މޯލްޑިވްސް ރިޓަޔާމަންޓް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) މަރްޔަމް ޝިއުނާ މަގާމުން ސަސްޕެންޑުކޮށްފިއެވެ.
މިކަމާ ގުޅިގެން މީޑިއާތަކުގައި ދެކެވޭ ވާހަކަތައް އެ އިދާރާއިން ދޮގެއް ނުކުރެއެވެ.
”ސަންގު“ އިން ސުވާލު ކުރުމުން ޕެންޝަން އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ވަކި ވަކި މުވައްޒަފުންނާއި ގުޅޭ އިދާރީ ކަންކަމާ މެދު ޕެންޝަން އޮފީހުން މީޑިއާތަކަށް މަޢުލޫމާތު ޙިއްސާކުރުމަށް ހަމަޖެހިފައެއް ނުވާ ކަމަށެވެ. އަދި ވިދާޅުވީ ޕެންޝަން އޮފީހުގެ ހިދުމަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށް އިންތިޒާމުތައް ހަމަޖައްސާފައިވާއިރު، އިދާރާގެ އާންމު މަސައްކަތްތައް ކުރިއަށްދަނީ އާންމު އުސޫލުގެ ދަށުން ކަމަށެވެ. މީގެއިތުރުން މެންބަރުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށާއި، މެންބަރުންގެ ޕެންޝަން ފަންޑުގެ ރައްކާތެރިކަމަށް ޕެންޝަން އޮފީހުން އެންމެ އިސްކަމެއް ދީގެން ބަލަހައްޓަމުންދާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޝިއުނާ މަގާމުން ސަސްޕެންޑުކޮށްފައިވަނީ ޕެންޝަން ބޯޑުގެ ބައެއް މެންބަރުންނާއި ޗެއާމަންގެ ހިތްހަމަނުޖެހުންތަކެއް ހުރުމާ ގުޅިގެންނެވެ.
މަރްޔަމް ޝިއުނާ ޕެންޝަން އޮފީހުގެ ސީއޯއޯގެ މަގާމާ ގުޅިވަޑައިގަތީ އެޕްރީލް 2023 ގައެވެ. އޭގެ ކުރިން އޭނާ ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސްކަމާއި، ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވާފައެވެ.

