ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ކުރަމުން އަންނަ ޚަރަދުތަކުގެ ފައިނޭންޝަލް އޮޑިޓެއް ކުރަން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ހުށަހަޅުއްވައިފިއެވެ.
އެގޮތުން ކޮވިޑް-19 ގެ ސަބަބުން ދައުލަތުން ކުރާ ހަރަދުތަކާއި ސަރުކާރުގެ ޕްރޮގްރާމްތަކުގެ ތެރެއިން ކުރާ ހަރަދުތަކާއި އެހީގެ ގޮތުގައި ލިބޭ ފައިސާ ހަރަދު ކުރާގޮތުގެ އޮޑިޓެއް ކުރުމަށް އިވާ ވަނީ ހުށަހަޅުއްވާފައެވެ.
ކޮވިޑް-19 ގެ ސަބަބުން ވިޔަފާރިތަކާއި އާންމު ފަރުދުންގެ މާލީ ހާލަތު ދަށްވާތީ ސަރުކާރުން ފަށާ ޕްރޮގްރާމްތަކަށް މަޖިލީހުން ލަފާ ދިނުމަށް މާލިއްޔަތު ކޮމިޓީން ވަނީ ރިޕޯޓެއް އެކުލަވާލާފައެވެ.
ކޮވިޑް-19 އިގެ ސަބަބުން ދައުލަތް ހިންގަން ކުރަން ޖެހޭ ހަރަދުތައް ކުރަމުންދާ ގޮތާއި އެހީގެ ގޮތުގައި ލިބޭ ފައިސާ ހަރަދު ކުރަމުން ދަނީ މާލިއްޔަތު ގާނޫނާ އެއްގޮތަށްތޯ ބަލަން ވެސް ހުށަހަޅާފައިވެއެވެ.
ސަރުކާރަށް 19 ކަމެއް ހުށަހަޅަން ހިމަނާފައިވާ ރިޕޯޓަށް އީވާ ހުށަހަޅުއްވީ ކޮވިޑް-19 ގެ ސަބަބުން ދައުލަތުގެ މުއައްސަސާތަކުން ކޮންމެ ކްއާޓަރެއްގައި ކުރާ ހަރަދުތަކާއި ހިލޭ އެހީއާއި ދަރަނީގެ މާލީ ރިޕޯޓުތަކުގެ ފައިނޭޝަލް އޮޑިޓެއް ހަދާށެވެ.
މީގެ އިތުރުން ކޮންމެ ކްއާޓަރެއް ނިމޭތާ 1 މަސް ދުވަހުގެ ތެރޭގައި އެ އޮޑިޓް ނިންމަން އޮޑިޓާ ޖެނެރަލްގެ އޮފީހަށް އަންގަން ވެސް އެ އިސްލާހުގައިވެ އެވެ.
މިހާރު ދިމާވެގެން އުޅޭފަދަ ޙާލަތްތަކުގައި ހާއްސަ ކަމެއް ދީގެން ވަގުތުން އޮޑިޓް ކުރުމަކީ ބައިނަލް އަގުވާމީ އޮޑިޓް ނިޒާމުގައި ބާރު އަޅާ ކަމެއް ކަމަށާއި ދައުލަތުގެ އާމްދަނީ އާއި ހިލޭ އެހީ އަދި މިލްކިއްޔާތާއި ދަރަނި އޮޑިޓް ކުރުމަކީ ގާނޫނު އަސާސީ އާއި އޮޑިޓް ގާނޫނުން އޮޑިޓާ ޖެނެރަލަށް ލާޒިމް ކުރާ ކަމެއް ކަމަށްވެސް އީވާގެ ހުށަހެޅުމުގައިވެއެވެ.
ކޮވިޑް 19ގެ ސަބަބުން ޖުމްލަ ގޮތެއްގައި އާމްދަނީ ދަށްވާ މިންވަރު، އިމްޕޯޓް ދަށްވާ މިންވަރަށްވުރެ މަތިވާނެ ކަމަށް ބެލެވޭތީ، އެކްސްޗޭންޖް ރޭޓް ދެމެހެއްޓުމަށް ރިޒާވުން ހޭދަކުރާ މިންވަރު އިތުރުވާނެ ކަމަށް ބެލެވޭތީ ސަރުކާރުންނާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަޅާ ފިޔަވަޅުތަކާއި، ބޭނުންކުރާ ވަސީލަތްތަކާ ގުޅޭ މައުލުމާތު މާލއިޔަތު ކޮމިޓީއާ ހިއްސާކުރުމަށް ވެސް ވަނީ ހުށަހަޅައިފައެވެ.
ބޭރު ފައިސާގެ އާމްދަނީ ނުލިބި، އިތުރަށް ހަރަދު ކުރަން ޖެހުމުން ބޭރު ފައިސާގެ ރިޒާވް ދަށްވެ، ދައުލަތުގެ ރިޒާވަށް އަންނަ ދަތިކަން އިތުރުވެ، އެކްސްޗޭންޖް ރޭޓަށް އޮންނަ ޕްރެޝަރު ބޮޑުވާނެތީ އެކަން ކުޑަކުރުމަށް އެމައުލޫމާތުތައް ހިއްސާކުރުމަށްވެސް ރިޕޯޓުގައި ހުށަހަޅާފައިވެއެވެ.
ކޮވިޓް 19ގެ ސަބަބުން ރާއްޖެއަށް ލިބޭ ބޭރު ފައިސާގެ އާމްދަނީ ދަށަށްދާތީ،ސަރުކާރުން ހިލޭ އެހީ އާއި ދަރަނީގެ ގޮތުގައި ބޭރު ފައިސާ ހޯދުމަށް ކުރާ މަސައްކަތުގެ ތަފުސީލު މާލިއްޔަތު ކޮމިޓީއާ ހިއްސާކުރަން ވެސް ވަނީ ހުށަހަޅައިފައެވެ.
އީވާގެ މި ހުށަހެޅުމަކީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ހުށަހެޅުއްވި މައްސަލައިގައި މާޖިލީހުގެ މާލިއްޔަތު ކޮމިޓީން އެކުލަވާލި ރިޕޯޓަށް ހުށަހެޅުއްވި އިސްލާހެކެވެ.
ވިޔަފާރިތަކާއި އާންމު ފަރުދުންގެ މާލީ ހާލަތު ދަށް ވާތީ ސަރުކާރަށް ލަފާ ދިނުމަށް އާލީ އާޒިމް ހުށަހެޅުއްވި މައްސަލަ މަޖިލީހުގެ 12 ކޮމިޓީއަކުން ދިރާސާ ކުރި އެވެ.

