ތިނަދޫ ސިޓީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ޑްރަގް ނެޓްވޯކެއްގެ އިސް ބައެއް ކަމަށް ތުހުމަތުކުރެވޭ ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނި ގޮތުގައި، މަސްތުވާތަކެތި އެތެރެކުރުމާއި އެ ތަކެތި ޓްރެފިކްކުރުން ހުއްޓުވުމަށްޓަކައި މި އަހަރުގެ ޖުލައި މަހުން ފެށިގެން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ހައްޔަރުކުރީ ގދ. ތިނަދޫ، ހުދުރުވާގެ، އުމުރުން 39 އަހަރުގެ ފަޒުލީން މުޙައްމަދު އާއި ހަމަ އެ ގެއަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ އަޒުލިފު މުޙައްމަދެވެ.
މި މަހު 21 ވަނަ ދުވަހު އެ އޮޕަރޭޝަން ހިންގާފައިވަނީ އަޕަރ ސައުތު ޕޮލިހުގެ ކައުންޓަރ ނާކޮޓިކްސް އޮޕަރޭޝަން ޓީމާއި، ގދ. ތިނަދޫ ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.
އެ އޮޕަރޭޝަންގައި، މަސްތުވާތަކެތި ގިނަ އަދަދަކަށް އެތެރެކޮށް ޓްރެފިކް ކުރާކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ތިނަދޫ ސިޓީ ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަަމަށް ބެލެވޭ 16.25 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
އޭގެ އިތުރުން، ހައްޔަރުކޮށްފައިވާ ދެ މީހުންނަކީ ވެސް އެ ނެޓްވޯކްގައި އިސްކޮށް ހަރަކާތްތެރިވާކަމަށް ތުހުމަތުކުރެވޭ ދެ މީހުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެ މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަޒުލީން މުހައްމަދު 70 ދުވަހަށް އަދި އަޒުލިފު މުޙައްމަދު 30 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
އެ މައްސަލަ ތިނަދޫ ޕޮލިހާއި ސީރިއަސް ކްރައިމް އިންވެސްޓިގޭޝަން ގުޅިގެން ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

