ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ވެރިކަމެއްގެ އާރާއި ބާރު ގަދަކޮށް ޝާނާއި ޝައުކަތު ހިފެހެއްޓުމުގެ އެންމެ މުހިންމު ބާރަކީ ޢަދުލުވެރިވުމެވެ. އަދި އަނެއްބައި ބޭފުޅުން ދެކިވަޑައިގަންނަވާގޮތުގައި މުޖުތަމަޢުގެ ހަމަޖެހުމާއި އެއްބައުވަންތަ ކަމުގެ އަސްލަކީ ޢަދުލުވެރިވުމެވެ. މުޖުތަމަޢުގެ އެތެރޭގެގުޅުންތައް ބަދަހިކޮށް ގަދަފަދަކުރާ ބާރަކީ އިންޞާފުވެރިކަމެވެ. މުޖުތަމަޢުގެ ހަމަޖެހުމާއި ކުރިއެރުމުގެ އަޞްލަކީ ހަމަހަމަކަމާއެކު ކަންކަން ނިންމުމެވެ.ހަމަގައިމުވެސް އިޖްތިމާޢީ ހަމަޖެހުމާ އަގުތައް ޙިމާޔަތްކުރުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅަކީ އިންޞާފުވެރިވުމެވެ. ކޮންމެ ޖަމާޢަތެއްގައިވެސް އެޖަމާޢަތެއްގެ މަޞްލަޙަތުތައް ޙިމާޔަތްކުރާނެ ޤާނޫނުތަކެއް ނުވަތަ ޤަވާޢިދުތަކެއް އެކަށައެޅެއެވެ.
ކޮންމެއަކަސް ދައުލަތެއްގެ ތެރޭގައި ނުވަތަ ސަރުކާރެއްގައި މިކަންކަން ތަންފީޛުކުރުމުގައި ހަމަހަމަ އުޞޫލުތަކެއް ގެންގުޅެންޖެހެއެވެ. ދައުލަތެއް ނުވަތަ ސަރުކާރެއްގައި ކަމަށްވިޔަސް އަދުލުވެރިކަމަކީ ކުރާކޮންމެ ކަމެއްވެސް ކަމުގެ ދެކޮޅު ހޯދައި ބެލުމަށްފަހު ކުރުމެވެ. ނިންމުންތައް ނިންމުމުގައި ތަޢައްޞުބާއި ޒާތީ އެދުންތަކުން ދުރުހެލިވެހުރެ ނިންމުންތައް ނިންމުމެވެ. ޢަދުލުވެރިކަމުގެ އިދިކޮޅު ޞިފައަކީ އަނިޔާވެރިވުމެވެ. އަނިޔާވެރިކަމަކީ އަނެކުންގެ ޙައްޤަށް އުނިކަން ލިބޭ ގޮތަކަށް ކަމެއްކުރުމެވެ. ނުވަތަ އަނެކުންނާ މެދު އިހުމާލުވުމެވެ. ނުވަތަ އެކުވެރިންނާއި ގާތް މީހުންނާއި ހިތް އެދޭ މީހުންނަށް ލާބަހުރި މަންފާ ލުބޭ ގޮތަށް ކަންކަން ނިންމުމެވެ.
މިއަދު އަޅުގަނޑުމެންގެ ތެރޭގައި ކަންކަން ހިނގަމުންދަނީ އިންސާފާއި ހަމަހަމަ ކަމާއި އަދުލުވެރި ކަމާއިއެކުގައިކަން ދެންނެވޭކަށް. ނެތެވެ. ސަބަބަކީ މިއަދު ގައުމުގައި ކަންކަން ނިންމަމުން ދަނީ އާރާއި ބާރު ހުރި މުއްސަންދިން ބުނާ ގޮތަށެވެ. މިހާރުގެ މިމުޖުތަމަޢަށް ވިސްނައިލަމާތޯއެވެ؟ ރިޝްވަތުގެ ވަބާ މިވަނީ ޢާންމުވެފައެވެ. ރިޝްވަތު ދިނުމާއި ކެއުމެވެ. ނަތީޖާއަކީ އިންޞާފެއްނެތުމެވެ. އަނިޔާވެރިކަން ފެތުރުމެވެ.
އެހެންކަމުން ނިންމުންތައް ނިންމަނީ ތިމާގެ ޒާތީ މަޞްލަޙަތުތައް އިސްކޮށްގެނެވެ. ދެން އޮންނާނީ ކޮން އިންޞާފެއްތޯއެވެ؟ ކޮން ހަމަހަމަ އުޞޫލުތަކެއްތޯއެވެ؟ ކޯޓުތަކުގެ ޙުކުމްތަށް ޢަދުލުވެރިކަމާއެކު ނުނިންމޭ ވާހަކައެވެ. މިވާހަކައކީ މުޅިން ދޮގުވާހަކައެއްނޫނެވެ. ކޯޓުތަކުގައި ކުރެވިފައިވާ މިފަދަ ޙުކުމުގެ ސަބަބުން ކިތައް މީހުންގެ ގެޔާގެދޮރު ގެއްލުނުތޯއެވެ؟ ކިތައްމީހުންގެ އަނބިން ގެއްލިގެން ދިޔަތޯއެވެ؟ މިހިރީކީ ދައްކާ ކޮޅުންލާންހުރި ވާހަކަތަކެއް ނޫނިއްޔާއެވެ. މިވަރުން ފުއްދައިލަމެވެ.
އަޅުގަނޑުގެ އެދުމަކީ މާއަގުހުރި އެދުމަކަށް ނުވެދާނެއެވެ. އަދި މިގޮވައިލާ ކަންތަކަކީ މާއެދެވޭ ތަރުޙީބެއް ލިބޭ ގޮވައުލުމެއްކަމުގައި ނުވުން އެކަށީގެންވެއެވެ. މިނޫން ތަނެއް، ދުވަހެއް ކުރިމަތީގައި އެބައޮތެވެ. އެދުވަހުން ޢަދުލުގެ ދަރުބާރު ޤާއިމުކުރެވޭނެއެވެ. އަނިޔާ ލިބުނު މީހުންގެ އަޑުތައް އެދުވަހުން އެދަރުބާރުގައި އުފުލޭނެއެވެ. އަދި އަނިޔާވެރިވީ މީހުންނާމެދު އަވަސްގޮތަކަށް ޙުކުމްކުރެވޭނެއެވެ. އަދި ލަސްވުމެއްނެތި އެޙުކުމް ތަންފީޛުކުރެވޭނެއެވެ.

