ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުއާއި އޭނާގެ އަންހެނުންނާއެކު ނައިޓް ކްލަބެއް ފަދަ ތަނެއްގައި ޕާޓީ ކުރަމުންދާ މަންޒަރު ދައްކުވައިދޭ ފޮތޯޓަކެއް ސާޝަލް މީޑިއާގައި އާންމުވެގެން ދިއުމުގެ ސަބަބުން ފުލުހުންގެ މުއައްސަސާގެ އަގު ސީޕީ ހަމީދު ވައްތާލާފައިވާ ކަމަށާއި އެހެން ކަމުން ސީޕީގެ މަގާމުން ހަމީދު އިސްތިއުފާ ދެއްވުމަށް އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަނުން ގޮވައިލައިފިއެވެ.
https://twitter.com/AnonymousMV8/status/1259199757068627969
ޓްވިޓާގައި އާންމު ކޮށްފައިވާ ފޮޓޯތަކުން ފެންނަނީ ހަމީދު އޭނާގެ އަންހެނުންނާއެކު ނައިޓް ކްލަބެއް ފަދަ ތަނެއްގައި ޕާޓީ ކުރަމުންދާ ތަނެވެ. މި ފޮޓޯތަކާ ގުޅިގެން ހަމީދު އަދި އެއްޗެއް ވިދާޅެއް ނުވެ އެވެ. އަދި މިއީ ކޮން އިރެއްގެ ފޮޓޯތަކެއް ކަމެއްވެސް ނޭނގެ އެވެ.
އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި ބަނގުރާ ހުރި ތަނެއްގައި ދިވެހިންގެ ބަޔަކު އެތަކެތި ބޭނުންކުރަމުންދާ މަންޒަރުތަކެއް އެކުލެވޭ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު އެ ފޮޓޯތަކުގައި ރާއްޖޭގައި ގާނޫނު ނެގެހެއްޓުމުގެ އެންމެ އިސް ޒިންމާއާއި މަސްއޫލީއްޔަތު ހަވާލުވެފައިވާ އެއެއްފަރާތް ކަމުގައިވާ ސީޕީގެ މަގާމުގައި ހުންނެވި މުހައްމަދު ހަމީދު އެތަނުގައި ހުންނަވައި އެކަމަށް އެއްވެސް ފިޔަވަޅެއް އަޅުއްވާފައި ނުވާކަމީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.
ކޯލިޝަންގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ސީޕީ ހަމީދުގެ އެ އަމަލުފުޅަކީ ކުރައްވައިގެން ހުންނެވި ފުލުހުންގެ ހުވަޔާއި، ހިލާފްވެ ފުލުހުންގެ ޕްރޮފެޝަނަލް މިންގަނޑާއި ހިލާފަށް އެއްވެސް ފިޔަވަޅެއް އެޅުއްވުމެއްނެތި އެފަދަތަނެއްގައި އުފާފާޅު ކުރައްވަމުން ގެންދިއުމަކީ ދިވެހި ރައްޔިތުންގެ އިހުތިރާމާއި ލޯތްބާއި އިތުބާރު ލިބިފައިވާ ފުލުހުންގެ މުއައްސަސާގެ އަގު ވައްޓާލުން ކަމަށް އެ ކޯލިޝަނުން ދެކޭ ކަމަށެވެ.
އިދިކޮޅު ކޯލިޝަންގެ ބަޔާނުގައި ބުނެފައި ވަނީ ސީޕީ ހަމީދުއަށް ތުހުމަތުކޮށް ސާޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުގެ މައްސަލަ މިނިވަން ކަމާއިއެކު ތަހުގީގު ކުރަން ޖެހޭ ކަމަށާއި އެކަމަށްޓަކައި ހަމީދު ސީޕީގެ މަގާމުން އެކަހެރިވުމަށް ކޯލިޝަނުން ވަނީ ގޮވާލާފައެވެ. އަދި ސާޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުގެ މައްސަލަ ތަހުގީގު ކުރުމަށް ޖާގަ ދެއްވައި ތަހުގީގު ނިމެންދެން މަގާމުން އެކަހެރިވެވަޑައިގަންނަވަން ކެރިވަޑައި ނުގަންނަވާނަމަ ސީޕީގެ މަގާމުން ހަމީދު އިސްތިއުފާ ދެއްވުމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ވަނީ ގޮވާލާފައެވެ.
ސީޕީ ހަމީދާއި ގުޅޭ ގޮތުން ދައުރުވަމުންދާ ފޮޓޯތަކާއި ގުޅިގެން ސާޝަލް މީޑިއާގައި ސީޕީ ހަމީދަށް ވަނީ ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. އެކަމާއި ގުޅިގެން ސީޕީގެ ހަމީދުގެ ދިފާއުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
އެގޮތުން ރައީސް ނަޝީދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަކީ އިހުލާސްތެރިއެއް ކަމަށާއި، ސަރުކާރު ހިސޯރު ކުރުމަށް ކުށްވެރިންނަށް ފުރުސަތު ނޯންނާނެ ކަމަށްެވެ. އަދި ވިދާޅުވީ، ސީޕީ ހަމީދު ކޮންޕްރޮމައިޒް ކޮށްގެން ފުލުހުންގެ މަސައްކަތުގެ މިސްރާބު ބަދަލުކޮށް ވައްކަމާއި، ކޮރަޕްޝަނާއި، ހައްދުފަހަނަ އެޅި މީހުން ރެކި ތިބެ ސަރުކާރު ހިސޯރު ކުރަން ޖާގައެއް ނުދެވޭނެ ކަމަށެވެ.
https://twitter.com/MohamedNasheed/status/1259107965820383232
ސީޕީ ހަމީދުގެ ދިފާއުގައި ރައީސް ނަޝީދު ވާހަކަފުޅު ދެއްކެވި ނަމަވެސް ސީޕާ ހަމީދު އެމަނިކުފާންގެ ދިފާއުގައި މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

