ކޮރޯނާ ވައިރަހުގެ ސަބަބުން ކައުންސިލް އިންތިހާބު ބޭއްވެން ނެތުމުން މިހާރު ތިބް ކައުންސިލްތަކުގެ ދައުރު ދެންމުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި ލާމަރުކަޒީ ނިޒާމް ހިންގުން ކަށްވަރު ކުރުމުގެ ހާއްސަ ބިލަށް ރައްޔިތުންގެ މަޖިލީޙުގެ ކައުންސެލް ޖެނަރަލް ފާތުމަތު ފިލްޒާގެ ގާނޫނީ ލަފާ ހޯއްދެވުމަށް މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީން ނިންމައިފިއެވެ.
ހަސަން ލަތީފް ހުށަހެޅުއްވި ބިލަށް މަޖިލީހުގެ ކައުންސެލް ޖެނަރަލް ފިލްޒާގެ ލަފާ ހޯއްދެވުމަށް ނިންމެވީ އާދީއްތަ ދުވަހު ބޭއްވި ލާމަރުކަޒީ ކޮމެޓީގެ ބައްދަލުވުމުގައި މެމްބަރުން އެކަމަށް ހުށަހެޅުއްވުމުން ނެގި ވޯޓަށް ފަހުގައެވެ.
ލާމަރުކަޒީ ނިޒާމް ހިންގުން ކަށްވަރު ކުރުމުގެ ނަމުގައި ހަސަން ލަތީފް ހުށަހެޅުއްވި ބިލް ދިރާސާކުރާ ކޮމެޓީން ވަނީ ބަންޑާރަނައިބު އިބްރާހިމް ރިފްޢަތުގެ ލަފާ ވެސް ހޯއްދަވާފައެވެ. އެގޮތުން ބަންޑާރަނައިބު ވިދާޅުވެފައި ވަނީ ކަުއންސިލްތަކުގެ ދައުރު ދިގި ދެންމޭނީ ގާނޫނުއަސާސީއަސް އިސްލާހު ގެނެސްގެން ކަމަށާއި މަޖިލީޙުން ފާސްކުރާ އާންމު ގާނޫނަކުން އެކަން ނުކުރެވޭނެ ކަމަށް ބަންޑާރަނައިބު ވަނީ ވިދާޅުވެފައެވެ.
މަޖިލީހުގެ ކޮމެޓީއަށް ވަޑައިގަތުމުގެ ބަދަލުގައި ބަންޑާރަނައިބު ލިޔުމުން އެމަނިކުފާންގެ ގާނޫނީ ލަފާ ކޮމެޓީއާއި ހިއްސާކުރެއްވުމުން ބައެއް މެމްބަރުން ވަނީ އެކަމާއި ނުރުހުން ފާލުކުރައްވާފައެވެ. އަދި ކައުންސެލް ޖެނަރަލްގެ ލަފާ ވެސް ހޯްދަން ނިންމިވީ ބަންޑާރަނައިބުގެ ލަފާ ގަބޫލު ކުރެއްވުމަސް ދެކޮޅު ހެއްދެވުމަށް ފަހުކަން ފާހަގަކޮށްލަން ޖެހެއެވެ.
އެގޮތުން ކޮމެޓިގައި ވާހަކަދެއްކެވި ގިނަ މެމްބަރުން ވިދާޅުވީ ގާނޫނުއަސާސީ އިސްލާހު ކުރުމަކީ މިވަގު ކުރެވިދާނެ ކަމެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށާއި އެހެން ކަމުން މި ނޫން އެހެން ހައްލެއް ހޯދުމަށް ނުވަތަ މި ނޫން އެހެން ގޮތެއް އޮތްތޯ ބެލުމަށް މަޖިލީހުގެ ކައުންސެލް ޖެނަރަލްގެ ލަފާ ހޯދަން ޖެހޭ ކަމަށް މެމްބަރުން ވިދާޅުވިއެވެ.
ގާނޫނުއަސާސީ އިސްލާހުކޮށްގެން މިހާރުތިބި ކައުންސިލްތަކުގެ ދައުރު ދެންމުމަށް ބަންޑާރަނައިބު ދެއްވި ލަފާ ކޮމެޓީގެ ގިނަ މެމްބަރުން ގަބޫލު ކުރައްވަން ދެކޮޅު ހައްދަވާފައިވާއިރު މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދުއަށް މަޖިލީހުގެ ކައުންސެލް ޖެނަރަލް ފިލްޒާ ދެއްވި ލަފާގައި ވިދާޅުވީ ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރީއްޔާ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ނުކުރާހާ ހިނދަކު ގާނޫނުއަސާސީއަށް އިސްލާހެއް ގެންނަން ބޭނުން ވެއްޖެނަމަ އެކަން ކުރުމަށް ގާނޫނީ ގޮތުން އެއްވެސް ހުރަހެއް ނެތް ކަމަށެވެ.
މަޖިލީޙުގެ ރައީސް އުފެއްދެވި ސުވާލާއި ގުޅިގެން ދެއްވި ގާނޫނީ ލަފާގައި ފިލްޒާ ވިދާޅުވެފައި ވަނީ މިހާރު އިއުލާން ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތަކީ އާންމު ސިއްހަތުގެ ގާނޫނުގައި ހެލްތު މިނިސްޓަރަށް ލިބިދީފައިވާ ބާރުގެ ދަށުން ގާނޫނީ އިމުގެ ތެރެއިން އިއުލާން ކޮށްފައިވާ ކުއްލި ހާލަތެއް ކަމަށެވެ. އަދި އެއީ ގާނޫނުއަސާސީގައި ރައީސް ނެރުއްވާ ގަރާރަކުން އިއުލާން ކުރައްވާ ކުއްލި ނުރައްކަލުގެ ހާލަތު ވެސް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެން ކަމުން ގާނޫނުއަސާސީގައި ގާނޫނުއަސާސީ އިސްލާހު ނުކުރެވޭނެ ކަމަށް ބުނާ މާއްދާއަކީ ގާނޫނުއަސާސީގައި ރައީސް ނެރުއްވާ ގަރާރަކުން އިއުލާން ކުރައްވާ ކުއްލި ނުރައްކަލުގެ ހާލަތަށް ކަމަށާއި މިހާރު އިއުލާން ކޮށްފައިވާ ހާލަތުގައި ގާނޫނު އަސާސީއަށް އިސްލާހު ގެނެވިދާނެ ކަމާ މެދު ގާނޫނީ ގޮތުން އުފައްދާނެ އެއްވެސް ހިލާފެއް ނެތް ކަމަށް ފިލްޒާގެ ގާނޫނީ ލަފާގައި ފާހަގަ ކުރައްވާފައިވެ އެވެ.

