ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަކީ ސައްހަ ކުންފުންޏެއް ކަމަށާއި، ކޮވިޑާއި ގުޅިގެން ދިމާވި މައްސަލައެއްގައި ކުންފުނީގެ ލައިސެންސްގެ މުއްދަތު ހަމަވެފައި އޮތުމަކީ ވެދާނެ ކަމެއްގެ ގޮތުގައި ނޭޝަނަލް އޮޕަރޭޝަންސް ސެންޓަރުން ބުނެފިއެވެ.
ވެންޓިލޭޓަރު ގަންނަން ހަވާލު ކުރި ކުންފުންޏާއި ގުޅޭގޮތުން ދަނީ ތަފާތު އެކި ވާހަކަތައް ދެކެވެމުންނެވެ. ވެންޓިލޭޓަރު ގަންނަން ކުރާ މަސައްކަތުގައި ދޭ ތާރީހުތަކަށް ބަދަލުތަކެއް އަންނައިރު ޕްރެސްތަކުގައި ގިނަ ނޫސްވެރިން ކުރާ ސުވާލަކީ ވެސް އެއީއެވެ.
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ޑަބްލިއުއެޗްއޯ މެދުވެރިކޮށް ރާއްޖެއަށް ގެނައުމަށް ހަވާލުކުރި އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގ ކުންފުންޏަކީ ލެޖިޓިމޭޓް ކުންފުންޏެއް ތޯ ބަލާފައިވާނެ ކަމަށެވެ. އަދި ހެލްތް މިނިސްޓްރީން ކުންފުންޏާއި މަސައްކަތް ހަވާލުކޮށްފައިވަނީ އެކަން ޔަގީން ކުރުމަށްފަހުގައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.
އެގްޒެކިއުޓާސް ޖެނެރަލް އަކީ ލައިސެންސް އޮތް ކުންފުންޏެއް ތޯ ޔަގީންކޮށްފައި ވާނެ ތޯ ނޫސްވެރިއަކު ސުވާލު ކުރުމުން މަބްރޫކް ވިދާޅުވީ އޭނާ އެކަން ހިނގައިދިޔަ ގޮތް ބަލާ ވާހަކަ ވެސް ދައްކާފައިވާނެ ކަމަށެވެ. ޓްރާންސެކްޝަންގެ މަސައްކަތުގައި އުޅުނު މިނިސްޓްރީގެ އޮފިޝަލުންނާއި ވާހަކަ ދައްކާފައިވާނެކަމަށާއި، އެކަމުގެ ޑޮކިއުމެންޓު ވެސް ހޯދާފައިވަނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ނޫސްވެރިއާގެ ސުވާލަށް މަބްރޫކް ވިދާޅުވީ، އެ ސުވާލު ބޮޑަށް އަމާޒުވީ ކުންފުނީގެ ލައިސެންސް މުއްދަތު ހަމަވެފައި އޮތުމަށް ކަމުގައި ހީވާ ކަމަށެވެ. އެއަށްފަހު މަބްރޫކް ވަނީ ވިޔާފާރިއެއްގެ ލައިސެންސްއެއް ނަމަ އެ ލައިސެންސް އެއީ އާ ކުރަންޖެހޭ އެއްޗެއްކަމަށް ވިދާޅުވެފައެވެ. އެހެން ކަމުން ކޮވިޑާއި ގުޅިގެން އެ ކުންފުންޏަށް ލައިސެންސް އާ ނުކުރެވި އޮތުމަކީ އެކަށީގެންވާ ކަމެއްގެ ގޮތުގައި މަބްރޫކް ވަނީ ފާހަގަ ކުރައްވާފައެވެ. ނަމަވެސް، މުއާމަލާތް ހިންގުމުގެ ކުރިން ކުންފުނީގެ ސައްހަކަން ޔަގީންކޮށްފައި ވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
”އަޅުގަނޑު މިއަދު ޓްރާންސެކްޝަން ހިންގެވި ހެލްތް މިނިސްޓްރީގެ ކުދިންނާ ވާހަކަ ދެއްކިން. އެކުދިންގެ އަތުގައި ހުރި ޑޮކިޔުމެންޓުތައް އަޅުގަނޑުމެން ހޯދިން. މި ކަމުގައި އެ ޓްރާންސެކްޝަން ހިންގުމަށް މަޝްވަރާ ކުރެވި ކޮންޓްރެކްޓު ކުރުމަށް ފަހު. އަޅުގަނޑަށް ހީވަނީ އެ ބޭފުޅުންގެ ބިޒްނަސް ލައިސަންސް އެކްސްޕަޔާ (މުއްދަތު ހަމަވެފައި) އޮތް ވާހަކައެއް ހެން ވި ދާޅުވަނީ. ތި ބޭފުޅުންނަށް ވެސް އެނގިލައްވާނެ ބިޒްނަސް ލައިސަންސެއް މަސައްކަތް ކުރާ ގޮތަކީ އަހަރުން އަހަރަށް، ނޫނީ ކޮންމެ ދެ އަހަރަކުން އާ ކުރާ އެއްޗެއްގެ ގޮތަށް އޮންނަނީ. ދެން ކޮވިޑާއި ގުޅިގެން މި އައި ހާލަތުގައި ފަހަރުގައި ވެދާނެ، ލައިސަންސް އާ ނުވެ އޮތީ ކަމަށް ވެސް“ މަބްރޫކް
މަބްރޫކް ވިދާޅުވީ، އެއީ ސައްހަ ކުންފުންޏެއްގެ ގޮތުގައި ޔަގީން ކުރި ކަމަށް ހެލްތް މިނިސްޓްރީއިން މައުލޫމާތު ދީފައިވާ ކަމަށެވެ. ވެންޓިލޭޓަރުތައް ގެނައުމަށް މި ކުންފުޏާއި ހަވާލުކޮށްފައިވަނީ 34 މިލިއަން ރުފިޔާއެވެ. އަދި އެގްރިމެންޓުގެ ދަށުން ކުންފުންޏަށް ވަނީ ފައިސާ ވެސް ދައްކާފައެވެ.
އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އިން މި މަހުގެ ތެރޭގައި ރާއްޖެ އަށް 45 ވެންޓިލޭޓަރު ގެންނާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ކޮވިޑް-19 އަށް ތައްޔާރުވުމަށް ޓަކައި ރާއްޖެ އަށް 145 ވެންޓިލޭޓަރު ގެންނަން ސަރުކާރުން ތިން ކުންފުންޏަކާއި ހަވާލު ކުރިއެވެ. އެއީ ދުބާއީގެ ކުންފުނީގެ އިތުރުން މެޑްޓެކް މޯލްޑިވްސް އަށް 50 ވެންޓިލޭޓަރު ނާޑް ކުންފުންޏަށް 20 ވެންޓިލޭޓަރު ގެންނައުމަށެވެ.
މީގެ ތެރެއިން މެޑް ޓެކުން ރާއްޖެ ގެންނަ ވެންޓިލޭޓަރުތަކުން 18 ވެންޓިލޭޓަރެއް ރާއްޖެއަށް މިހާރު ވަނީ ގެނެސްފައެވެ.

