މި ހަރަކާތުގައި މާލެ ސިޓީ ކައުންސިލްގެ އިސްވެރިންނާއި މުވައްޒަފުންގެ އިތުރުން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމްއެންޔޫއެސްޔޫ)، ސްކައުޓް އެސޯސިއޭޝަން، މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (މޮޕާ) އަދި ކްލީން މޯލްޑިވްސް އިން ވަނީ އަމަލީ ގޮތުން ބައިވެރިވެފައެވެ.
މި ހަރަކާތް ފައްޓަވާދެއްވަމުން އާޒިމް ވިދާޅުވީ، މާލެ ސިޓީއަކީ ސާފުތާހިރު، ދުޅަހެޔޮ އަދި ދެމެހެއްޓެނިވި ތަނަކަށް ހެދުމަށް މާލެ ސިޓީ ކައުންސިލުން އަބަދުވެސް މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ސާފުތާހިރުކަން ފެށިގެން އަންނަނީ ދުވަހުން ދުވަހަށް އަޅުގަނޑުމެން އަށަގަންނުވާ އާދަކާދަތަކުގެ ތެރެއިން ކަމަށް އާޒިމް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ކާބޯތަކެތި އިސްރާފުކުރުން މަދުކުރުމާއި، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމާއި، ޒިންމާދާރުކަމާއެކު ކުނި އުކާލުމުގެ މުހިންމުކަން މޭޔަރު ފާހަގަކުރެއްވިއެވެ. އަދި އަޅުގަނޑުމެންގެ ގޭބިސީތަކާއި މަގުތަކުގެ އިތުރުން އާންމު ތަންތަން ސާފުތާހިރުކޮށް ބެލެހެއްޓުމަކީ އެންމެންގެ މަސްއޫލިއްޔަތެއް ކަމަށްވެސް ވިދާޅުވިއެވެ.

