ދިވެހިރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން، ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ހާލުގައި ޖެހިފައިވާ ދަރިވަރުންނަށް ފައިސާގެ އެހީ ދިނުމަށް ސަރުކާރުން ނިންމައި އެކަމާއި ގުޅޭ އުސޫލް ކަނޑައަޅައި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފިއެވެ.
ސަރުކާރުން އާންމުކުރި އުސޫލްގައި ބުނެފައިވާ ގޮތުގައި މި އުސޫލުގެ މަޤްޞަދަކީ، ދިވެހިރާއްޖެއިން ބޭރުގައި މަތީ ތަޢުލީމް ހާސިލުކުރަމުންދާ ދަރިވަރުންގެ ތެރެއިން ކޮވިޑް- 19 ގެ ސަބަބުން ހާލުގައިޖެހިފައިވާ ދަރިވަރުންގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ދެވޭ އެހީ، އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު ފޯރުކޮށްދިނުމުގެ އުސޫލެއް ކަނޑައެޅުމެވެ. އެގޮތުން ފައިސާގެ އެހީ ދެވޭނެ ގޮތްތައް ވަނީ ކަނޑައަޅާފައެވެ.
އުސޫލްގައި ބުނެފައިވާ ގޮތުގައި ކޮވިޑް19 އާއި ގުޅިގެން ފައިސާގެ އެހީ ދޭނީ ދަރިވަރު ކިޔަވަމުންދާ ކޯހަކީ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ކޯހަކަށް ވުން، ނުވަތަ އެ ކޯހަކީ ޕްރެކްޓިސް ކުރުމަށް ލައިސެންސެއް ދޭ ކޯހެއް ނަމަ، ކަމާބެހޭ އިދާރާއިން ޤަބޫލުކުރާ ކޯހެއް ކަމުގައި ވާނަމައެވެ.
ހަމައެހެންމެ ދަރިވަރު ފުރިހަމަ ކުރަމުންދާ ކޯހުގެ ޚަރަދުތައް ހަމަޖައްސަމުން ދިޔައީ ސްޕޮންސަރެއްގެ އެހީއާއެކު ކަމުގައި ވެފައި، ދަރިވަރަށް މާލީ އެހީ ދެމުންދިޔަ ފަރާތް ނުވަތަ ސްޕޮންސަރު ދެމުން ގެންދިޔަ، މާލީ އެހީގެ މިންވަރު މަދުކޮށްފައިވުން ނުވަތަ ކަނޑައިލައިފައިވާ ދަރުވަރުންނަށް ފައިސާގެ އެހީ ދެވޭނެ އެވެ.
އުސޫލްގައި ބުނެފައިވާ ގޮތުގައި ކޮވިޑް19 އާއި ގުޅިގެން ފައިސާގެ އެހީ ދޭ ދަރިވަރުން ވާން ޖެހޭނީ1 މެއި2020 ގެ ކުރިން ކޯސްފެށި ދަރިވަރުންނަށެވެ.
ދަރިވަރަށް ކިޔަވަމުންދިޔައީ އަމިއްލަ ޚަރަދުގައި ނަމަ، އެ ފަރާތުގެ އާމްދަނީއަށް ނުރަނގަޅު އަސަރެއް ކޮށްފައި ވުމާއެކު، އިތުރު އެހެން މާލީ އެހީތެރިކަމެއް ނުވަތަ އަމިއްލައަށް ޚަރަދު ހަމަޖެއްސޭނެ ގޮތެއް ނެތް ދަރުވަރުންނަށް ވެސް ފައިސާގެ އެހީ ދިނުމަށް ވަނީ ނިންމާފައެވެ. އަދި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ދުވަސްވަރު އެހެން އެއްވެސް ފަރާތެއްގެ ސްޕޮންސަރގެ ދަށުން ދިރިއުޅުމުގެ އެލަވަންސް ލިބެމުންދާ ދަރިވަރެއް ނަމަ ސަރުކާރުން ދޭ އެހީ ނުލިބޭނެ ކަމަށް އުސޫލްގައި ވަނީ ކަނޑައަޅާފައެވެ.
ކޮވިޑާއި ގުޅިގެން ރާއްޖެއިން ބޭރުގައި ހާލުގައި ޖެހިފައުވާ ކުދިންނަށް ސަރުކާރުން އެހީ ދޭން ނިންމާފައުވާއިރު އެހީ ދޭނީ މިހާރު ވެސް ރާއްޖެއިން ބޭރުގައި ތިބި ކުދިންނަށް ކަމަށް ވެސް އުސޫލްގައި ވަނީ ބުނެފައެވެ.
ދިވެހި ސަރުކާރުގެ ސްކޮލަރޝިޕެއްގައި ކިޔަވަމުންދާ ދަރިވަރުންނަކީ، ނުވަތަ ލޯނުގެ އެހީގައި ކިޔަވަމުންދާ ދަރިވަރުންނަކީ، ހަމަޖެހިފައިވާ އުސޫލުތަކުގެ މަތިން މިހާރުވެސް ފައިސާގެ ޢިނާޔަތް ލިބެމުންދާ ދަރިވަރުން ކަމަށް ވާތީ، މި ފަދަ ދަރިވަރުންނަށް މި އުސޫލުގެ ދަށުން އެހީއެއް ނުލިބޭނެއެވެ. ނަމަވެސް ދިވެހި ސަރުކާރުގެ ސްކޮލަރޝިޕެއްގައި ނުވަތަ ލޯނު އެހީގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން، ކޯސް ފުރިހަމަ ކުރުމަށްފަހު، ނުވަތަ ތަމްރީނު ފުރިހަމަ ކުރުމަށްފަހު، ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ދިވެހިރާއްޖެ ނާދެވިފައިވާ ދަރިވަރުންނަށް، މި އުސޫލުގެ ދަށުން އެހީއަށް އެދި ހުށަހެޅޭނެއެވެ.
ކޮވިޑް19 އާއި ގުޅިގެން ރާއްޖެއިން ބޭރުގައި ތައުލީމް ހާސިލް ކުރަމުންދާ ދަރިވަރުންގެ ތެރެއިން ފައިސާގެ އެހީ ދޭ ދަރިވަރުންނަށް ފައިސާގެ އެހީ ޖަމާކޮށްދެވޭނީ ދިވެހިރާއްޖޭގައި ޤާއިމުވެފައިވާ ބޭންކެއްގައި ދަރިވަރުގެ ނަމުގައި ނުވަތަ ދަރިވަރުގެ ފަރާތުން ކަނޑައަޅާ ފަރާތެއްގެ ނަމުގައި ހުޅުވައިފައިވާ ދިވެހިރުފިޔާ އެކައުންޓަކަށެވެ.

