ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ގެންނަން މަސައްކަތްކުރަމުންދާ ވެންޓިލޭޓަރުތަކަށް އެންމެ ބޮޑު އަގެއް ހުށަހެޅީ ސަރުކާރު ކުންފުނި އެސްޓީއޯ އިން ކަމަށްބުނެ ދައުރުކުރަމުންދާ ލިޔެކިޔުމަކީ ހެލްތު މިނިސްޓްރީއަށް ފޮނުވި ”ކޯޓޭޝަން“ ގައި ހިމެނޭ އަގުތަކެއް ނޫން ކަމަށް އެކުންފުނިން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން، ވެންޓިލޭޓަރުތަކުގެ އިވެލުއޭޝަން ހިނގި ގޮތް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދަނީ ލިޔުމެއް ހިއްސާކުރަމުންނެވެ. އެ މައުލޫމާތުތަކުގައި ވާ ގޮތުން އެސްޓީއޯ އިން ވަނީ ވެންޓިލޭޓަރު ގެނައުމަށް ފަސް އޮޕްޝަނަކާއި އެކު އަގުތަކެއް ހިމަނާފައެވެ.
އާންމު ކުރަމުންދާ ކިޔުންތަކުން ދައްކާގޮތުގައި އެސްޓީއޯ ފިޔަވައި ދެން ކުރިމަތިލަތި މެޑްޓެކާއި ނާޑުންވަނީ މާ ކުޑަ އަގެއްގައި އަވަސް މުއްދަތެއްގައި ވެންޓިލޭޓަރުތައް ގެނެސްދޭނެ ކަމަށްބުނެފައެވެ. އެކަމަކު އެ ކަރުދާހުގައި އެ ދެ ކުންފުނިންވެސް ވެންޓިލޭޓަރު ގެންނަ ގައުމަކާއި ވެންޓިލޭޓަރުތަކުގެ ބްރޭންޑެއް ހިމަނާފައެއް ނުވެއެވެ.

ހެލްތު މިނިސްޓްރީން ވެންޓިލޭޓަރުތައް ގެނައުމަށް އެސްޓީއޯއާ ހަވާލުނުކުރީ އެކުންފުނިންގ އިން ހުށަހެޅި ވެންޓިލޭޓަރުތަކަކީ އައިސީޔޫ ވެންޓިލޭޓަރުތަކަށް ނުވުމުން ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދިޔަނަމަވެސް ސަންގަށް ލިބިފައިވާ އެ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި އެސްޓީއޯ ކޯޓޭޝަން ފޮނުވާފައިވަނީ އައިސީޔޫ ވެންޓިލޭޓަށެވެ.
އެ މައުލޫމާތުތަކާއި ގުޅިގެން އެސްޓީއޯގެ ސްޕޯކްސްޕާސަން އަބްދުﷲ މުހައްމަދު ”ސަންގަށް“ ވިދާޅުވީ ދައުރުކުރަމުންދާ އަގުތަކަކީ ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީން ހޯދަން ބޭނުންވެގެން އެސްޓީއޯ އިން ހުށަހެޅި ކޯޓޭޝަންގައި ހިމެނޭ އަގުތަކެއް ނޫން ކަމަށެވެ.
އަބްދުﷲ ވިދާޅުވީ އެ އަގުތަކަކީ އައިޖީއެމްއެޗް އަށް ފޮނުވާފައިވާ ކޯޓޭޝަނެއްގައި ހިމެނޭ އަގުތަކެއް ކަމަށާއި، އެއީ ކޮވިޑް-19 އާއި ގުޅިގެން ހެލްތު މިނިސްޓްރީއަށް ހުށަހެޅި އަގުތަކާއި ގުޅުމެއް އޮތް ކަމެއް ނޫން ކަމަށެވެ. ހެލްތު މިނިސްޓްރީއަށް އެސްޓީއޯ އިން ހުށަހެޅީ ތިން އޮޕްޝަނެކެވެ.

