ކޮވިޑް-19 އާއި ގުޅިގެން ހުޅުމާލޭގައި ބިނާކުރަމުންދާ ކޮވިޑް ވިލެޖް ހޮސްޕިޓަލަށް ބޭނުންވާ ބައެއް ސާމާނު ގެނެސްފިއެވެ.
މިކަން ހާމަކޮށް މޯލްޑިވިއަންއިން ހުކުރު ދުވަހުގެ ރޭ ބުނީ، ހުޅުމާލޭގައި ހަދަމުންދާ ކޮވިޑް ވިލެޖް ހޮސްޕިޓަލަށް ބޭނުންވާ ބައެއް ސާމާނު، ބަންގްލަދޭޝްގެ ބައިމަން އެއަރލައިންސްގެ ފްލައިޓަކުން ގެނެސްފައިވާކަމަށެވެ.
މީގެ އިތުރުން ބައެއް މެޑިކަލް ސަޕްލައިސްވެސް ގެނެސްފައިވާކަމަށް މޯލްޑިވިއަންއިން ހާމަކޮށްފައިވެއެވެ.
https://twitter.com/MaldivianAero/status/1261403234188423168?s=19
ހުޅުމާލޭގައި ޤާއިމުކުރަމުން އަންނަ 300 އެނދުގެ ހޮސްޕިޓަލަކީ، ކޮރޯނާ ވައިރަހާއި ގުޅިގެން ގިނަ އަދަދެއްގެ މީހުންނަށް އެއްފަހަރާ ފަރުވާދޭން ޖެހިއްޖެ ހާލަތެއްގައި ފަރުވާދިނުމަށްތައްޔާރުވުމުގެ ގޮތުން ހަދަމުންދާ ތަނެކެވެ.
ހުޅުމާލޭގައި ޓްރީ ޓޮޕް ހޮސްޕިޓަލު ކައިރީގައި ޤާއިމުކުރާ މި ހޮސްޕިޓަލު ބިނާކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ ސިފައިންނާއި، ސަރުކާރުގެ ކުންފުނިތައް ގުޅިގެންނެވެ.

