ވޭތުވެދިޔަ ދެ ދުވަސްތެރޭގައި އައްޑޫ ސިޓީގެ ފޭދޫގެ ގެތަކަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާކަމަށް އެމްއެންޑީއެފްގެ ސަދަން އޭރިއާގެ ކޮމާންޑަރު އިބްރާހިމް ރަޝީދު ވިދާޅުވެއްޖެއެވެ.
ސަދަން އޭރިއާގެ ކޮމާންޑަރު މިހެން ވިދާޅުވެފައި މިވަނީ، އައްޑޫ ސިޓީއަށް ކުރަމުންދާ ވިއްސާރައިގައި، އެމްއެންޑީއެފް ސަދަން އޭރިއާއިން، ކުރިއަށްގެންދާ އޮޕަރޭޝަންއާއި ގުޅޭގޮތުން ދެއްވާފައިވާ ބަސްދީގަތުމެއްގައެވެ.
މި ގޮތުން އެމްއެންޑީއެފުން މިއަދު ޢާންމުކުރި ބަސްދީގަތުމުގައި ކޮމާންޑަރު ވިދާޅުވީ، އައްޑޫ ސިޓީއަށް ކުރި ވިއްސާރައިގައި، އެހީއަށް އެދ ޖުމްލަ 161 ގެއަކުން އެމްއެންޑީއެފް ސަދަންއޭރިއާއަށް ގުޅާފައިވާކަމަށެވެ.
މީގެ އިތުރުން ކޮމާންޑަރު ވިދާޅުވީ، އެހީއަށް އެދި ގުޅި ރަށްތަކުގެތެރެއިން ”ފޭދޫ“ ޚާއްސަގޮތެއްގައި ފާހަގަކޮށްލެވޭކަމަށާއި، އެ ރަށަށް ވަރަށް ބޮޑު ގެއްލުމެއް ލިބިފައިވާކަމަށެވެ.
ކޮމާންޑަރު ވިދާޅުވީ، ރަށުގެ މަގުތަކުގައި ފެންބޮޑުވެ ގޮވަތިގެދޮރުގައި ފެންބޮޑުވުމުގެ ސަބަބުން ފޭދޫގެ 97 ގެއަކުން އެހީއަށް އެދި ގުޅާފައިވާކަމަށެވެ.
މި ގޮތުން އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ގޮސް، ފޭދޫގެ 11 ގެއެއްގައި 58 ވެލި ބަސްތާ ޖަހައިދީފައިވާކަމަށް ވެސް، ކޮމާންޑަރު ވިދާޅުވިއެވެ.
ކޮމާންޑަރު ވިދާޅުވީ، ފޭދޫގެ ގެތަކަށް ފެންވަދެ ހިފައިގެންގުޅޭ ތަކެއްޗަށާއި، އެހެނިހެން ބައެއް ތަކެއްޗަށް ވެސް ވަރަށް ބޮޑަށް ގެއްލުންވެފައިވާކަމަށެވެ.
”..އަޅުގަނޑު ފާހަގަކުރާނީ ޚާއްސަކޮށް ފޭދޫގެ ގެތަކަށް ވަރަށް ބޮޑަށް ގެއްލުންވެ ހިފައިގެންގުޅޭ އެއްޗެއްސަށް އަދި އެހެނިހެން ސާމާނަށް ވެސް ވަރަށް ބޮޑަށް ގެއްލުންވެފައިވާކަން..“( ކޮމާންޑަރ)
އައްޑޫ ސިޓީގެ ހާލަތަށް އިތުރަށް އަލިއަޅުއްވައިލައްވައި ކޮމާންޑަރު ވިދާޅުވީ، ފެންބޮޑުވުމުގެ ސަބަބުން، ހިތަދޫގެ 28 ގެއަކުންނާއި، މަރަދޫފޭދޫން 24 ގެއަކުންނާއި، މަރަދޫގެ 12 ގެއަކުން ގުޅިކަމަށެވެ.
މި ގޮތުން ހިތަދޫގެ 6 ގެއެއްގައި 24 ވެލި ބަސްތާ ޖަހައިދީފައިވާކަމަށާއި، މަރަދޫފޭދޫގެ ގެއެއްގައި ވެސް ވެލި ބަސްތާ ޖަހައިދީފައިވާނެކަމަށް ކޮމާންޑަރު ވިދާޅުވިއެވެ.
ކޮމާންޑަރު ވިދާޅުވީ، އެހީތެރިކަމަށް އެދުނު ގިނަގޭގެއަށް ދެވިފައިނުވާކަމަށާއި، އެންމެ ބޮޑަށް އިސްކަމެއްދެއްވީ މަގުތަކުގައި ވަރަށް ބޮޑަށް ފެންހެދިފައިވާތީ އެ ފެންގަނޑު ހިންދުމަށްކަމަށެވެ.
”މި ހުރިހައި ގެތަކުން ގުޅިކަމުގަވިޔަސް އަޅުގަނޑުމެންނަށް މީގެތެރެއިން އެޓެންޑްވެވިފައިމިވަނީ ވަރަށް މަދު އަދަދެކޭ ދެންނެވޭނީ. އެއީ އަޅުގަނޑުމެން ޚާއްސަ ސަމާލުކަމެއްދީފައިވާނީ، މަގުތަކުގައި ވަރަށް ބޮޑަށް ފެންހެދިފައިވާތީވެ އެ ފެންގަނޑު ހިންދުމަށް ކުރަންޖެހުނު މަސައްކަތްކުރަން، އެ ގޮތުން އަޅުގަނޑުމެން، އަޅުގަނޑުމެންގެ އަތުގަ ހުރި ހުރިހާ ވަސީލަތްތަކެއް، އާދެ ޕަމްޕުތައް ބޭނުންކޮށްގެން އެކިއެކި ސަރަހައްދުތަކުގައި ޕަމްޕު ޖައްސައިގެން ފެންހިންދުމުގެ މަސައްކަތްތައް ކުރަމުން ގެންގޮސްފައިވާނީ..“(ކޮމާންޑަރ)
އައްޑޫ ސިޓީގެ އިތުރުން، އެމްއެންޑީއެފް ސަދަން އޭރިއާއިންވަނީ، ގއ. އަތޮޅަށާއި، ގދ.އަތޮޅުގެ ރަށްތަކަށް ވެސް އެހީތެރިކަން ފޯރުކޮށްދީފައފޯރުކޮށްދީފައެވެ.
މި ގޮތުން ގދ.ތިނަދުއާއި، ގދ.ރަތަފަންދުއާއި، ގދ.ގައްދުއަށްކުރި ވިއްސާރައިގައި ވަރަށް ބޮޑެތި ގެއްލުންތަކެއްވެފައިވާކަމަށް ކޮމާންޑަރު ވިދާޅުވިއެވެ.
ކޮމާންޑަރު ވިދާޅުވީ، ތިނަދޫގެ 21 ގެއެއްގައި ވެލި ބަސްތާ ޖަހައިދީފައިވާަމަށާއި، 3 ސަަރަހައްދެއްގައި މި ވަގުތު ވެސް ޕަމްޕު ޖައްސައިގެން ފެން ހިންދުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށެވެ.
ކޮމާންޑަރުވަނީ، މި މަސައްކަތްތަކުގައި، ކައުންސިލުންނާއި، ރައްޔިތުން ދިން އެއްބާރުލުން ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން، ބަސްދީގަތުން ނިންމަވައިލައްވަމުން ކޮމާންޑަރުވަނީ، ޑިފެންސް މިނިސްޓަރު މާރިއާ އަޙްމަދު ދީދީއާއި، ޗީފް އޮފް ޑިފެންސް ފޯސް ދެއްވި އެއްބާރުލެއްވުން ފާހަގަކުރައްވާފައެވެ.