ކޮވިޑް-19 އަށް ބޭނުންވާ ވެންޓިލޭޓަރުތައް ރާއްޖެ ގެނެސްދޭނެ ކުންފުންޏެއް ހޯދުމަށް ހެލްތު މިނިސްޓްރީން މަސައްކަތް ފެށުމުން އެންމެ ކުޑަ އަގެއް ހުށަހެޅީ އެސްޓީއޯ އިން ކަމަށް އަބްދުﷲ ވިދާޅުވިއެވެ. އެގޮތުން ތިން މެނުފެކްޗަރ އެއްގެ އަގު ހުށަހެޅި ކަމަށާއި އެއީ ސްވިޑްންގެ ބްރޭންޑަކާއި ޖަރުމަނުގެ ބްރޭންޑެއްގެ އިތުރުން އެމެރިކާގެ ޖެނެރަލް އިލެކްޓްރިކް ކުންފުނީގެ ވެންޓިލޭޓަރުތަކުގެ އަގުތައް ކަމަށް އަބްދުﷲ ވިދާޅުވިއެވެ.
އަބްދުﷲ ވިދާޅުވީ ހެލްތު މިނިސްޓްރީއަށް ފޮނުވި ކޯޓޭޝަންގައި ވާނީ ސްވިޑްންގެ ބްރީޒް ބްރޭންޑްގެ 15 ޔުނިޓް، ޔުނިޓެއް 206,666.67 ރުފިޔާގެ ރޭޓުން 3.1 މިލިއަން ދިވެހި ރުފިޔާ އަށް، 30 ދުވަހާއި 45 ދުވަހާ ދެމެދުގެ މުއްދަތެއްގައި ގެނައުމަށް ކަމަށެވެ. އަދި ޖަރުމަނުގެ އެކްސެންޓް ބްރޭންޑްގެ 15 ޔުނިޓްގެ ވެންޓިލޭޓަރު، ޔުނިޓެއް 426,666.67 ރުފިޔާގެ ރޭޓުން 6.4 މިލިއަން ރުފިޔާ އަށް، 15 ދުވަހާއި 20 ދުވަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ގެނައުމަށް ކަމަށެވެ.
އެންމެ އަގު ބޮޑު ބްރޭންޑެއްގެ ގޮތުގައި އެސްޓީއޯ އިން ހުށަހެޅީ ”ހެލްތު ކެއާ“ ޔޫއެސްއޭގެ ބްރޭންޑެއް ކަމަށާއި އެ ބްރޭންޑްގެ 15 ޔުނިޓަށް އެސްޓީއޯ އިން ހުށަހެޅީ 13.1 މިލިއަން ރުފިޔާއަށް 60 ދުވަހާއި 80 ދުވަހާއި ދޭތެރޭގައި ގެންނަން ކަމަށް އަބްދުﷲ ވިދާޅުވިއެވެ.

އެސްޓީއޯ އިން ކޯޓޭޝަން ހުށަހަޅާފައިވަނީ އައިސީޔޫ ބޭސްޑް ވެންޓިލޭޓަރަށެވެ. އަދި އެސްޓީއޯގެ ފަރާތުން ކޯޓޭޝަން ހޯދީ 15 ވެންޓިލޭޓަރުގެ އަގު ކަމަށް އަބްދުﷲ ވިދާޅުވިއެވެ. ނަމަވެސް އެސްޓީއޯގެ އަގުތައް ހޯދުމަށް ފަހު، އެހެން ކުންފުނިތަކުން އަގުތައް 50 ޔުނިޓް ވެންޓިލޭޓަރުގެ އަގު ހޯދި ނަމަވެސް އެ މަރުހަލާގައި އެސްޓީއޯ އަށް އެ ފުރުސަތު ނުދޭ ކަމަށްވެސް އަބްދުﷲ ވިދާޅުވިއެވެ.
