ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީޙުން ފާސްކުރާ އާންމު ގާނޫނަކުން ކައުންސިލްތަކުގެ ދައުރު ނުދެންމޭނެ: ފިލްޒާ

މަޖިލީހުގެ ކައުންސެލް ޖެނަރަލް ފާތުމަތު ފިލްޒާ: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރު އިންތިހާބު ކޮށްފައިވާ ކައުންސިލްތަކުގެ ދައުރު އަންނަ ޖޫން މަހުގެ ތިން ވަނަ ދުވަހަށް ހަމަވާއިރު ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އާންމު ގާނޫނަކުން ކައުންސިލްތަކުގެ ދައުރު ދިގު ދެންމުމަކީ ގާނޫނުއަސާސީއާއި ހިލާފް ކަމެއް ކަމަށާއި މަޖިލީޙުން ފާސްކުރާ އާންމު ގާނޫނަކުން މިހާރުތިބި ކައުންސިލްތަކުގެ ދައުރު ނުދެންމޭނެ ކަމަށް ރައްޔިތުންގެ މަޖިލީޙުގެ ކައުންސެލް ޖެނަރަލް ފާތުމަތު ފިލްޒާ ވިދާޅުވެއްޖެއެވެ. 

ފިލްޒާ މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް މަޖިލީހަށް ހުށަހެޅި ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުން ކަށަވަރު ކުރުމުގެ ހާއްސަ ބިލް 2020 ދިރާސާ ކުރަމުންދާ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީއަށް ދެއްވި ގާނޫނީ ލަފާގައެވެ. ހަސަން ލަތީފް ހުށަހެޅުއްވި ބިލަށް ފިލްޒާ ގާނޫނީ ލަފާ ދެއްވައި މިވަނީ ކޮމެޓީން ފާސްކޮށްގެން ފިލްޒާގެ ގާނޫނީ ލަފައަކަށް އެދުމުންނެވެ. 

ހަސަން ލަތީފް ހުށަހެޅުއްވި ބިލަށް ފިލްޒާ ދެއްވި ގާނޫނީ ލަފާގައި ވިދާޅުވީ އިންތިހާބު ކޮށްފައިވާ މަގާމްތަކެއްގައި ތިބި ބައެއް އިންތިހާބީ ދައުރު ހަމަވުމުގެ ކުރިން އިންތިހާބެއް ނުބޭއްވިއްޖަނަމަ އިންތިހާބެއް ބޭއްވެންދެން އެ އިންތިހާބީ މަގާމެއްގައި ތިބި ބައެއްގެ އުމުރު ދިގު ދެންމުމަކީ މިހާރު ވެސް ގާނޫނުއަސާސީ ދަންނަ މަހުފޫމެއް ކަމަށެވެ.

އެގޮތުން ކުއްލި ނުރައްކަލުގެ ހާލަތުގައި އާންމު އިންތިހާބެއް ބާއްވަން ދަތިވެއްޖެނަމަ މަޖިލީޙުގެ އުމުރު އެއް އަހަރަށްވުރެ ދިގު ނޫން މުއްދަތަކަށް މަޖިލީހުން ފާސްކުރާ ގަރާރަކުން ދެންމިދާނެ ކަމަށް ގާނޫނުއަސާސީގެ 80 ވަނަ މާއްދާގައި ބުނެފައިވާ ކަމަށާއި އަދި އެގޮތަށް ދައުރު ދެންމުމަށް ފާސްކުރާ ގަރާރު ވެސް ފާސްކުރެވޭނީ މަޖިލީހުގައި އާންމު ބިލްތައް ފާސްކުރާ އުސޫލުގެ ބަދަލުގައި މަޖިލީޙުގެ ޖުމްލަ މެމްބަރުންގެ ވޯޓުން ކަމަށާއި އެއީ  ތިން ބައިކުޅު ދެބައިގެ ވޯޓުން ކަމަށްވާއިރު އާންމު އުސޫލުން ގާނޫނެއް ފާސްކޮށްގެން ކައުންސިލްތަކުގެ ދައުރު ދިގު ދެންމިދާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ފިލްޒާ ވަނީ ވިދާޅުވެފައެވެ. 

ފިލްޒާ ވިދާޅުވީ ހަސަން ލަތީފް ހުށަހެޅުއްވި ބިލްގެ މަގުސަދަކީ މިހާރު ރާއްޖޭގެ ހާލަތު އޮތް ގޮތުން ކައުންސިލް އިންތިހާބު ބޭއްވެން ނެތުމުން މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ދެންމުން ކަމަށްވާއިރު އެކަމަކީ މަޖިލީހުން އާންމު ގާނޫނެއް ފާސްކޮށްގެން ކުރެވިދާނެ ކަމެއް ނޫން ކަމަށް ކުއްލި ނުރައްކަލުގެ ހާލަތުގައި މަޖިލީހުގެ ދައުރު ދެންމިދާނެ ކަމަށް ގާނޫނުއަސަސީގައި ބުނެފައިވާ މާއްދާއިން ވެސް ސާފުކޮށް އެނގޭ ކަމަށެވެ. 

މީގެއިތުރުން ފިލްޒާ ވިދާޅުވީ ކައުންސިލްތަކުގެ ދައުރު ތިން އަހަރުން ފަސް އަހަރަށް ބަދަލުކޮށް ގާނޫނުއަސާސީ އިސްލާހު ކޮށްފައިވާއިރު ކައުންސިލްތަކުގެ ދައުރު ފަސް އަހަރަށް ބަދަލު ކުރުމަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހަށް އަމަލު ކުރެވޭނީ އަލަށް އިންތިހާބު ކުރާ ކައުންސިލްތަކުން ފެށިގެން ކަމަށް ބުނެފައިވާ ކަމަށާއި އެހެން ކަމުން އަންނަ ޖޫން މަހުގެ ތިން ވަނަ ދުވަހުގެ ކުރިން އައު ކައުންސިލްތައް އިންތިހާބު ނުކުރެއްވިއްޖެނަމަ ދިމާވެދާނެ ގާނޫނީ ހުސްކަން ފޫބެއްދުމަށް އޮތް ހައްލަކީ ގާނޫނުއަސާސީ އިސްލާހު ކުރުން ކަމަށާއި އެ ނޫން ގޮތަކަށް މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ނުދެންމޭނެ ކަމަށް ފިލްޒާ ވަނީ ވިދާޅުވެފައެވެ. 

މީގެއިތުރުން ފިލްޒާ ވިދާޅުވީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމެއް ނުވަތަ ގާނޫނުއަސާސީގެ ދަށުން އިންތިހާބު ކުރާ ބައެއްގެ އިންތިހާބީ ދައުރު ގާނޫނުއަސާސީގައި ކަނޑައަޅައި ބަޔާންކޮށްފައި ވަނިކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އާންމު ގާނޫނަކުން އިންތިހާބީ މަގާމްތަކެއްގެ ދައުރު ދެންމުމަކީ ގާނޫނުއަސާސީ ދަންނަ ކަމެއް ނޫން ކަމަށާއި އެއީ ގާނޫނުއަސާސީއާއި ހިލާފް ކަމެއް ކަމަށް ފިލްޒާ ވިދާޅުވިއެވެ.

އެހެން ކަމުން ހަސަން ލަތީފް ހުށަހަޅުއްވާފައިވާ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށްވަރު ކުރުމުގެ ހާއްސަ ބިލް 2020 ގެ ދަށުން ކައުންސިލްތަކުގެ ދައުރު ދެންމިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ފިލްޒާ ލާމަރުކަޒީ ކޮމެޓީއަށް ފޮނުއްވި ގާނޫނީ ލަފާގައި ވަނީ ވިދާޅުވެފައެވެ. 

މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ދެންމުމުގެ މަސައްކަތް މަޖިލީހުން ފަށާފައި މިވަނީ ކޮރޯނާ ވައިރަހާއި ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުން އިންތިހާބު ބޭއްވޭނެ ފަދަ މާހައުލެއް ނެތުމުން މުއްދަތެއް ނެތް ގޮތަށް އިންތިހާބު ފަސްކުރުމަށް އިލްކެޝަންސް ކޮމިޝަނުން ނިންމައި އިންތިހާބު ފަސްކުރުމުގެ ހާއްސަ ބިލެއް މަޖިލީހުން ފާސްކޮށް އެ ބިލް ރައީސުލްޖުމްހޫރީއްޔާ ތަސްދީގު ކުެއްވުމާއި ގުޅިގެންނެވެ. 

މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ގާނޫނުއަސާސީއަށް އިސްލާހު ގެނެސްގެން ނޫން ގޮތަކަށް ނުދެންމޭނެ ކަމަށް މަޖިލީޙުގެ ކައުންސެލް ޖެނަރަލް ގާނޫނީ ލަފާ ދެއްވިއިރު ކައުންސިލްތަކިގެ ދައުރު މަޖިލީޙުން ފާސްލުރާ އާންމު ގާނޫނަކުން ނުދެންމޭނެ ކަމަށް ވިދާޅުވެ ބަންޑާރަނައިބު އިބްރާހިމް ރިފްޢަތު ވެސް ވަނީ ގާނޫނީ ލަފާ ދެއްވާފައެވެ. 

މަޖިލީޙުގެ އާންމު ގާނޫނެއް ފާސްކޮށްގެން މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ދެންމުމަށް މަސައްކަތް ކުރަމުންދާއިރު އައު ކައުންސިލްތައް އިންތިހާބު ކުރެވެންދެން މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ދެންމުނަށް ސަރުކާރުގެ ފަރާތުން ވަނީ ގާނޫނުއަސަސީއަށް އިސްލާހު ހުށަހަޅާފައެވެ. ނަމަވެސް ސަރުކާރުން ގާނޫނުއަސާސީއަށް ހުށަހެޅީ އިސްލާހުގެ ބިލްގެ މަސައްކަތް މަޖިލީހުން ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. އެގޮތުން މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ދެންމުމަށް ސަރުކާރުން ހުށަހެޅި ބިލް މަޖިލީޙުގެ އެޖެންޑާއަށް ގެނައުމަށް ފަހު މަޖިލީޙުގެ ރައީސް ރައީސް ނަޝީދު ވަނީ އެ ބިލް އެޖެންޑާއިން ނަގާފައެވެ. 

https://www.youtube.com/watch?v=1nQNaK-TzBA&feature=youtu.be

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: