އިންސާނާގެ ލޮލަށް ނުފެންނަ ވައިރަހެއް ދުނިޔޭގެ މި މުޖްތަމައުގެ ތެރެއަށް އުފަންވެގެން އައި މީގެ ހަތަރު މަސް ކުރީންނެވެ. ހަޔާތުގެ ސޮފުހާތަކުގެ ތެރެއިން، ދުނިޔެ މިހާ ބޮޑު ހުއްޓުމަކަށް އައިސްދާނެ ކަމަށް މީގެ ކުރިން ހިތައް އަރާފައި ނުވެއެވެ.
އެހެން އެއްވެސް މީހެއްގެ ހަޔާތަށް އައިސްދާނެ ބަދަލަކަށް، ލިބިދާނެ ގެއްލުމަކަށް އަހެރެމެން އެއްވެސް މީހަކަށް ވިސްނާލެވިފައި ނެތެވެ. ދިރިއުޅުމުގެ ދުވަސްތައް ވޭތު ކުރަމުން ދިޔައީ، ފަނޑުވެފައިވާ އާއިލާއެއްގެ ތެރޭގައެވެ. ހިޔާލެއް ފިކުރެއް ނެތި މަސައްކަތުގެ މައިދާނުގައި އުޅެމުން ދަނިކޮށް ނިދން ހޭލައްވާލައިފިއެވެ.
މިއަދު ދިރިއުޅެން މި ޖެހިފައިވަނީ، އާއިލާއާއި ވަކިންނެވެ. ދުނިޔެއަށް ކުރިމަތިވީ މި ބޮޑު ކާރިސާގެ ބިޔަ ރާޅު ނަގާ ރާއްޖެއަށް ޖަހާލިތާ މަހަކާއި ގާތް ވެއްޖެއެވެ. މުޅި ދިރިއުޅުން އެ ފުށް މި ފުށަށް ޖެހިފައިވާއިރު އާއްމު ހާލަތަކަށް ރުޖޫއަ ވެވޭނެ ދުވަހެއް ނޭނގެއެވެ. އެނގޭހާ ވެސް ކަމަކީ، ދަރިފުޅު ދެކެން ކިތަންމެ ހިތް އެދުނަސް، އެ ދަރިފުޅު ގައިގައި ކިތަންމެ ބާރަށް ބައްދާލަން ބޭނުން ވިޔަސް އެ ފުރުސަތެއް ނެތް ކަމެވެ. އެ ރުއިމުގެ އަޑުން ހިތަށް ކިތަންމެ އަސަރެއް ކުރިޔަސް، ގައުމަކަށްޓަކާ މަސައްކަތަށް ނިކުންނަން ޖެހެނީ ހިލަ ހިތަކާއި އެކުއެވެ. މިއީ ކެތް ކުރަން ވީ ވަގުތަށް ވީމައެވެ.
ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ރާއްޖެ ދުވަސްތައް ގުނަމުންދާއިރު، ވެރިރަށް މާލެ ސިޓީ މިއޮތީ ނާޒުކު ފައްތަރެއްގައެވެ. މި ބައްޔާއި ގުޅިގެން ގައުމާއި ރައްޔިތުންގެ ހައްގުގައި، ނިކުތް މީހުންނަކީ ތިމާއަށް މި ބަލީގެ ސަބަބުން ކޮށްފާނެ އަސަރު އެނގިތިބެ މައިދާނަށް ނިކުތް ބައެކެވެ. އެ ފަރާތްތައް އެތިބީ، އާއިލާތައް ދޫކޮށް އެކަހެރިވެ ވަކި ކަރަންޓީން ފެސިލިޓީތަކުގައެވެ.

މިއީ ދިރިއުޅުމުގެ ހާލަތު މިވަގުތު ނިޔާ ކުރާ ގޮތެވެ. ކޮވިޑް ބައްޔާއި ދެކޮޅަށް އެތައް ދިވެހި ދަރީންނެއް އެދަނީ މަސައްކަތް ކުރަމުންނެވެ. ސިއްހީ ދައިރާގެ ފަރާތްތަކާއި، ފުލުހުންނާއި ސިފައިން މީގެ ތެރޭގައި ހިމެނެއެވެ. މަސައްކަތް ކުރަމުން އެދަނީ ފުރާނަ އަތް މައްޗަށް ލައިގެންނެވެ.
