ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހުން ދެމުން ގެންދާ ހުރިހައި ހިދުމަތެއް މިހާރު އޮންލައިންކޮށް ލިބޭނެ ކަމަށް ޕްރޮސިކޔުޓަރ ޖެނަރަލް ހުސެން ޝަމީމް ވިދާޅުވެއްޖެއެވެ.
ލޮކްޑައުންގެ ހާލަތުގައި ޕީޖީ އޮފީހުގެ މަސައްކަތްތައް ރޭވިފައިވާ ގޮތާއި ބެހޭ ގޮތުން ދައުލަތުގެ މީޑިއާ އަށް ދެއްވި އިންޓަވިއުއެއްގައި ޕީޖީ ޝަމީމް ވިދާޅުވީ މާލެ ލޮކްޑައުން ކުރި ފުރަތަމަ މުއްދަތުގެ ތެރޭގައި ޕީޖީ އޮފީހުގެ ހުރިހައި މަސައްކަތެއް ކަހަލަ ގޮތަކަށް ހުއްޓިގެން ދިޔަ ކަމަށާއި ނަމަވެސް މިހާރު ޕީޖީ އޮފީހުގެ ހުރިހައި ހިދުމަތެއް ވެސް އޮންލައިންކޮށް ލިބޭނެ އިންތިޒާމް ހަމަޖއްސަވާފައިވާ ކަމަށެވެ.
އެގޮތުން ޕީޖީ އޮފީހަށް މައްސަލަތައް ހުށަހެޅުމާއި ފުލުހުން ތަހުގީގުކުރާ މައްސަލަތައް ޕީޖީ އަށް ފޮނުވުމުން އެ މައްސަލަތައް ބަލައިގަނެ މައްސަލަތައް ދިރާސާކޮށް ޝަރީޢަތަށް ފޮނުވަން ޖެހޭ މައްސަލަތައް ޝަރީޢަތަށް ފޮނުވުން ހިމެނޭކަން ޕީޖީ ފާހަގަ ކުރެއްވިއެވެ. އަދި ރާއްޖޭގެ ހުރިހައި ސަރަހައްދެއްގައި ވެސް މިކަން މިގޮތަށް ހިނގަމުންދާކަން ޕީޖީ ޝަމީމް ފާހަގަ ކުރެއްވިއެވެ.
ޕީޖީ ޝަމީމް ވަނީ ލޮކްޑައުންގެ ހާލަތުގައި ޕީޖީ އޮފީހުގެ ފަރާތުން ޝަރީޢަތްތަކަށް ހާޒިރުވާ ގޮތުގެ ތަފްސީލް ވެސް ދެއްވާފައެވެ. އެގޮތުން ޕީޖީ ވިދާޅުވީ މިހާރު ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ބާއްވާ ޝަީޢަތަކަށް ވެސް އޮންލައިންކޮށް ޕީޖީ އޮފީހުގެ ވަކީލުންނަށް ބައިވެރިވެވޭނެ ކަމަށާއި ހުއްދަ ދެވިފައިވާ މުވައްޒަފުންނަށް އެކަމަށް ހާއްސަ ކޮށްފައިވާ ސޮފްޓުވެއާ މެދުވެރިކޮށް ޝަރީޢަތަށް ހާޒިރުވެވޭނެ ކަން ޕީޖީ ފާހަގަ ކުރެއްވިއެވެ. އަދި ވިދާޅޫވީ ލޮކްޑައުންގެ ސަބަބުން ޝަރީޢަތްތައް ހުއްޓިފައި ވީނަމަވެސް އޮންލައިންކޮށް ޝަރީޢަތްތައް ކުރިއަށް ގެންދެވޭނެ އިންތިޒާމް މިހާރު ކޯޓުތަކުން ހަމަޖައްސަމުންދާ ކަމަށާއި އެގޮތުން ކްރިމިނަލް ކޯޓުން އޮންލައިންކޮށް ޝަރީޢަތްތައް ފެށުމުގެ ކަންކަން ކުރިއަށްދާކަން ޕީޖީ ފާހަގަ ކުރެއްވިއެވެ. އަދި ޝަރީޢަތްތަކުގައި ނޫސްވެރިންނަށް ބައިވެރިވެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްދާކަން އެމަނިކުފާން ފާހަގަ ކުރެއްވިއެވެ.
މީގެއިތުރުން ޕީޖީ ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން މައްސަލަތައް ތަހުގީގު ކުރުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލަން ޖެހިފައިވާ ކަމަށެވެ. އެގޮތުން ހައްޔަރުގައި ހުންނަ މީހެއްގެ މައްޗަށް 30 ދުވަސް ތެރޭގައި ދައުވާ ކުރަން ޖެހޭއިރު ހައްޔަރުން ދޫކޮށްލެވޭ މީހެއްގެ މައްޗަށް 45 ދުވަސް ތެރޭގައި ދައުވާ ކުަރްން ޖެހޭ ކަން ޕީޖީ ފާހަގަ ކުރެއްވިއެވެ. އެހެން ކަމުން ގާނޫނުގައި ކަނޑައަޅާފައިވާ އެ މުއްދަތުގައި ތަހުގީގުތައް ފުރިހަމަ ކުރުމަށް ފުލުހުން ވަރަށް ބޮޑަށް މަސައްކަތް ކުރާ ކަމަށާއި އަދި މިހާތަނަށް ލޮކްޑައުންގެ ހާލަތުގައި ގާނޫނުގައި ބުނާ މުއްދަތު ފަހަނައަޅާ ދިޔުމުގެ ކުރިން ފުލުހުން މައްސަލަތައް ނިންމައި ޕީޖީ އޮފީހަށް ފޮނުވާކަން ޝަމީމް ފާހަގަ ކުރެއްވިއެވެ. އަދި ވިދާޅުވީ ލޮކްޑައުންގެ ހާލަތުގައި ޝަރީޢަތްތައް ކުރިއަށް ގެންދަން ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދުމަސް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހަޅާފައިވާ ކަމަށާއި އެ ބިލް ފާސްވުމުން ލޮކްޑައުންގެ ހާލަތުގައި ޝަރީޢަތްތައް ކުރިއަށް ގެންދަން ދިމާވެފައިވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެކަން ޕީޖީ ފާހަގަ ކުރެއްވިއެވެ.

