މި ހަފުތާގެ ކުރިއަށް އޮތް ދުވަސްތަކުގައި، މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސްއިން ބުނެފިއެވެ.
މި ކަން ހާމަކޮށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސްއިން ދާދި ދެންމެ ނެރުނު ބަޔާނުގައި ބުނީ، ރާއްޖޭގެ އިރު އުތުރުގައި އުފެދިފައިވާ ކޮޅިގަނޑުގެ ސަބަބުން އަތޮޅުތަކަށް ގިނައަދަދަކަށް ބޯވިއްސާރަ ވިލާ އަރަމުންދާ ކަމަށާއި، ރާއްޖޭގެ ދެކުނުގައި އުފެދިފައިވާ ލޯޕްރެޝަރ ޓްރަފްގެ ސަބަބުން އެ ސަރަޙައްދުގައި ގިނަ އަދަދަކަށް ވިއްސާރަވިލާ އުފެދެމުންދާ ކަމަށެވެ.
މީގެ އިތުރުން މި ދުވަސްވަރަކީ، ޢާންމު ގޮތެއްގައި ރާއްޖެއަށް ހުޅަނގު މޫސުމުގެ ވިއްސާރަކުރަން ފަށާ ދުވަސްވަރުކަމަށް މީޓިއޮރޮލޮޖިކަލް ސާރވިސްއިން ބުނެއެވެ.
މި ގޮތުން މި ހަފްތާގެ ދުވަސްތަކުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެކަމަށް ލަފާކުރެވޭކަމަށް ވެސް، މީޓިއޮރޮލޮޖިކަލް ސާރވިސްއިން ބުނެފައިވެއެވެ.
އަދި މި ވިއްސާރައިގައި ގުގުރުމާއެކު ބޯކޮށް ވާރޭވެހުމުގެ އިތުރުން، ޚާއްސަކޮށް ދެކުނާއި މެދު ރާއްޖެތެރޭގައި ވައިގަދަވެ ކަނޑުތައް ގަދަވުުމުގެ ފުރުސަތު ބޮޑުކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.
މި ގޮތުން، ހުރިހައި ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މީޓިއޮރޮލޮޖިކަލް ސާރވިސްއިންވަނީ އެދިފައެވެ.

