ރައީސުލްޖުމްހޫރީއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން މިއަހަރު ތެރޭގައި ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫޢުތަކުގެ ތެރެއިން އޮން ގޮއިން ޕްރޮޖެކްޓްސް ނުވަތަ ހިނގަމުންދާ މަޝްރޫޢުތައް ފިޔަވައި އެހެން އިތުރު އެއްވެސް މަޝްރޫޢުއެއް ކުރިއަށް ނުގެންދަން ސަރުކާރުން ނިންމާފައިވާ ކަމަށް ޕްލޭން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ޕްލޭން މިނިސްޓްރީން މިއަހަރު ކުރިއަށް ގެންދިއުމަށް ރާފައިވާ ޕްރޮޖެކްޓްތައް ކުރިއަށް ނުގެންދަން ނިންމީ ކޮވިޑް19 އިގެ ސަބަބުން ދައުލަތަށް މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައިވާތީއެވެ.
ކޮވިޑް-19އާ ގުޅިގެން ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް އެ މިނިސްޓްރީގެ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީއިން ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަސްލަމް ވިދާޅުވި ގޮތުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން މިއަހަރު ކުރިއަށް ގެންދަން ނިންމާފައިވާ ބޮޑެތި މަޝްރޫޢުތަކަކީ ބަނދަރު ހެދުމާއި، ފެނާއި ނަރުދަމާ ގާއިމް ކުރުމާއި، މަގު ހެދުމާއި، ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތް ކުުރމުގެ އިތުރުން އެއް ރަށް އަނެއް ރަށާއި ގުޅުވައިލުމަށް ބޭނުންވާ ކޯޒްވޭ ބްރިޖް ގާއިމް ކުރުމުގެ މަޝްރޫތަކެވެ.
މިނިސްޓަރ ވިދާޅުވީ މިއަހަރު ފެށުނުއިރު ބަޖެޓުގައި ހިމަނައިގެން ކުރިއަށް ގެންދަން ނިންމާފައު އޮތީ ޖުމްލަ 436 ޕްރޮޖެކްޓް ކަމަށެވެ. ނަމަވެސް ކޮވިޑާއި ގުޅިގެން ސަރުކާރަށް ކުރިމަތިވެފައިވާ މާލީ ދަތިތަކުގެ ސަބަބުން އައު އެއްވެސް މަޝްރޫޢުއެއް ނުފަށަން ނިންމާފައިވާ ކަމަށާއި އަދި ކަންކަން ރަނގަޅުވެ މަގެއް ފެންނަންދެން އެއް ވެސް މަޝްރޫޭުއެއް ޓެންޑަރ ނުކުރުމަށާއި އަދި ކޮނެޓްރެކްޓްގައި ސޮއި ކުރާ ހިސާބަށް ގޮސްފައިވާ މަޝްރޫޢުތައް ވެސް މަޑު ޖައްސާލުމަށް ނިންމާފައިވާ ކަމަށާއި ހަމައެކަނި ކުރިއަށް ގެންދާނީ ކޮންޓްރެކްޓްގައި މިހާރު ސޮއިކޮށްފައިވާ މަޝްރޫޢުތައް އެކަނި ކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ. އެގޮތުން މިއަހަރު ކޮނެޓްރެކްޓްގައި ސޮއި ކުރެވި މިހާރު ކުރިއަށް ދަނީ 156 މަޝްރޫޢު ކަމަށް މިނިސްޓަރ އަސަލް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ހިންގަމުންދާ މަޝްރޫޢުތަކުގެ ތެރެއިން ކޮންސެލްޓެންސީގައި 114 މަޝްރޫޢެއްވާ ކަމަށާއި އަދި 45 މަޝްރޫޢެއް ޓެންޑަރ ސްޓޭޖްގައިވާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. ނަމަވެސް ޓެންޑަރއަށް ގޮސްފައިވާ އެއްވެސް މަޝްރޫޢުއެއް މިވަގުތު ޓެންޑަރ ނުކުރަން ވަނީ ނިންމާފައެވެ. އަދި ވިދާޅުވީ ޕްލޭން މިނިސްޓްރީން މިއަހަރު ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫޢުތައް މަޑުޖައްސާލީ ވަގުތީ ގޮތުން ކަމަށާއި ކޮވިޑް19 އުގެ ކަންކަމުން އަރައިގަނެ މާލީ ތަނަވަސްކަން ލިބެމުންދާ މިންވަރަކުން މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ގޮތްތަކެއް ނިންމާނެ ކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

