަދަލުތަކުގެ ހެޔޮ ނަތީޖާ މިހާރުވެސް ފެންނަމުންދާކަމަށާއި، ރާއްޖޭގެ އެކި ފަޅުތަކާއި ރަށްތައް ނަގައިގެން އައު ކޮންސެޕްޓްތަކަށް މަސައްކަތްތައް ފެށިފައިވާ ކަމަށެވެ.
އަމީން ވިދާޅުވީ ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ އުތުރާއި ދެކުނާއި އަދި މެދުރާއްޖެތެރެ ހިމެނޭހެން، ފަތުރުވެރިކަމުގެ ނަފާ ހުރިހާ ދިވެހި ރައްޔިތުންނަށް ޝާމިލުވާނެހެން ފޯރުކޮށްދިނުން ކަމަށެވެ.