ފްރޮންޓް ލައިނުގައި މަސައްކަތް ކުރަމުން އަންނަ ފަރާތްތަކުގެ ތެރޭގައި، އެމްޕީއެލް، އެސްޓީއޯ، ވެމްކޯ، އެމްޓީސީސީ އަދި ޑެލިވަރީ ކަންކަމުގައި ހަރަކާތްތެރިވާ ޒުވާނުން ހިމެނެއެވެ.
މިއީ އިންސާނުންނެވެ. ހިތަށް އަސަރުތަކެއް ކުރާނެއެވެ. އަދި އުނދަގޫތަކެއް ވެސް ވާނެއެވެ. ދެލޮލުގެ ނޫރުފަދައިން ލޯބިން ބަލާ ބޮޑު ކުރި ދަރީން ފުރާނަ އަތްމައްޗަށް ލައިގެން އުޅޭތަން ފެނުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. އެ މީހުން ފެންނަނީ ގޭ ދޮރުމަތީންނެވެ. ކައިރިވިޔަ ނުދެއެވެ. މައިންބަފައިން، ނުވަތަ ތިމާގެ ދަރިފުޅު ލޯބިން ބައްދާލަން، ބޭނުން ވިޔަސް ”ހިލަ ހިތަކާއި“ އެކު ބުނަންޖެހެނީ ނޫނެކޭއެވެ.
ޅަ ކުއްޖަކަށް، އެ ކުއްޖާގެ މަންމަ ނުވަތަ ބައްޕައަށް ގެއަށް ނާދެވޭ ސަބަބު ބަޔާންކޮށް ދޭނެ ގޮތެއް ނޭނގެއެވެ. ވަކި ގަޑިތަކެއްގައި ފޯނުން ގުޅައިގެން ވާހަކަ ދެއްކެންވީ ކީއްވެގެންކަން އެ ކުއްޖާގެ ސިކުނޑިއަށް ނަގައި ނުގަނެވޭނެއެވެ.
ގޭގެ ދޮރުމައްޗަށް، ބައްޕަ ނުވަތަ މަންމަ އައިސް ހުއްޓުމުން ދަރިފުޅަށް ގޮވާލުމަށްފަހު ގެއަށް ނުވަދެ ބޭރުގައި ހުންނަން ޖެހުމުން ކުރާނެ އަސަރު ކިޔައި ނުދެވޭނެއެވެ. އެ ވަގުތުކޮޅު، އާއިލާގެ ކޮންމެ މެމްބަރަކަށް ކުރާނެ އަސަރު ބުނެދޭންވެސް ދައްޗެޗެވެ.
ހަމަ ގައިމުވެސް، މިއީ އަޅުގަނޑަށް އައި ތަފާތު ރޯދަ މަހެކެވެ. އާއިލާއާއި ވަކިން މިހެން އޮފީހުގައި ލޮކްޑައުންގައި ހުންނަން އުނދަގޫ ވެއެވެ. ތަފާތު ހިޔާލުތައް ބޮލު ތެރޭގައި އެނބުރެއެވެ. ލޮކްޑައުން ނިމުމާއި އެކު އެންމެ ފުރަތަމަ ވެސް ދާން ބޭނުމީ މަންމައާއި، ބައްޕަ ކައިރިއަށް ރަށަށެވެ.

މި ވާހަކަތައް ލިޔަމުން ދާއިރު، އަތް ތުރުތުރު ލައެވެ.
އާއިލާގެ މެމްބަރުންގެ ރައްކާތެރިކަމަށްޓަކައި މިވަގުތަށް އެޅެން އޮތް އެންމެ މުހިންމު ފިޔަވަޅަކީ އެއީއެވެ. ފްރަންޓްލައިންގައި މަސައްކަތް ކުރަމުން ދާއިރު ވީހާވެސް ބޮޑަށް ސޯޝަލް ޑިސްޓެންސިން ގާއިމް ކުރުމެވެ.
