އައްޑޫ ސިޓީގައި ކޮރޯނާ ވައިރަހަށް ފަރުވާދޭނެ އެކަށީގެންވާ ނިޒާމެއް ޤާއިމުވެފައިނުވާތީ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅަން ނިންމައިފިއެވެ.
ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅަން ނިންމާފައިވާ ކުއްލި މައްސަލައިގައި އައްޑޫ ސިޓީގައި މިހާތަނަށް ކޮރޯނާ ވައިރަހަށް ޓެސްޓުކުރެވޭނެ އެއްވެސް ވަސީލަތެއް ޤާއިމުވެފައިނުވާކަން ފާހަގަކުރައްވާފައިވެއެވެ. އަދި 35,000 އަށްވުރެ ބޮޑު އާބާދީއެއް ހިމެނޭ އައްޑޫ ސިޓީގައި، ކޮންމެ ސާމްޕަލެއްނަގައިގެން ޓެސްޓުކުރުމަށް ފްލައިޓެއް ޗާޓަރކޮށްގެން މާލެއަށްގެނައުމަކީ ބޮޑު ޚަރަދެއް ކުރަންޖެހޭކަމެއްކަމަށް ވެސް ޝިޔާމް ފާހަގަކުރައްވާފައިވެއެވެ.
މީގެ އިތުރުން ޝިޔާމް ވިދާޅުވީ، އައްޑޫ ސިޓީ ހޮސްޕިޓަލުގައި މަސައްކަތްކުރައްވާ ޑޮކްޓަރުންނާއި ނަރުހުން، ބޭނުންކުރުމަށް ސަލާމަތީ ވަސީލަތްތައް އެކަށީގެންވާވަރަށް ނެތްކަމަށެވެ. އަދި ކޮރޯނާ ވައިރަހަށް ފަރުވާދިނުމުގައި ޑޮކްޓަރުންނާއި ނަރުހުން ރަނގަޅަށް ތަމްރީނުވެފައި ނެތުމާއި، އައްޑޫ ސިޓީގައި ހެދުމަށް ހަމަޖެހިފައިވާ އައިސީޔޫ ފެސިލިޓީގެ މަސައްކަތް ނިމިފައިނުވާކަން ވެސް ޝިޔާމް ފާހަގަކުރެއްވިއެވެ.
އައްޑޫ ސިޓީގެ ގުޅިފައިވާ އަވަށްތަކާއި ވަކިން އޮންނަ މީދޫއާއި ހުޅުދޫގެ ރައްޔިތުން ޚިދުމަތް ހޯދަންޖެހޭކަން ފާހަގަކުރައްވައި ޝިޔާމް ވިދާޅުވީ، ކޮރޯނާ ވައިރަހާއި ގުޅިގެން ކޮމިއުނިޓީ ސްޕްރެޑަކަށް ގޮސް، މީހުން ކަރަންޓީނުކުރަންޖެހޭ ހާލަތުގައި، ބޮޑު އާބާދީއެއްގައި މީހުން ކަރަންޓީނުކޮށް ފަރުވާދޭނެ ރަނގަޅު ޕްލޭނެއްނެތްނަމަ ވަރަށް ނުރައްކާތެރި ހާލަތަކަށް ހިނގައިދާނެކަމަށެވެ.
މި ގޮތުން އައްޑޫ ސިޓީގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، އެ ސިޓީގައި ޓެސްޓުކުރެވޭނެ ނިޒާމު ގާއިމުކޮށް ޕްރޮޓެކްޓިވް ގިއަރ ފަދަ ރައްކާތެރިކަމުގެ ވަސީލަތް ހަމަކޮށްދިނުމަށް ޝިޔާމްވަނީ ގޮވައިލައްވާފައެވެ. އަދި ފަރުވާދިނުމަށް ރަނގަޅު ޕްލޭނެއްގެ ދަށުން މަސައްކަތްތައް ރާވާ ހިންގުމަށާއި، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ކޮރޯނާ ވައިރަހަށް ޓެސްޓުކުރެވޭނެ ނިޒާމެއް ވީހާވެސް އަވަހަށް ގާއިމުކުރުމަށް ޝިޔާމް ގޮވައިލައްވާފައިވެއެވެ.
ޝިޔާމު މި ފަދައިން ވިދާޅުވެފައިވާއިރު، އައްޑޫ ސިޓީން މާލެއަށް ގެނައި ބަލިމީހަކުގެ ސާމްޕަލްގެ ނަތީޖާ ޕޮޒިޓިވްކަމަށް މީގެ ކުރިން ސަރުކާރުން ހާމަކޮށްފައިވެއެވެ. ނަމަވެސް ދެވަނައަށް ނެގި ސާމްޕަލް ނެގެޓިވްވެފައިވާކަން ވެސް ސަރުކާރުން ހާމަކުރިއެވެ.
މި ގޮތުން މި ކޭހާއި ގުޅިގެން ދެ ހަފުތާގެ މުއްދަތަށް އައްޑޫ ސިޓީ ލޮކްޑައުން ކޮށްފައިވީނަމަވެސް، އެ މީހާގެ ސާމްޕަލް ނެގެޓިވްވުމާއެކު ލޮކްޑައުން އުވާލާފައިވާކަން ފާހަގަކުރެވެއެވެ.
ކޮރޯނާ ވައިރަހަށް ރާއްޖެއިން މިހާތަނަށް 302 ދިވެހިން ޕޮޒިޓިވްވެ، ޖުމްލަ 897 މީހަކު މި ވައިރަހަށް ޕޮޒިޓިވްވެފައިވާއިރު، ރާއްޖޭގެ ކަންކޮޅުތަކުގެ ހާލަތު ވަނީ ވަރަށް ވެސް ނުރައްކާތެރި ފައްތަރެއްގައި ކަން ފާހަގަކޮށްލެވެއެވެ.

