ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރޯނާ ވައިރަސް: ވަޒީފާއަށާއި، އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ މީހުންނަށް އެލަވަންސްދެނީ

ކޮރޯނާ ވައިރަހުގެ ސަބަބުން ރިސޯޓުތަކުގެ މުވައްޒަފުންގެ ވަޒީފާއަށާއި، މުސާރައަށްވަނީ، ނުރަނގަޅު އަސަރުތަކެއްކޮށްފައި. ފޮޓޯ: ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރޯނާ ވައިރަހާއި ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ މީހުންނަށް ”އިންކަމް ސަޕޯޓް އެލަވަންސް“ ދިނުމާ ގުޅޭ އުސޫލު، ޢާންމުކޮށްފިއެވެ. 

މިއަދު ޢާންމުކޮށްފައިވާ މި އުސޫލުގެ ދަށުން އިންކަމް ސަޕޯޓް އެލަވަންސް ދިނުމަށް ކަނޑައަޅާފައިވާ މީހުންގެތެރޭގައި ކޮރޯނާ ވައިރަހާއި ގުޅިގެން، އެ ބައެއްގެ ވަޒީފާއަށް ނުރަނގަޅު އަސަރުތަކެއް ކޮށްފައިވާ މީހުން ހިމެނެއެވެ.

އަދި ދިވެހިރާއްޖޭގައި އަމިއްލަ މަސައްކަތް ކުރާ ދިވެހި ރައްޔިތުންގެ ތެރެއިން ކޮރޯނާ ވައިރަހާއި ގުޅިގެން، އެ ބައެއްގެ އާމްދަނީއަށް ނުރަނގަޅު އަސަރުތަކެއް ކޮށްފައިވާ މީހުން ހިމެނޭކަމަށް ވެސް އުސޫލުގައި ބުނެއެވެ. 

އެ އުސޫލުގައި ހާމަކޮށްފައިވާ ގޮތުގައި، އިންކަމް ސަޕޯޓް އެލެވެންސް ދިނުމަށް ކަނޑައަޅާފައިވަނީ، މާރިޗު މަހުގެ 1 ވަނަ ދުވަހުގެ ފަހުން، ވަޒީފާއިން ވަކިކޮށްފައިވާ، ނުވަތަ މުސާރަ ނުލިބޭގޮތަށް ސަސްޕެންޑް ކޮށްފައިވާ މީހުންނަށެވެ.

މީގެ އިތުރުން،  މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ (ނޯޕޭ ލީވް) އަށް ފޮނުވާފައިވާ މީހުންނާއި، މުސާރައިގެ ގޮތުގައި ލިބޭ އަދަދުން ބައެއް އުނިިކޮށްފައިވާ މީހުންނަށެވެ. 

މި ގޮތުން ވަޒީފާއިން ވަކިކޮށްފައިވާ، ނުވަތަ މުސާރަ ނުލިބޭގޮތަށް ސަސްޕެންޑް ކޮށްފައިވާ މީހެއްނަމަ، މަހަކު 5,000 ރުފިޔާ ލިބޭނެކަމަށް އުސޫލުގައި ބުނެފައިވެއެވެ.

ހަމަ އެ ފަދައިން، މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ (ނޯޕޭ ލީވް) އަށް ފޮނުވާފައިވާ މީހުންނަށް ވެސް 5,000 ރުފިޔާ ލިބޭނެކަމަށް އުސޫލުގައި ބުނެއެވެ.

މީގެ އިތުރުން، އެ އުސޫލުގައި ބުނާގޮތުން، މުސާރައިގެ ގޮތުގައި ލިބޭ އަދަދުން ބައެއް އުނިިކޮށްފައިވާ މީހުންނަށް ލިބޭނީ، އެ ފަދައިން އުނިކުރާ އަދަދު އުނިކުރުމަށްފަހު މުސާރައިގެ ގޮތުގައި ލިބޭ އަދަދަކީ 5,000 ރުފިޔާއަށްވުރެ ދަށް އަދަދެއްނަމަ، 5,000 ރުފިޔާއިން މިހާރު ލިބޭ މުސާރައިގެ އަދަދު އުނިކުރުމުންޖެހޭ އަދަދުކަމަށެވެ.

އުސޫލުގައި ބުނާގޮތުން، އެލަވަންސް ދިނުމުގައި، ހުށަހަޅައިފައިވާ މީހާއަށް ލިބޭ އިތުރު އާމްދަނީން މަހެއްގެ މައްޗަށް ލިބޭ އަދަދަކީ 5,000 ރުފިޔާއަށްވުރެ ދަށް އަދަދެއްކަމުގައިވާނަމަ 5,000 ރުފިޔާއިން އެ އަދަދު އުނިކުރުމުން ބާކީ އޮންނަ އަދަދާ އެއްވަރުގެ އަދަދެއް، އެ ފަދަ މީހުންނަށް ފޮރކޮށްދެވޭނެއެވެ. 

މީގެ އިތުރުން އެލަވަންސް ދިނުމަށް ހުށައަޅާ މީހާއަށް މަހެއްގެ މައްޗަށް އިތުރު އާމްދަނީއެއް ލިބޭކަމަށްވާނަމަ، އަދި އެ އަދަދަކީ 5000 ރުފިޔާ ނުވަތަ އެއަށްވުރެމަތީ އަދަދެއް ނަމަ، އެ މީހަކީ އެލަވަންސް އުސޫލުގެ ޝަރުޠުތައް ފުރިހަމަވާ މީހެއްކަމަށް ނުބެލެވޭނެކަމަށް ވެސް އުސޫލުގައި ބުނެއެވެ.

އެލަވަންސްދޭ ގޮތަށް ކަނޑައަޅާފައިވީ ނަމަވެސް، އިންކަމް ސަޕޯޓް އެލަވަންސް ދިނުމަށް ހަމަޖެހިފައިވަނީ، ވަކި ޝަރުތުތަކަކާ އެކުގައެވެ. 

މި ގޮތުން، ދިވެހި ރައްޔިތަކަށްވުމާއެކުވުމާއެކު، ރާއްޖެގައި ދިރިއުޅޭ މީހަކަށްވުމާއި، އުމުރުން 18 އަހަރާއި 65 އަހަރާއި ދެމެދުގެ މީހަކަށްވުން ހިމެނެއެވެ. އޭގެ އިތުރުން، މާޗު މަހުގެ 1 ވަނަ ދުވަހާއި ހަމައަށް، ވަޒީފާގައި ހުރި މީހަކަށްވުމާއި، ސަރުކާރުން ހިންގާ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކުގެ ތެރެއިން ކަނޑައެޅޭ ޕްރޮގުރާމެއްގައި ބައިވެރިވެ، އެ ފުރިހަމަ ކުރުމަށް އެއްބަސްވާ މީހަކަށްވާންޖެހޭކަމަށް ވެސް އުސޫލުގައި ބުނެއެވެ.

އަދި ވަޒީފާއެއް އަދާކުރުމަށް ނުވަތަ މަސައްކަތެއް ކުރުމަށް ޝައުޤުވެރިކަންހުރި މީހަކަށްވުމާއި، ސަރުކާރުގެ ޖޮބްސެންޓަރު މެދުވެރިކޮށް ވަޒީފާއެއް ނުަވަތަ މަސައްކަތެއް ހޯދައިދެވިއްޖެނަމަ، އެ ކަމެއް ކުރަން އެއްބަސްވާ މީހެއްކަމަށް ވެސް ވާންޖެހެއެވެ.

މި އުސޫލުގައި ބުނާގޮތުން އެލަވަންސް ލިބޭނީ 3 މަސްދުވަހުގެ މުއްދަތަކަށެވެ.

އެއީ އޭޕްރީލް، މެއި، ޖޫންކަމަށާއި، ކޮންމެ މަހެއްގެ އެލަވަންސް، ވިދިގެން އަންނަމަހުގެ 15 ވަނަ ދުވަހުގެ ކުރިންކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ. 

މި އުސޫލުގެ ދަށުން ޝަރުޠު ފުރިހަމަވާ މީހުން ކަނޑައަޅައި، ކަމާބެހޭ އެ ނޫންވެސް ކަންކަން ނިންމާނީ، އިކޮނޮމިކް މިނިސްޓްރީންކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: