ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަތަނީ ހިދުމަތުގެ 3 ވަނަ ބެޗްގެ 341 ޒުވާނުން ދަސްވެނިވެއްޖެ

ވަތަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ދަރިވަރުންތަކެއް/ ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ވަތަނީ ހިދުމަތުގެ ދަށުން ހިންގި ނޭޝަނަލް ސާވިސް އިނީޝަލް ޓްރެއިނިން ޕްރޮގްރާމުގެ ތިންވަނަ ބެޗް ކާމިޔާބުކަމާއެކު ނިންމައި، 341 ދަރިވަރަކު ދަސްވެނިވެއްޖެއެވެ.

ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައި މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑިފެންސް މިނިސްޓަރ ހަސަން ރަޝީދު އެވެ.

މިދިޔަ ޖޫން މަހުގެ 8 ވަނަ ދުވަހު 350 ކުދިންނާއެކު ފެށި މި ޕްރޮގްރާމް، 14 ހަފްތާގެ މުއްދަތަކަށް ފަހު ކާމިޔާބުކަމާއެކު ނިންމާލާފައި ވަނީ ޖުމްލަ 341 ދަރިވަރުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 20 އަތޮޅެއްގެ 115 ރަށަކަށް ނިސްބަތްވާ 62 އަންހެން އަދި 279 ފިރިހެން ކުދިންނެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި، މި ތަމްރީނު ފުރިހަމަކުރި ޒުވާނުންނަކީ ދިރިއުޅުމުގެ އަމަލީ މައިދާނަށް ނުކުތުމަށް ބޭނުންވާ މުހިންމު ހުނަރުތައް ލިބިފައިވާ، ޖިސްމާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ، ޒިންމާދާރު ބައެކެވެ. އަދި އެއީ ގައުމަށް ފައިދާހުރި، އުފެއްދުންތެރި ހިދުމަތްތަކެއްކޮށްދެވޭނެ ގާބިލު ޒުވާނުންތަކެކެވެ.

ޒުވާނުން ބާރުވެރިކުރުވައި، ވަތަނީ ލޯބި އަށަގެންނެވުމުގެ މަގްސަދުގައި ކުރިއަށްގެންދާ މި ޕްރޮގްރާމުގެ ދަށުން، މިހާތަނަށް މުޅިއެކު 1،028 ޒުވާނަކު ވަނީ ތަމްރީނު ފުރިހަމަކޮށް މުޖުތަމައަށް ނުކުމެފައެވެ.

ދިވެހި ވަތަނީ ހިދުމަތުގެ ތަމްރީނުތަކަކީ، ދިވެހި ގައުމިއްޔަތާއި، ޒިންމާދާރު ރައްޔިތުކަމާއި، ދީނީ ތަރުބިއްޔަތާއި، ލީޑަރޝިޕާއި، ފަސްޓްއެއިޑާއި، ފަޔަރފައިޓިންގ އާއި، ހަށިހެޔޮކަމާއި، ފެތުމާއި މޫދަށް އަހުލުވެރި ކުރުވުމާއި، ފީލްޑް އެކްޓިވިޓީތަކުގެ އިތުރުން ޝައުޤުވެރި އަދި ބޭނުންތެރި ތަފާތު އެހެނިހެން އެތައް ޙަރަކާތްތަކެއް އެކުލެވޭގޮތަށް ކުރިއަށް ގެންދާ ތަމްރީނެކެވެ.

ވަތަނީ ހިދުމަތާއި ގުޅޭގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ މި ތަމްރީނުގެ މުއްދަތުގައި، މި ޒުވާނުންގެ ހިތްތަކުގައި ދީނުގެ ރުކުންތަކަށާއި އިސްލާމީ ޝިއާރުތަކަށް ލޯބި އިތުރުކޮށް، މި ޒުވާނުންނަކީ ގައުމިއްޔަތުގެ ރޫޙާއި ފަހުރު ދިރުވާ އާލާކުރުމަށް ޝައުގުވެރިވާ، އަހުލާގާއި ސުލޫކު ރަނގަޅު، ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާ ހުނަރުތައް ދަސްވެފައިވާ އުފެއްދުންތެރި އަދި ޒިންމާދާރު ބަޔަކަށް ހެދުމަށް ވަރަށް ބޮޑު އިސްކަމެއް ދެވޭނެ ކަމަށެވެ. އަދި މި ޒުވާނުންނަކީ، ރޫހާނީ، ނަފްސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ އަދި ހަށިހެޔޮ ބަޔަކަށް ވެގެންދާނެކަމުގައި ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: