ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޓީގެ ފަޤީރު މަހުޖަނުންކޮޅު ބޭކާރު ވާހަކަ ދައްކާނެކަމެއް ނެތް!

ޝެއާރކޮށްލާ ކަހަލަދޯ؟

ޒަމާނުއްސުރެ ފަތުރުވެރިކަމުގެ ދާއިރާގައި ރަސްކަންކުރަމުން އަންނަ މަދު މަހުޖަނުންކޮޅެއް ވެގެން އުފައްދައިގެން އުޅޭ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އަކީ އޭރަކު އެއޮންނަ ސަރުކާރަކަށް އިންތިހާއަށް ނުފޫޒް ފޯރުވާ ބަޔަކެވެ. ދުވަހަކު ބަދަލުނުވާ ހިންގަން ތިބެންޖެހެނީވެސް ވަކި ބަޔެކެވެ. އެއީ މަހުޖަނުންގެ ތެރެއިން އަރާތިބި ދެތިން މަހުޖަނެކެވެ. އެވެރިންގެ ވިސްނުމުގައި ދިވެހި ސަރުކާރު ހިންގާންވަނީ އެމީހުންގެ ލަފާގެ މަތިންނެވެ. ދިވެރާއްޖޭގެ އިޤްތިޞާދު ބިނާވާންޖެހޭނީ އެމީހުން ކުރަހާފައިދޭ ޗާޓަކަށެވެ.

ރާއްޖޭގެ އިޤްތިޞާދުގެ 70 އަށްވުރެ ބޮޑު ޕަސެންޓެއް ހިއްސާކުރަނީ ފަތުރުވެރިކަމުގެ ސިނާއަތް ކަމަށްވިޔަސް ސަރުކާރަކުން ނިންމުންތަކަށް ފެހި ސިގްނަލްދޭ ބަޔަކީ މަޓީގެ މަހުޖަނުންނަށް ވާންޖެހޭ ސަބަބެއް ނެތެވެ. އަދި އަމުދުން މިފަދަ ނާޒުކު ދަނޑިވަޅެއްގައި، ކުރާ ހުރިހާކަމެއްގެ ލަފާ ހޯދާ މަޝްވަރާ ކުރާކަށްނުވެސް ޖެހެއެވެ. މަޓީގެ މަދު މަހުޖަނުންކޮޅަކީ އެމީހުންގެ އަމިއްލަ ފައިދާ އިސްކުރާ ބައެއްކަން ނުދަންނަ ރައްޔިތަކުނެތެވެ.  ތިޔަ މަޓީއަކީވެސް މަހުޖަހުނުން އެމީހުންގެ މުއްސަނދިކަން ދަމަހައްޓަން އުފައްދާފައިވާ ޖަމްޢިއްޔާއެވެ.

މުޅި ދުނިޔެ މިވަނީ ބޮޑު ޢާލަމީ ވަބާއަކާއި ކުރިމަތިލާންޖެހިފައެވެ. މި ކުޑަކުޑަ ދިވެހިރާއްޖޭވެސް ހިމެނޭގޮތަށެވެ. މުޅި ދުނިޔެއަށް ޖެހިފައިވާ ”ބަލާ ޢާފާތު“ ގެ ރާޅު މިވަނީ މި ރާއްޖޭގެ އައްސޭރި ފަށަށްވެސް ބިންދާލާފައެވެ. ބިންދާލި ރާޅުން ލިބުނު އިންތިހާއަށް ބޮޑު ގެއްލުމުގެ ޒިންމާވެސް ނަގަންޖެހޭ ޙަޤީޤީ ބަޔަކީ މަޓީގައި ތިބި މަހުޖަނުންކޮޅެވެ. ސަބަބަކީ ސިއްޙީ ތަޖުރިބާކާރުންނާއި ފަންނީ ބޭފުޅުން ކެނޑިނޭޅި މިޤައުމު މައިދޮރާށި ބަންދުކުރަން ގޮވަމުންދިއައިރު، އެކަމަކު ހުރަކަށްވީ މަޓީގެ މަހުޖަނުންކޮޅެވެ.

ދެއިރު ދެދަޅައަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކުގައި، ޗައިނާ، އިޓަލީއާ ނުވަތަ ވިލާތުގެ ޤައުމުތަކުން ފަތުރުވެރިން އައުން ހުއްޓުވައި، މައިދޮރާށި ބަންދުކުރަން ”ސްޓޭކް ހޯލްޑަރސް“ އާއި މަޝްވަރާ ކުރަމުންދާ ސަރުކާރުން ދިޔައީ ބުނަމުންނެވެ. އެ ”ސްޓޭކް ހޯލްޑަރސް“ ކޮޅަކީ ތިޔަ މަޓީއެއްގައި ތިބި މަހުޖަނުންކޮޅެވެ. އަމިއްލަ ވިޔަފާރި އާއި އަމިއްލަ އެދުންވެރިކަން އިސްކޮށް ސަރުކާރަށް ނުފޫޒުފޯރުވާ ރައްޔިތުންތަކެއް ހަފުސްކޮށްލީއެވެ. އެއަށްފަހުން ދެންފެށީ ކޮވިޑް-19 ގެ ސަބަބުން ގެއްލުންވާ ވިޔަފާރިތަކަށް އެހީވުމަށް ސަރުކާރުން އިއުލާންކުރި އިގްތިސާދީ އެހީގެ ޕެކޭޖުން ޓޫރިޒަމަށް ފައިދާ ނެތް ކަމުގެ ވާހަކަ ދައްކާށެވެ.

ކޮވިޑް-19 ގެ ސަބަބުން ވެއްޓިފައިވާ އިގްތިސާދު ކޮޅަށް ޖެހުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނައިރު ވިޔަފާރިތަކަށް އެހީވުމަށް ސަރުކާރުން އިއުލާންކުރި އިގްތިސާދީ އެހީގެ ޕެކޭޖްގެ ފައިދާ ޓޫރިޒަމް ދާއިރާއަށް ނެތް ވާހަކަ ލަދެއް ހުރި ބަޔަކު ވިއްޔާ ނުދައްކާނެއެވެ.  އަދި އެކަމާއި މަޝްވަރާ ނުކުރި ވާހަކަ ބުނަން ކެރުނީތީވެސް ހައިރާންވަމެވެ. ދުނިޔޭގައި ކޮވިޑް-19 ފެތުރެން ފެށުމާއި އެކު ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާނެ އަސަރުތަކުގެ ވާހަކަ ދެކެވުނެވެ. އެކަމަކު އެހިނދަށްވެސް މައިދޮރާށި ބަންދުކޮށްލަން ދެކޮޅު ހެދީ ހަމަ އެ މަހުޖަނުންކޮޅެވެ.

މި އާލަމީ ވަބާ ކުރިމަތިވުމާއެކު ރާއްޖޭގެ ރިސޯޓްތައް ހުއްޓިގެންދާނެކަން މަހުޖަނުންކޮށްވެސް އެނގެއެވެ. އޭޕްރިލް މަހަށް އެޅި އިރު ރާއްޖެ އަށް ފަތުރުވެރިން އައުން ހުއްޓުވިއެވެ. އެވެސް އިތުރު ގޮތެއް ނެތިގެނެވެ. އޭރުގައި ފަތުރުވެރިކަމަށް ކުރާނެ އަސަރުތަކުގެ ދިރާސާކޮށް ސަރުކާރުގެ ސަމާލުކަމަށް ގެނެސް މަޝްވަރާ ކުރިކަމަށްބުނެ ލައްކަ ފޮނު ފަށެއް އެރުވިއެވެ. އެކަމަކު މިއަދު އެބުނާ ފިޔަވަޅަކާއި ދިރާސާތަކުން ވީ އެއްވެސް ކަމެއް ޙަރާމެވެ.  ބިންދާލި ރާޅާއެކު ފަތުރުވެރިކަމުގެ ”ބާނީން“ ކަމަށް ވެގެން އުޅުނު މަހުޖަނުންކޮޅު ނިކަމެތި ފަޤީރުން ކޮޅަކަށް ބަދަލުވިއެވެ.

މަޓީގެ މަހުޖަނުންކޮޅު ރިސޯޓްތަށް ހިންގަމުން ދާއިރު ސަރުކާރުން އެމީހުންނަށް ވަރަށް ގިނަ ފަސޭހަތަށް ކޮށްދެޔެވެ. މިޔަދު މުޅި ޤައުމު ބަލާ އާފާތެއްގައި އޮތްއިރުވެސް މިދައްކަނީ އެމީހުންނަށް ފައިދާއެއްނެތް ވާހަކައެކެވެ. އަމިއްލަ ފައިދާއަށް ކަމެއް ނުވެގެން އެ ޝަކުވާކުރާއިރު ރިސޯޓުތަކުގައި މަސައްކަތް ކުރަމުން އަންނަ މީހުންނާ މެދު ކަންތައް ކުރި ގޮތާއި މެދު ވިސްނާލަންޖެހެއެވެ. ރިސޯޓުތައް ހުއްޓާލިތާ މަހެއްނުވެ، މުވައްޒަފުންކޮޅަށް މުސާރަ ދެވޭނެ ގޮތެއް ނެތޭ ކިޔައި ރިސޯޓް މުވައްޒަފުން ބިކަކޮށްލިއެވެ.

އާދައިގެ ރައްޔިތުން މީހާގެ ހަތަރެސްފައި އަނދަގޮނޑި ޖައްސުވައި ބިކަކޮށްލި ބަޔަކީ ތިޔަ މަޓީއަށްވެސް ނިސްބަތްވާ މަހުޖަނުންކޮޅެވެ. ގިނަ މުވައްޒަފުންތަކެއް ނޯޕޭ އަށް ގަދަކަމުން ފޮނުވާ ވަޒީފާއިން ވަކިކޮށް، ވަޒީފާއިން ވަކިވާން މަޖުބޫރު ކުރުވިއެވެ. ލިޔުން ދީފައި ގެއަށް ފޮނުވާލި އެވެ. ނުވިތާއި އެއްހާސް ރުފިޔާއަށްވުރެ ގިނައިން ނުދެވޭނެ ކަމަށް އެންގިއެވެ. މި ދައްކަނީ މުޅި އުމުރު އެކަމެއްގައި އުޅުނު މަހުޖަނުންކޮޅުގެ ހާލުގެ ވާހަކައެވެ. މުވައްޒަފުންނާ މެދު ހިތުހުރި ގޮތަކަށް ރިސޯޓުތަކުން އަމަލު ކުރަމުން ގެންދިޔަ އިރު އެއްވެސް ކަމެއް ކޮށްނުދީ ރިސޯޓުގެ ވެރިންގެ ދިފާއުގައި މަސައްކަތްކޮށްފައި ސަރުކާރުން ދޭ ޕެކޭޖްގެ ވާހަކަ ދައްކަން ލަދެއްވެސް ނުގަންނީހޭ ހިތަށް އަރައެވެ.

ސަރުކާރުން ދޭން ނިންމި ޕެކޭޖް އާ ގުޅޭ ގޮތުން މަޓީ އާ އެކު ސަރުކާރުން އެއްވެސް މަޝްވަރާއެއް ނުކުރެޔޭ ބުނާއިރު މުވައްޒަފުންގެ މުސާރަ ކުޑަކޮށް، ގަދަކަމުން ނޯޕޭއަށް ފޮނުވާލާ ވަޒީފާއިން ވަކިކޮށް، މުވައްޒަފުންނާ މެދު ހިތުހުރި ގޮތަކަށް އަމަލުކޮށް އެމީހުންގެ އާއިލާތައް ބިކަކޮށް ނިކަމެތި އެތަކެއް އާއިލާއެއް އަތާއި އަނގަޔާ ދިމާނުވާވަރުކޮށްފައި ނުކުމެ ސަރުކާރުން ދޭން ނިންމި ސްޓިމިއުލަސް ޕެކޭޖޭ ފަޅޮލޭ ކިޔައިގެން މަޓީގެ ފަޤީރު މަހުޖަނުން ކޮޅު ބޭކާރު ވާހަކަ ދައްކާނެކަމެއް ނެތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: