އޭޑީކޭގެ ހުޅުމާލޭގެ އެކޮމަޑޭޝަންގައި މަސައްކަތްކުރާ 12 ބިދޭސީއަކު ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެއްޖެއެވެ.
މި ކަން ހާމަކޮށް އޭޑީކޭ ހޮސްޕިޓަލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އޭޑީކޭގެ ހުޅުމާލޭ އެކޮމަޑޭޝަންއަށް ކޮރޯނާ ވައިރަހުގެ އަސަރުފޯރާ އެ ތަނުގައި ދިރިއުޅޭ 12 ބިދޭސީ މަސައްކަތުމީހަކު ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައިވާކަމަށެވެ.
އަދި ޕޮޒިޓިވްވި މުވައްޒަފުންނާއި ކޮންޓެކްޓްވި ފަރާތްތަކުގެ ތަފްސީލުހޯދައި އެ ފަރާތްތައް ޓެސްޓުކުރުމުގެ މަސައްކަތް އެޗްޕީއޭއިން ކުރިއަށްގެންދާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަންފަށާފައިވާކަމަށް އޭޑީކޭއިން ބުނެއެވެ.
އޭޑީކޭއިން ހާމަކުރިގޮތުގައި އެ އެންމެންގެ ހާލުވެސް ރަނގަޅެވެ.
މީގެ އިތުރުން އޭޑީކޭއިން ބުނީ، ހޮސްޕިޓަލުތެރޭގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު، ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ހީވާގިކަމާއި ހިތްވަރާއެކު މުވައްޒަފުން ދައްކައިދެމުންދާ ރީތި ނަމޫނާއާއެކު ރައްޔިތުންގެ ޚިދުމަތުގައި ދެމިއޮންނާނޭކަމުގެ ޔަޤީންކަންދޭކަމަށެވެ.

