ކޮވިޑާއި ގުޅިގެން ހާލަތު ދަށްވެފައިވާ މި ދަނޑިވަޅުގައި، މާލީ ދަތިތަކާއި ހުރެ ނުވަތަ އެ ނޫންވެސް އެކި ސަބަބުތަކާއި ހުރެ އެއްވެސް މީހަކު މަގުމަތިވިޔަ ނުދޭނެ ކަމަށް މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވެއްޖެއެވެ.
މާލޭ ސިޓީ ކައުންސިލާއި، ލޯކަލް ގަވަމެންޓު އޮތޯރިޓީ ގުޅިގެން ނޭޝަނަލް އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމާއު ވިދާޅުވީ މާލީ ހާލަތުގެ ސަބަބުން އާއިލާތައް ގެއިން ނެރޭ މައްސަލަތަކާއި އެކަމާއި ބެހޭ ޝަކުވާތައް ލިބެމުން ދާ ކަމަށެވެ. އެހެން ނަމަވެސް އޭގެއިން އެއްވެސް ފަރާތެއް މަގުމަތިވުމަށް ދޫކޮށް ނުލާނެ ކަމަށެވެ. ސަރުކާރުން ރައްޔިތުންނަށް އެހީވުމަށް އިންތިޒާމުތަކެއް ހަމަޖައްސަމުން ދާ ކަމަށާއި، ސިޔާސަތަކީ އެއްވެސް މީހެއް ބާކީކޮށް ނުލުން ކަމަށް ޝަމާއު ވިދާޅުވިއެވެ.
މާލޭގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ބޯހިޔާވަހިކަމަށް ހާއްސަކޮށް ހާއްސަ ފެސިލިޓީތަކާއި ވަގުތީ ހިޔާތަކެއް ފޯރުކޮށްދީފައިވާނެ ކަމަށް ޝަމާއު ވިދާޅުވިއެވެ. ލޮކްޑައުންގެ ތެރޭގައި އެއްވެސް މީހަކު ބާކީއެއް ނުވާނެކަން ފާހަގަކުރައްވާ ޝަމާއު ވިދާޅުވީ އެހީ ބޭނުންވާ ފަރާތްތަކަށް ކަމާއި ބެހޭ އިދާރާތްތަކުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އޭގެ ތެރޭގައި ޖެންޑާރ މިނިސްޓްރީ އާއި، ފުލުހުންގެ އިދާރާ ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަމާއު ވިދާޅުވީ، މީގެއިން ކޮންމެ އިދާރާއަކަށް ގުޅިޔަސް، އެހީތެރިކަން ލިބޭނެ ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމާއު ވިދާލުވީ، މާލީ ހާލަތާއި ވަޒީފާއިން ވަކިކޮށްގެން ގިނަ އަދަދެއްގެ މީހުން ރަށަށް ދިއުމަށް އެދިފައިވާ ކަމަށެވެ. ކުރު މުއްދަތަކަށް މާލެ އައުމަށްފަހު، މާލޭގައި ތާށިވީ މީހުންނާއި، ރިސޯޓުން އައުމަށްފަހު ރަށަށް ނުދެވެނީސް މާލެ ލޮކްޑައުން ކުރުމާއި ގުޅުގިން ތާށިވީ މީހުން އަދި މާލީ ހާލަތު ދަށްވުމާއި، ވަޒީފާއިން ވަކިކުރުމާއި ގުޅިގެން ރަށަށް ދިއުމަށް ހުށަހަޅާފައިވާ މީހުންގެ އަދަދު 5،000 އިން މައްޗަށް އަރައެވެ.