އަބްދުﷲ ވިދާޅުވި ގޮތުގައި މިހާތަނަށް އެސްޓީއޯއާއި ވެންޓިލޭޓަރު ގެނައުމަށް ހަވާލުކޮށްފައި ނުވާ ސަބަބެއް ނޭނގެއެވެ.

ހެލްތު މިނިސްޓްރީން 50 ވެންޓިލޭޓަރެއް ގެންނަން ޙަވާލުކޮށްފައިވާ މެޑްޓެކް ކުންފުނިން ހުށަހަޅާފައި ވަނީ ބެލަވިސްޓާ ބްރޭންޑްގެ ވެންޓިލޭޓަރެއް 288,914 ރުފިޔާ އަށެވެ. 50 ވެންޓިލޭޓަރުގެ އަގު އަރަނީ 14,445,700 ރުފިޔާ އަށެވެ. އަދި އޭގެ ތެރެއިން މެޑްޓެކުން މިހާރު ވަނީ 18 ވެންޓިލޭޓަރު ގެނެސްފައެވެ.
މެޑްޓެކުން 18 ވެންޓިލޭޓަރު ގެނައިއިރު 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކޮށްފައިވާ ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އިން މި މަހުގެ ތެރޭގައި ރާއްޖެ އަށް 45 ވެންޓިލޭޓަރު ގެންނާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. ނަމަވެސް ނާޑު ކުންފުންޏާ ޙަވާލުކުރި ވެންޓިލޭޓަރުތައް ލިބޭނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ހެލްތު މިނިސްޓްރީގެ ފަރާތުން 50 ޔުނިޓް ވެންޓިލޭޓަރު ގެނައުމަށް މެޑްޓެކާ ހަވާލުކުރީ އެސްޓީއޯ އިން އެންމެ އަގު ހެޔޮކޮށް ހުށަހެޅި ބްރޭންޑްގެ ޔުނިޓެއް ގެނެސް ދިނުމަށް ހުށަހެޅި އަގަށް ވުރެ ޔުނިޓަކުން 82,247.33 ރުފިޔާ އަގު ބޮޑުކޮށެވެ. އަދި 50 ޔުނިޓް ގެނައުމަށް އަގު ހުށަހަޅަން އެސްޓީއޯއަށް ފުރުސަތު ދީފައެއް ނުވެއެވެ.
ދެން ވެންޓިލޭޓަރު ގެނައުމަށް ހުށަހަޅާފައި ވަނީ ނާޑުންނެވެ. އެއީ 20 ވެންޓިލޭޓަރެވެ. އީވްއިން ބްރޭންޑްގެ ވެންޓިލޭޓަރެއް 14 ދުވަސް ތެރޭ ގެނެސްދޭން އެ ކުންފުނިން ހުށަހަޅާފައި ވަނީ 351,577 ރުފިޔާ އަށެވެ. އެހެން ކަމުން 20 ވެންޓިލޭޓަރު ރާއްޖެ އަށް ގެންނަން ނާޑް ކުންފުނިން ނަގާ އަގަކީ 7,031,541 ރުފިޔާއެވެ.
ވެންޓިލޭޓަރުތައް ގެނައުން އަވަސް ކުރުމުގެ ގޮތުން މި މަސައްކަތް ހަވާލުކުރީ ބިޑްކުރުމަކާ ނުލައި، ”ސިންގަލް ސޯސް ޕްރޮކިއުމަންޓް“ އުސޫލުންނެވެ. ބިޑް ކުރުމަކާ ނުލައި އެ ޕްރޮޖެކްޓް ހަވާލު ކުރުމާ ގުޅޭގޮތުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ކުރިން ވިދާޅުވެފައި ވަނީ އެއީ، ކޮވިޑް-19 ރާއްޖެ އަށް ހަލުވިކަމާ އެކު ފެތުރެމުންދާތީ ވީހާ ވެސް އަވަހަކަށް އެ ތަކެތި ބޭނުންވާތީ އަމަލު ކުރެއްވި ގޮތެއް ކަމަށެވެ.

