އަބޫދާބީގެ ރިއަލް އެސްޓޭޓް ކުންފުނި އީގަލް ހިލްސްއިން، ރާއްޖޭގައި 20 ބިލިއަން އެމެރިކާ ޑޮލަރުގެ ވޯޓަރފްރަންޓް އަދި މެރީނާ މަޝްރޫޢެއް ތަރައްޤީކުރުމަށް ދިވެހި ސަރުކާރާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ޔޫއޭއީގެ ދަ ނޭޝަަނަލް ނިއުސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މިއީ ރާއްޖެއަށް ބޭރުގެ ފަރާތަކުން ކުރާ އެންމެ ބޮޑު އިންވެސްޓްމެންޓެވެ. ”މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ“ގެ ނަމުގައި މި މަޝްރޫޢު ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ރަސްމާލޭގައި ކަމަށް އެ ނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.
އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދު ދުބާއީގައި ކަމަށާއި މި ރަސްމިއްޔާތުގައި އީގަލް ހިލްސްގެ ބާނީ އަދި ޗެއަރމަން މުޙައްމަދު އަލާއްބާރުގެ އިތުރުން ދިވެހި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި ކަމަށް އެ ނޫހުގައި ވަނީ ބުނެފައެވެ.
މި މަޝްރޫޢުގެ ދަށުން ބައިނަލްއަޤްވާމީ ފެންވަރުގެ ހޮޓަލްތަކާއި ރިޒޯޓްތަކާއި، ބްރޭންޑެޑް ރެސިޑެންސްތަކާއި، ދުނިޔޭގެ ފެންވަރުގެ މެރީނާއަކާއި، ވޯޓަރފްރަންޓް ހިނގާ މަގުތަކާއި، ރެސްޓޯރެންޓްތަކާއި، ފިހާރަތައް އަދި މުނިފޫހިފިލުވުމާއި ދުޅަހެޔޮކަމާ ގުޅޭ މަރުކަޒުތައް ޤާއިމުކުރާނެ ކަމަށް އެ ނޫހުގައި ވަނީ ބުނެފައެވެ.
އީގަލް ހިލްސްއާ ހަވާލާދީ ދަ ނޭޝަަނަލް ނިއުސްއިން ބުނީ، ތަފާތު ފޭސްތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ޖުމްލަ އިންވެސްޓްމަންޓް 20 ބިލިއަން ޑޮލަރަށް އަރާނެ ކަމަށެވެ. އަންދާސީ ހިސާބުތަކުން ދައްކާ ގޮތުގައި، މި މަޝްރޫޢު ހިނގާ މުއްދަތުގެ ތެރޭގައި 30 ބިލިއަން ޑޮލަރަށްވުރެ ގިނަ ބޭރުގެ އިންވެސްޓްމަންޓް ޤައުމަށް ވަންނާނެ ކަމަށާއި އޭގެ ތެރޭގައި ރާއްޖެއަށް ސާފު އިންވެސްޓްމަންޓްގެ ގޮތުގައި 18 ބިލިއަން ޑޮލަރު ވަންނާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ ނޫޙުން ވަނީ ރިޕޯޓުކޮށްފައެވެ.
މީގެ އިތުރުން ސީދާ އަދި ނުސީދާ ގޮތުން 54,000 އަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތު އުފެދިގެންދާނެ ކަމަށާއި މަޝްރޫޢު ފުރިހަމައަށް ނިމުމުން، އަހަރަކު 1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން އެ ތަނަށް ޒިޔާރަތްކޮށް، އަހަރަކު 2 ބިލިއަން ޑޮލަރަށްވުރެ ގިނަ އާމްދަނީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވަނީ ބުނެފައެވެ. މި 20 ބިލިއަން ޑޮލަރަކީ މަޝްރޫޢުގެ ތަފާތު މަރުޙަލާތަކުގައި އިންވެސްޓްކުރުމަށް ރޭވިފައިވާ ޢަދަދެއް ކަމަށާއި މިއީ އީގަލް ހިލްސްއިން އެއްފަހަރާ ޚަރަދުކުރުމަށް ނިންމާފައިވާ ކެޕިޓަލް އިންވެސްޓްމަންޓެއް ނޫން ކަމަށްވެސް އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.
މި މަޝްރޫޢަށް ފައިސާ ހަމަޖައްސާނެ ގޮތުގެ ތަފްޞީލާއި، މަސައްކަތް ކުރިއަށްދާނެ ތާވަލު އަދި އީގަލް ހިލްސްއިން ސީދާ އިންވެސްޓްކުރާނެ ޢަދަދުގެ ތަފްޞީލު އަދި ހާމަކޮށްފައި ނުވާ ކަމަށެ ވަނީ ބުނެފައެވެ.
2025 ވަނަ އަހަރުގެ މެއި މަހު، ސަރުކާރުން ވަނީ ދުބައިގެ އެމްބީއެސް ގްލޯބަލް އިންވެސްޓްމެންޓްސްއާއެކު މާލޭގައި 8.8 ބިލިއަން ޑޮލަރުގެ ފައިނޭންޝަލް ސެންޓަރެއް ތަރައްޤީކުރުމަށް ބައިވެރިވެފައެވެ. އެމްބީއެސް ގްލޯބަލްއިން ”ދަ ނޭޝަނަލް“ އަށް މައުލޫމާތު ދެމުން ބުނެފައިވަނީ މި މަޝްރޫޢަކީ ޔޫއޭއީގެ ފައިނޭންޝަލް ހަބްތަކާ ވާދަކުރާނެ މަޝްރޫޢެއް ނޫން ކަމަށެވެ.
އީގަލް ހިލްސްއަކީ ބުރްޖް ޚަލީފާ އަދި ދުބައި މޯލް ތަރައްޤީކުރި އެމާރ ޕްރޮޕަޓީސްގެ ބާނީ މުޙައްމަދު އަލާއްބާރު އުފައްދަވާފައިވާ އަބޫދާބީގެ އަމިއްލަ ކުންފުންޏެކެވެ. މި ކުންފުންޏަކީ ބައިނަލްއަޤްވާމީ މައިދާނުގައި ވޯޓަރފްރަންޓް ތަރައްޤީކުރުމުގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންދާ ކުންފުންޏެކެވެ. ނިމިދިޔަ އޮގަސްޓް މަހު، އީގަލް ހިލްސްއިން ވަނީ އަބޫދާބީގެ ލުއުލުއު އައިލެންޑް އަލުން ތަރައްޤީކުރުމުގެ މަސައްކަތް ބަލަހައްޓާނެ ކަމަށް ބުނެފައެވެ. އެއީ ގާތްގަނޑަކަށް 20,000 މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން ތަރައްޤީކުރާ ސަރަހައްދެކެވެ.

