މޯލްޑިވްސް ޕޯރޓްސް ލިމިޓެޑްގެ (އެމްޕީއެލް) ޢިމާރާތްތަކާއި، ބިންތައް ކުއްޔަށް ހިފާފައިވާ ފަރާތްތަކަށް، އެ ކުންފުނިން ލުއިތަކެއް ހަމަޖައްސައިދީފިއެވެ.
އެ ކުންފުނިން މި ގޮތަށް ނިންމާފައިވަނީ، ކޮރޯނާ ވައިރަހާއި ގުޅިގެން، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، މާލޭސިޓީ ލޮކްޑައުންކޮށްފައިވާތީ ލުއިތަކެއް ދިނުމުގެ ގޮތުންނެވެ.
މި ކަން ހާމަކޮށް އެ ކުންފުނިން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމާއި ގުޅިގެން، ސައިހޮޓާ، ރެސްޓޯރެންޓް ފަދަ ތަންތަން ބަންދުކުރުމަށް އަންގާފައިވާތީ، އެ އެންގުން އެންގި ދުވަހުން ފެށިގެން، އެފަދަ ތަންތަނުގެ ކުލި މާފުކޮށްދީފައިވާކަމަށެވެ.
މީގެ އިތުރުން، ފިހާރަ ހިންގުމަށާއި، މުދާ ގުދަންކުރުމަށް ކުއްޔަށްދޫކޮށްފައިވާ އިމާރާތްތަކާއި ބިންތަކުގެ ކުލިން، މެއިމަހާއި ޖޫންމަހުގެ ކުލިން %30 މާފުކޮށްދީފައިވާކަމަށް އެމްޕީއެލްއިން ބުނެއެވެ.
އަދި އޭޕްރީލް، މެއި، ޖޫން މި 3 މަހުގެ ކުލި ޖޫރިމަނާއާއި ނުލައި ބަލައިގަތުމުގެ މުއްދަތު ޖޫންމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްދީފައިވާކަމަށް އެމްޕީއެލްއިން ބުނެއެވެ.
އެމްޕީއެލްއިން ބުނީ ލޮރީ ޕާރކިން ފީ ގެ މެއި އަދި ޖޫންމަހުގެ ކުލިން ވެސް %30 މާފުކޮށްދީފައިވާކަމަށާއި، އޭޕްރީލް، މެއި، ޖޫން މި 3 މަހުގެ ކުލި، ޖޫރިމަނާއާއި ނުލައި ބަލައިގަތުމުގެ މުއްދަތު ވެސް، ޖޫންމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްދީފައިވާކަމަށެވެ.
އަދި ފައްޔިތާ ފީ އާއި، އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދިނުމަށް ހަދާފައިވާ އެއްބަސްވުންތަކުގެ ދަށުން ދައްކާ ފީތަކުގެ، އޭޕްރީލް، މެއި، ޖޫން މި 3 މަހުގެ ކުލި ޖޫރިމަނާއާ ނުލައި، ޖޫންމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްދީފައިވާކަމަށެވެ.

