ސިނަމާލެ ބްރިޖު މަތިން ފުންމާލި މީހާއަށް ފަރުވާދިނުމަށް ހޮސްޕިޓަލުގައި އޮއްވާ އޭނާ ފަސް ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރެއް ނެރެފިއެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ ބްރިޖު މަތިން ފުންމާލާފައިވަނީ ބަންގްލަދޭޝަށް ނިސްބަތްވާ އުމުރުން 31 އަހަރުގެ ފިރިހެނެކެވެ. އޭނާ ސަލާމަތްކުރީ އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން އެ ސަރަހައްދަށް ގޮސްގެންނެވެ.
އެ ހާދިސާއަށް ފަހު އޭނާއަށް ފަރުވާދިނުމަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮއްވާ ފުލުހުންގެ އެދުމުގެ މަތިން ކްރިމިނަލް ކޯޓުން ވަނީ އޭނާ ފަސް ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް އަމުރުކޮށްފައެވެ.
ކޯޓު އަމުރުގައި ބަޔާންކޮށްފައިވަނީ، އޭނާގެ ބަލި ހާލަތު ފިލައިދިޔުމުން 24 ގަޑިއިރު ތެރޭގައި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ފުލުހުން ކޯޓަށް ހުށަހަޅަންޖެހޭނެ ކަމަށެވެ.
އޭނާ ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުން އެނގޭ ގޮތުގައި ފުލުހުން އޭނާގެ މައްޗަށް ކުރަނީ އަމިއްލަ ނަފްސަށް ގެއްލުންދޭން އުޅުނުކަމުގެ ތުހުމަތެވެ.
އޭނާ ބަންދުކުރި ސަބަބުތަކުގެ ތެރޭގައި ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތައް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވުމާއި، އޭނާއަކީ ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ފަރާތަކަށް ވާނީ ދޫކޮށްލައިފި ނަމަ ފިލައިފާނެ ކަމަށް ގަބޫލުކުރެވުން ހިމެނެއެވެ.

