ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސައްކަތްނުކުރާ ނަމަ ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި އެއްބަސްވުން އުވާލުމަށް ލަފާދީފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ދަނޑުވެރިކަން ކުރަމުންނުދާ ނަމަ އެރަށްތަކުގެ އެއްބަސްވުން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ބާތިލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ލަފާދީފިއެވެ.

މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން މިގޮތަށް ލަފާދީފައިވަނީ ކޮވިޑް19 ރޯގާ ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް، ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒުކުރުމަށް މަޖިލީހުން ދެކޭގޮތް ކަނޑައެޅުމާ ގުޅޭގޮތުން ހުށަހެޅި މައްސަލަ އާ ގުޅިގެން އެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގައެވެ.

ކޮމިޓީ ރިޕޯޓިގައިވާ ގޮތުން ދަނޑުވެރިކަމަށް މިހާރު ދޫކޮށްފައިވާ ރަށްތަކުގެ ބޭނުންކުރަނީ ދަނޑުވެރިކަމަށްކަން ކަށަވަރުކުރުމުގެ ގޮތުން އެފަދަ ރަށްތަކުގެ ސަރވޭއެއް އަތޮޅު ކައުންސިލްތައް މެދުވެރިކޮށް ހަދަންޖެހެއެވެ.

ދަނޑުވެރިކަމަށް ބިން ދޫކުރުމުގެ މައިގަނޑު އެއް ބޭނުމަކީ ދިވެހިންނަށް މަސައްކަތުގެ ފުރުސަތުތަކާއި އާމްދަނީ ހޯދޭނެ ގޮތްތައް މަގުފަހިކޮށްދިނުން ކަމުގައިވާތީ، ދަނޑުވެރިކަމަށް ދޫކުރާ ބިންތަކާއި ރަށްތަކުގައި އެ މަސައްކަތް ކުރަނީ ދިވެހިންކަން ކައުންސިލްތައް މެދުވެރިކޮށް ޔަޤީންކުރުމަށްވެސް ކޮމިޓީން ލަފާދީފައިވެއެވެ.

މީގެ އިތުރުން ކޮމިޓީ ރިޕޯޓުގައި ވަނީ ރަށްރަށުގެ އަމިއްލަ ވިޔަފާރިތަކަށް ކޮށްފައިވާ ނުރަނގަޅު އަސަރުތައް ކައުންސިލްތައް މެދުވެރިކޮށް އެލް.ޖީ.އޭއިން ހޯދުމަށްފަހު، އެ ފަރާތްތަކަށް ލޯނު ނަގައިގެން ނުވަތަ އެނޫންވެސްގޮތަކުން ލިބިފައިވާ ގެއްލުންތަކުން އަރައިގަނެވޭނެ ގޮތް ހަމަޖައްސައިދިނުމުގެ ގޮތުން ސަރުކާރުން މި ދަނޑިވަޅުގައި ތަފާތު ސްކީމްތަކުގެ ދަށުން ދެމުންގެންދާ ފައިސާ ހޯދުމަށްއެދި ހުށަހެޅޭނެ ފަސޭހަ އިންތިޒާމްތަކެއް ރަށްރަށުގައި ދިރިއުޅޭ މީހުންނަށް ލިބިފައިވާކަން ކަށަވަރުކުރަންވާނެ ކަމަށެވެ.

މިދުވަސް އެންމެ ބޮޑަށް ފާހަގަވާ ވަޒީފާއިން ވަކިކުރުމާއި ބެހޭ ކަންކަމަށް އިޝާރާތްކޮށް ކޮމިޓީ ރިޕޯޓިގައިވަނީ ކޮންމެ ރަށެއްގެ ރަށު ކައުންސިލުން އެ ރަށެއްގައި ރަށްވެހިވެފައިވާ ރައްޔިތުންގެ ތެރެއިން ވަޒީފާ ގެއްލިފައިވާ މީހުންގެ ތަފާސްހިސާބެއް ހަދައި އެލް.ޖީ.އޭއާ ހިއްސާކުރުމަށެވެ.

ރިޕޯޓުގައި ބުނެފައިވަނީ ވަޒީފާ ގެއްލޭ ފަރާތްތަކަށް ސަރުކާރުން ދިނުމަށް ނިންމާފައިވާ ޢިނާޔަތްތަކުގެ މަޢުލޫމާތުތަކަށް ރަށްރަށުގައި އުޅޭ މީހުން އަހުލުވެރިވެފައިވާކަން ކަށަވަރުކުރުމާއެކު މި ފައިސާ ހޯދުމަށްއެދި ހުށަހެޅޭނެ ފަސޭހަ އިންތިޒާމްތަކެއް ރަށްރަށުގައި ދިރިއުޅޭ މީހުންނަށް ހަމަޖެހިފައިވާކަންވެސް ކަށަވަރުކުރަންވާނެ ކަމަށެވެ.

މީގެ އިތުރުން މާލޭ މާރުކޭޓު ގޮޅިތައް ކުއްޔަށްދޫކޮށްފައިވާ ފަރާތްތަކުން ތިންވަނަ ފަރާތަކަށް ކުއްޔަށް ދީގެން ވިޔަފާރިކުރަމުންދާ ގޮޅިތައް އެފަދަ ފަރާތްތަކުގެ އަތުން ގޮޅިތައް އަތުލުމަށް ކޮމިޓީން ލަފާދީފައިވެއެވެ.

އެގޮތުން  މާރުކޭޓުގެ ގޮޅިތައް ތިންވަނަ ފަރާތަކަށް ކުއްޔަށް ދިނުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބަކީ ގޮޅިތަކުގެ ސައިޒު ކުޑަވުމުގެ ސަބަބުން ދެ ގޮޅި އެއްކޮށްލައިގެން ވިޔަފާރިކުރުންކަމުގައިވާތީ، އަލަށް އިއުލާންކޮށްގެން ގޮޅިތައް ދޫކުރާއިރު އެ ގޮޅިތަކަކީ އެކަށީގެންވާ ސައިޒްތަކެއްގެ ގޮޅިތަކެއްކަން ކަށަވަރުކުރަންވެސް ވަނީ ލަފާދީފައެވެ.

ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ކޮވިޑް-19 ރޯގާގެ ސަބަބުން ދުނިޔޭގެ އެކި ޤައުމުތަކަށް އިޤްތިޞާދީ ގޮތުން ބޮޑެތި ގެއްލުންތަކެއްވެ، އެ ގެއްލުންތަކުން އަރައިގަތުމަށް އެކި ފިޔަވަޅުތައް އަޅަމުންދާ މި ދަނޑިވަޅުގައި، މިކަމުން ދިވެހިރާއްޖެއަށް ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށާއި މުސްތަޤްބަލްގައި ދުނިޔެއަށް މިފަދަ ކަމެއް މެދުވެރިވިނަމަވެސް ދިވެހިންނަށް ޒަރޫރީ ބޭނުންތައް ފުއްދައިގެން ދިރިއުޅެވޭނެކަން ޔަޤީންކުރުމަށްޓަކައި ހަރުދަނާ އަދި ދެމެހެއްޓެނިވި ފިޔަވަޅުތަކެއް ދިވެހިރާއްޖެއިން އަޅަންޖެހޭނެކަމަށް ކޮމިޓީން ދެކޭ ކަމަށްވެސް ރިޕޯޓުގައިވެއެވެ.

 ދިވެހިރާއްޖެއަކީ ޒަރޫރީ ބޭނުންތައް ފުއްދުމަށްޓަކައި ބޭރުގެ ޤައުމުތަކަށް އިންތިހާއަށް ބަރޯސާވެފައިވާ ޤައުމަކަށްވާއިރު، ރާއްޖެއިން ބޭރަށް ދަތުރުނުކުރެވި ގިނަ ދުވަސްތަކެއް ވެއްޖެނަމަ ދިވެހިންނަށް ހީވެސްނުކުރާފަދަ ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމަށާއި މި ދަނޑިވަޅަކީ ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރުކުރުމަށްޓަކައި ދަނޑުވެރިކަމަށް އިސްކަންދީގެން މަސައްކަތްކުރުމަށް މަޖުބޫރުވެފައިވާ ދަނޑިވަޅެއް ކަމަށް ރިޕޯޓުގައިވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: