ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ކެރިވަޑައިގަންނަވާނަމަ ކުރިއަށް އޮތް އިންތިހާބުގައި އެމަނިކުފާނާއެކު ވާދަކޮށްލަން ވަޑައިގަންނަންވީ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީއެންއެފްގެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، ރައީސް މުއިއްޒުގެ ސަރުކާރަށް ތިން އަހަރު ވާއިރު ކަމެއް ނުކުރެވޭ ކަމަށާއި ރައްޔިތުން ރައިސް މުއިއްޒުއަށް ރަތް ސިގްނަލް ދީފައިވާ ކަމަށެވެ. ރައީސްއަށް ރައްޔިތުން ފެހި ސިގްނަލް ދީފައިވާކަމަށް ބުނި ނަމަވެސް ރަތާއި އޮރެންޖު ނޫން އެހެން ސިގްނަލެއް އެމަނިކުފާނަށް ނުލިބޭ ކަމަށް ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ، ރައީސް މުއިއްޒުގެ ސަރުކާރު އޮތީ ޓްރެފިކްގައި ޖެހިފައި ކަމަށާއި، ތިން އަހަރުވީއިރު ތަރައްގީގެ މަޝްރޫއުތައް އޮތީ ކަރުގައި އަޅައިގަނެފައި ކަމަށެވެ. ކުރިއަށް ދެވޭނެ ގޮތެއްވެސް ނެތް ކަމަށާއި ހިންދިރުވާލެވޭނެ ގޮތެއްވެސް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ޔާމީން ވިދާޅުވީ، އަބްދުއްރަހީމް ކަންބޮޑުވެ ކޯފާއިސްކުރައްވަނީ ރައީސް މުއިއްޒުއާއި އަދި ރައީސް ޔާމީނަށް އެއްފަހަރާ އިންތިހާބެގައި އިންސާފުވެރިކަމާއެކު ވާދަނުކުރެވޭނެކަން އެނގިވަޑައިގަންނާތީ ކަމަށެވެ.
ރައޯސް ޔާމީން ވިދާޅުވީ، މިހާރު އިންތިހާބުގައި ރައީސް ސޯލިހް ވާދަނުކުރައްވާކަން އިއުލާނު ކުރައްވާފައިވާ ކަމަށާއި ނެރުއްވަނީ ޕްރޮކްސީއެއް ކަމަށާއި ދެން އިންތިހާބުގައި އެކަމަނިކުފާނާއި ވާދަކުރުމަށް އަންނާނީ ރައީސް މުއިއްޒު އަދި ރައީސް ނަޝީދުގެ ފަރާތްޕުޅުން އަންނަ ބޭފުޅެއް ކަމަށެވެ.
”އެހެންވީމާ މި ހާލަތުގައި އަބްދުއްރަހީމަށް ކޮށި ދަނޑާއި މަރިޔަނބާއި ކަތިވަޅިވެސް ގެއްލުނީ. އޭނައަށް އެބަ އިނގޭ ދެނެއް އަރާނެ ގަލެއް އޭނައަށް ނެތް ކަން، އެއީ ސިޔާސީ ހުރިހާ ލީޑަރުން ބާ ކޮށްފައި އޮތް ޓިނުގަނޑެއް އެ ޓިނުގަނޑަކީ. ހާ ނާޅާ އެންމެ ތަންކޮޅެއްވެސް ނެތް،“
މީގެ އިތުރުން، އަބްދުއްރަހީމްގެ އަމަލުތައް މިހާރު ހުންނެވީ ”ނޭވާހޮޅި ކަނޑާލައިފައިވާ ކުކުޅެއް ތެޅޭހެން“ ކަމަށް ވިދާޅުވެ ޔާމީން ވަނީ ފާޑުކިޔުން އަމާޒުކުރައްވާފައެވެ. އެހެންކަމުން މިހާރު ދެއްކުނު ވާހަކައެއް ދައްކާ ގޮވުނު އެއްޗެއް ގޮވާނެ ކަމަށާއި އެހެންނަމަވެސް ޕީއެންއެފްއިން އެކަމާއި ނުސިހޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ މިހާރުވެސް ކެރިވަޑައިގަންނަވާނަމަ އެމަނިކުފާނާއި ވާދަކޮށްލަން ރައީސް މުއިއްޒު ވަޑައިގަންނަވަންވީ ކަމަށެވެ. ޖަލަށް ލާން ހިޔާލުފުޅު ކުރައްވާނެ ކަމެއް ނެތް ކަމަށާއި އެ ހިޔާލުފުޅު ރައީސް ސޯލިހްވެސް ގެންގުޅުއްވިކަމަށް ވިދާޅުވިއެވެ.
”އަނަންވީ އަޅުގަނޑުމެންނަށް ވާދަކޮށްލަން، މުއިއްޒު ވަޑައިގަންނަވާ އަޅުގަނޑަށް ވާދަކޮށްލަން. އެހެންވީމާ ޖަލަށްލާން ހިޔާލުކުރާނެ ކަމެއް ނެތް. ތިހިޔާލުކުރި އިބްރާހިމް މުހައްމަދު ސޯލިހްވެސް،“
މިހާރު ވެގެން އުޅޭ ގޮތަކީ މެމްބަރު ފަލާހު އާއި ޝުޖާއު ނެންގެވި ރިޝަވަތުތަކަށް އިންސާފު އަރާ ހަމަވަނީ ކަމަށާއި އެހެންކަމުން އެކަން ކަމަށް މެމްބަރުން ބިރުން އުޅުއްވާ ކަމަށް ޔާމީން ވިދާޅުވިއެވެ.

