އޭޕްރީލް 15 ވަނަ ދުވަހުގައި މާލޭ ސިޓީ ލޮކްޑައުންކުރިފަހުން، ލޮކްޑައުންގެ އުސޫލުތަކާއި ޚިލާފުވެ މަގުމައްޗަށް ނިކުމެފައިވާ 4020 މީހުން ޖޫރިމަނާކޮށްފިއެވެ.
މި ގޮތުން އެ 4020 މީހުން ޖޫރިމަނާކޮށްފައިވަނީ، ކަނޑައެޅިފައިވާ ގަވާއިދުގެ ދަށުން، ކޮންމެ މީހަކަށް ވެސް 1000 ރުފިޔާގެ މަގުންނެވެ.
އެހެންކަމުންް 4,020 މީހުންނަށް ބަލާއިރު އެއީ، 4,020,000 ރުފިޔާއެވެ. ޖޫރިމަނާކުރިކަމުގައި ވިޔަސް، ލޮކްޑައުންގެ އަމުރާއި ޚިލާފުުވެ ތަކުރާރުކޮށް މަގުމައްޗަށް ނިކުމެ އުޅޭނަމަ ހައްޔަރުކުރާނެކަމަށް މެދުކެނޑުމެއްނެތި ފުލުހުންދަނީ ބުނަމުންނެވެ.
މި ގޮތުން ފުލުހުން މިއަދު ބުނި ގޮތުގައި، ހުކުރު ދުވަހު 9 މީހަކު ހައްޔަރުކޮށްފައިވާއިރު، އޭޕްރީލް 15 ވަނަދުވަހު ލޮކްްޑައުންކުރިފަހުން މިހާތަނަށް ޖުމްލަ 219 މީހަކު ހައްޔަރުކޮށްފައިވެއެވެ. މީގެ އިތުރުން ހުކުރުދުވަހު 128 މީހަކު ޖޫރިމަނާކޮށްފައިވާކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
ރާއްޖޭގައި ހަލުވިކަމާއެކު ކޮރޯނާ ވައިރަސް ފެތުރެންފެށުމުން އަނެއްކާ ވެސް، ލޮކްޑައުންގެ މުއްދަތު މިވަނީ މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ. ހަމައެއާއެކު ބަލި އިތުރަށް ފެތުރިދާނެކަމަށް ފެންނާތީ، ސިއްހީ މާހިރުންނާއި، ކަމާބެހޭ އިދާރާތަކުން އަންނަނީ، މަގުމައްޗަށް ނިކުމެ ނޫޅުމަށް ނަސޭހަތްތެރިވެ އިރުޝާދުތައް ދެމުންނެވެ.
ނަމަވެސް ދުވަހަކަށްވުރެ ދުވަހަކު ލޮކްޑައުންގެ އަމުރާއި ޚިލާފުވެ، މަގުމައްޗަށް ނިކުންނަ މީހުން މިވަނީ އިތުރުވެފައެވެ. މީގެ އާޚިރު ނަތީޖާއަކަށް ވެގެންދިޔައީ، މި ރާއްޖޭގައި ވައިރަހަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެފައިވުމެވެ. މި ގޮތުން މިހާތަނަށް، 1032 މީހުން ޕޮޒިޓިވްވެފައިވާއިރު، ފަރުވާއެއް ހޯދިފައިނުވާ މި ބަލީގައި ރާއްޖެއިން 04 މީހަކު ނިޔާވެފައިވެއެވެ.