މިވާހަކަތައް ފާހަގަކުރާއިރު، މިހާރުވެސް ގިނަ އަދަދެއްގެ ސިފައިންނާއި ފުލުހުން ވަނީ އައިސޮލޭޓު ކުރެވިފައެވެ. އަދި ބަނޑާރަ ކޮށިންނާއި ކަޅުތުއްކަލާއިން ވެސް އޮފިސަރުންތަކެއް ބައްޔަށް ޕޮޒިޓިވް ވެފައިވެއެވެ. ބައެއް ކޭސްތަކާއި ގުޅިގެން ސިއްހީ ހިދުމަތްތެރިންނާއި، އެހީތެރިން ވަނީ އައިސޮލޭޓުކޮށް ކަރަންޓީނު ކުރެވިފައެވެ. އަދި އެހެން ބައެއް ކުންފުނިތައް ވެސް މީގެ ތެރޭގައި ހިމެނެއެވެ. އެ މީހުންނަކީ، މުއްދަތު ހަމަކޮށް ޓެސްޓުތައް ނެގެޓިވްވުމުން އަނެއްކާވެސް މަސައްކަތަށް ނިކުމެ ގައުމަށް ހިދުމަތް ކުރާނެ ފަރާތްތަކެވެ.
ގައުމުގެ ހައްގުގައި އެއްވެސް ވަރުބަލި ކަމެއް ނެތި މަސައްކަތް ކުރަމުންދާ މީހުންގެ އިހުސާސްތައް އަހަރެމެން އެންމެންވެސް ބަލައިގަންނަން ޖެހެއެވެ ދިރިއުޅެމުން އައި ގެ ދޫކޮށް އެހެން ތަނެއްގައި ވަކީން އުޅެމުން އަންނައިރު ނަފްސާނީ އުނދަގޫތަކެއް ވާނެއެވެ. އެ މީހުންގެ ހާލު ބަލާ، ފޯނުން ގުޅައިގެން ކުރިޔާވެސް ކުޑަ ވަގުތުކޮޅެއް ހޭދަ ކުރުމަކީ އެހެން މީހުންގެ ޒިންމާއެކެވެ.

މިއަދު އެކަނިމާ އެކަނި، ސޯފާއެއްގައި އެހެން އިށީނދެ އިންނަން ޖެހުނީމަ އުނދަގޫތަކެއް ވާނައެވެ. ސިކުނޑިއަކަށް ހަމަޖެހުމެއް ނެތެވެ. ކަންކަމާ ވިސްނެނީއެވެ. ބޯހަލާކުވެއްޖެއެވެ. ވައިރަހަށް ފަރުވާއެއް ނެތެވެ. ނަމަވެސް، މި ބަލި ދިރިއުޅުމަކީ ކޮބައިކަން އިހުސާސްކޮށް ދީފިއެވެ.
ތޮއްޖެހިފައިވާ މާލޭގައި ބިދޭސީންނަށް ނަޒަރު ހިންގާލެވެނީ ފަކުރުގެ ލޮކަލުންނެވެ. މިއީ އަޅުގަނޑުމެންގެ ހާލެވެ. އެންމެގެ ވާހަކައެއް ނޫންނަމަވެސް މިއީ ހިތި ހަގީގަތެވެ. މިއަދު ވެސް ”އެ މީހުން މިތަނުން ފޮނުވާލާ“ އެހެން ބުނާ ކިތަށް މީހުން އެބަތިބި ހެއްޔެވެ؟ ރަނގަޅު ވާހަކައެކެވެ. ދިވެހިންގެ ބިމުގައި، މިއަދު ދިވެހިން ވެސް ތިބީ ހާލުގައެވެ. އެހެން ކަމަށް ވާނަމަ، ގައުމުގައި ތިބި އަވައްޓެރިންތަކެއް އަމުދުން ބިކޮށްލާނީ ކިހިނަކުން ހެއްޔެވެ؟ ކޮވިޑު ބާރަށް ފެތުރެމުން ދާ ގައުމުތަކުގެ ތެރޭގައި އިންޑިއާ، ލަންކާ ފަދަ ގައުމުތައް ހިމެނޭއިރު މިއީ ދިވެހިންގެ ގިނަ ބަޔަކު ދިރިއުޅެމުން އަންނަ ގައުމުތަކެވެ. އެހެން ނަމަވެސް، އެ ގައުމުގެ ރައްޔިތުން ދިވެހިންނަށް އަމާޒުކޮށް ”މި ގައުމުން ދާށޭ“ ބުނާ އަޑު އިވޭހެއްޔެވެ؟ ”ކަލޭ މެންނަ މި ގައުމުން ދެވޭނެ ފަރުވާއެއް ނެތް“ މިހެން ބުނާ އަޑު އިވޭ ހެއްޔެވެ؟
ނޫނެކެވެ. އެއްވެސް ގައުމަކުން ނީވެއެވެ. އެބައެއްގެ ހުރި ފެންވަރުން އެދަނީ އެހީވަމުންނެވެ. ފަރުވާ ވެސް ދެމުންނެވެ. އިންސާނާ ވާނީ ހަމަ ހަމައެވެ. މިއީ އެކަކު އަނެކަކަށް އަޅާލާ ކުލުނު ބަހައްޓަންވީ ވަގުތު ކަމަށްވާއިރު ވަކި ބަޔަކަށް ނަފްރަތުގެ ނަޒަރަކުން ބަލަން ވީ ސަބަބެއް ނެތެވެ.
ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި، ނަރުހުން ފެނުމުން މިއަދު ދުރަށް ޖެހިލަނީ ކިތަށް މީހުން ހެއްޔެވެ؟ ވަޒީފާ އަދާކުރާތީ، ދެން ގެޔަށް އަޔަސް ނުވަދެވޭނެ ކަމަށް ބުނީ ކިތަށް މީހުން ހެއްޔެވެ؟ މާލީ ގޮތުން، އިނދަޖެހިފައިވާ މި ދަނޑިވަޅުގައި ޒުވާން ކުދިންނާއި، އާއިލާތައް ނެރެނީ ކިތަށް މީހުން ހެއްޔެވެ. ކޮޓަރިއެއްގެ އެނދެއް މަތީ ނިދާލާކަމަށްޓަކާ ކުއްޖެއްގެ އަތުން 3000 ރުފިޔާ ނަގަމުން އައި މީހާއަށް އެ ކުދިން ގެއިން ނެރެލުމުން ލިބޭނެ ވަކި އިތުރު އެއްޗެއް ނޯންނާނެއެވެ. ހަމަ އެ އަދަދު ދީ، ނޫނީ އެއަށްވުރެ އިތުރު އަދަދެއް ދީ އެ ކޮޓަރިއަށް ވަންނާނެ މީހެއް ވެސް ނުވާނެއެވެ.
ހިތްތަކަށް ފަރުވާއެއް ހޯދުމަށް މަސައްކަތް ކުރާއިރު، މިއީ އަދި އަމަލުތައް ބަހައްޓަން ވީ ގޮތެއް ނޫނެވެ. އެކަކު އަނެކަކަށް އެހީ ވާށެވެ. އަނެކާގެ ހިތް ނުތަނަވަސް ވާ ވަރު ނޭނގުނަސް، ވެދެވެން އޮތް އެހީ އެއް ނަމަ އެހީ ވާށެވެ.

ލޮކްޑައުންގައި ހުރި އާއިލާގެ މެމްބަރަށް ގުޅާށެވެ. އެ މީހެއްގެ އިންތިޒާރުގައިން ކުޑަ ކުއްޖާއަށް ލޯބި ދީގެން ވިސްނައި ދެވޭތޯ ވެސް މަސައްކަތް ކުރާށެވެ. އުނދަގޫ ވާނެއެވެ. ކެތް ކުރުން ނޫން ވަކި ގޮތެއް ނެތެވެ.
މިއީ އިސްލާމް ދީނުގެ ރިވެތި އާދަތައް ދަސް ކުރަން އެންމެ ފުރިހަމަ މުނާސަބު ވަގުތެވެ. ނަމާދުކޮށް، ޤުރުއާން ކިޔަވާ ގިނަގިނައިން ޒިކުރު ކުރުމުގައި ދެމި ތިބޭށެވެ. އަނބި ދަރީންނާއި، އާއިލާއަށް އަޅާލާށެވެ.
”ނިއު ނޯމަލް“ އަކަށް ދާން މަސައްކަތް ކުރާށެވެ.

