ކޮވިޑް-19 އަށް ޚާއްސަކޮށްގެން ގެނައުމަށް ސަރުކާރުން މެޑްޓެކް ކުންފުންޏާއި ހަވާލުކުރި 50 ވެންޓިލޭޓަރުގެ ތެރެއިން 18 ވެންޓިލޭޓަރު އެކުންފުނިން ގެނެސްފިއެވެ.
ކޮވިޑަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެއަށް 200 ވެންޓިލޭޓަރު ހޯދުމުގެ މަސައްކަތް، ހާއްސަ ކަމެއްގެ ގޮތުގައި ކުރަމުންދާކަން ސަރުކާރުން ހާމަކޮށް ތިން ކުންފުންޏަކާއި އެ މަސައްކަތް ޙަވާލުކުރީ މާޗުމަހުގެ 15 ދުވަހުއެވެ.
އެގޮތުން 1.3 މިލިއަން ރުފިޔާ ހަރަދު ކޮށްގެން ގެންނަ ހަ ޕޯޓަބްލް ވެންޓިލޭޓަރެއްގެ އިތުރުން 20 އައިސީޔޫ ބެޑް ވެންޓިލޭޓަރު ގެންނަން ޙަވާލުކުރީ ”ނާޑް“ ކުންފުންޏާއެވެ. އޭގެ ތެރެއިން ޕޯޓަބަލް ހަ ވެންޓިލޓޭރު ވަނީ އޭޕްރިލް މަހުގެ ވިހި ހިސާބުގައި ކަމަށް ސަރުކާރުންވަނީ ހާމަކޮށްފައެވެ.
މީގެ އިތުރުން އިތުރުން 14 މިލިއަން ރުފިޔާއަށް 50 ވެންޓިލޭޓަރު ގެންނަން ހަވާލުކުރީ ”މެޑްޓެކް“ ކުންފުންޏާ އެވެ. އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ މެދުވެރިކޮށް ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏާ ހަވާލުކުރީ 75 ވެންޓިލޭޓަރެއް ހިމެނެއެވެ. މި ވެންޓިލޭޓަރުތަކަށް 34 މިލިއަން ރުފިޔާ ޚަރަދު ކުރެއެވެ.
މެޑްޓެކުން އާދިއްތަ ދުވަހު ގެނައި 18 ވެންޓިލޭޓަރު ގެނެސްފައިވަނީ ސްރީ ލަންކަން އެއާލައިންސްގެ ކާގޯ ފްލައިޓެއްގައި، އެ އެއާލައިންސްގެ ރާއްޖޭގެ އެޖެންޓް، އިނަ މޯލްޑިވްސްގެ އެހީތެރިކަމާ އެކު އެވެ.
މި ފްލައިޓްގައި 18 ވެންޓިލޭޓަރުގެ އިތުރުން މި ވަގުތަށް ކޮންމެހެން ބޭނުންވާ މެޑިކަލް ސާމާނު ވެސް ގެނައި ކަމަށް އިނަ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ.
މެޑްޓެކްއާ ހަވާލުކުރި ވެންޓިލޭޓަރުތަކުގެ ތެރެއިން 18 ވެންޓިލޭޓަރު މި މަހުގެ އެކެއްގައި، 10 ވެންޓިލޭޓަރު މި މަހުގެ 15 ގައި ރާއްޖެއަށް ގެންނާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދީފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެފައިވެއެވެ. އަދި ބާކީ ހުރި ވެންޓިލޭޓަރުތައް ގެނެވޭނެ ދުވަސް ކަށަވަރުވުމުން މިނިސްޓްރީއާ ހިއްސާ ކުރާނެ ކަމަށް މެޑްޓެކުން އަންގާފައިވާ ކަމަށް އަމީން ވިދާޅުވެފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބޔ ދެއްވަމުން އަމީން ވިދާޅުވެފައިވަނީ ނާޑް ކުންފުނިން ގެންނަން ނިންމި 20 ވެންޓިލޭޓަރު ކަމަށާއި އެ އުފައްދާ ކުންފުނީގެ ފަރާތުން އުފެއްދުން ލަސްވެފައި އޮތުމުގެ ސަބަބުން އިތުރު ގޮތްތަކެއް ހޯދަމުންދާ ކަމަށް އަންގާފައި އޮތް ކަމަށް ވެސް އަމީން ވިދާޅުވިއެވެ. އެ ކުންފުންޏާ ހަވާލުކުރި ވެންޓިލޭޓަރުތައް ގެނެވޭނެ ދުވަހެއް ސަރުކާރުން އަދިއެއް ނުބުނެ އެވެ.
މެޑްޓެކް އަދި ނާޑްގެ އިތުރުން ދުބާއީގެ އެގްޒެކިއުޓާ ޖެނެރަލް ޓްރޭޑިން އާއި މި މަސައްކަތް ހަވާލުކުރީ ބިޑްކުރުމަކާ ނުލައި، ”ސިންގަލް ސޯސް ޕްރޮކިއުމަންޓް“ އުސޫލުންނެވެ.
ވެންޓިލޭޓަރު ގެންނަން ހަވާލުކުރި ތިން ކުންފުނީގެ ތެރެއިން މިހާތަނަށް ފައިސާ ދޫކޮށްފައި ވާނީ ދުބާއީގެ އެގްޒެކިއުޓާ ޖެނެރަލް ޓްރޭޑިން އަށް އެކަންޏެވެ. އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ 34 މިލިއަން ރުފިޔާ އަށެވެ. އޭގެ ތެރެއިން ކަމަށް އަގުގެ 75 ޕަސެންޓުވަނީ ދައްކާފައެވެ.

