ކޮވިޑް-19 އާއި ގުޅިގެން މުވައްޒަފުން ވަކިކުރުމާއި ނޯޕޭ އަށް ފޮނުވާލުމުގެ ސަބަބުން، އިކޮނޮމިކް ސްޓިމިއުލަސް ޕެކޭޖުގެ ދަށުން ލޯނު ދޫނުކުރަން ނިންމި ކުންފުނިތަކަށް، ޝަރުތުތަކަކާއި އެކު ލޯނަށް އެދުމުގެ އިތުރު ފުރުސަތެއް ދޭން ނިންމައިފިއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ރިލީފް ލޯނަށް އެދުނު ކުންފުނިތަކާއި ވިޔަފާރިތަކުގެ ތެރެއިން، ދިވެހި މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ ސަބަބުން އެޕްލިކޭޝަން ބާތިލް ކުރި ފަރާތްތަކަށް އިތުރު ފުރުސަތެއް ދޭން ނިންމާފައިވާ ކަމަށެވެ.
ކޮވިޑް-19 ގެ ސަބަބުން އިގްތިސޯދު ދަށްވެ މާލީ ދަތިތަކެއް ކުރިމަތިވެފައިވާތީ ސަރުކާރުން ވަނީ 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ޕެކޭޖެއް ތައާރަފުކޮށްފަ އެވެ. ނަމަވެސް މި ހާލަތާއި ގުޅިގެން މުވައްޒަފުން ވަޒީފާ އިން ވަކިކޮށް ނޯޕޭއަށް ފޮނުވުމާއި މުސާރައިން ބައެއް އުނިކޮށްފައިވާ ކުންފުނިތައް ކޮވިޑް-19 ރިކަވަރީ ޕްރޮގްރާމްގެ ދަށުން ލޯނު ނުދޭން ކުރިން ސަރުކާރުން ނިންމިއެވެ.
އަމީރު ވިދާޅުވީ، އެސްޑީފީއެފްސީގެ އިތުރުން ބީއެމްއެލް މެދުވެރިކޮށް ހުށަހެޅި އެޕްލިކޭޝަންތަކުގެ ތެރެއިން ލޯނު ނުދޭން ނިންމި ފަރާތްތަކުގެ ތެރޭގައި، މުވައްޒަފުން ވަޒީފާއިން ވަކިކޮށް ނުވަތަ މުސާރަ ކުޑަކޮށްފައިވާ ކުންފުނިތައް ހިމެނޭ ކަމަށެވެ.
އެފަދަ ކުންފުނިތަކަށް އިތުރު ފުރުސަތެއް ދިނުމަށް ނިންމީ ގިނަ ކުންފުނިތަކަކަށް ދަތިތަކާއި ކުރިމަތިވަމުން އަންނާތީ، ލޯނު ދޫކުރުމުގެ މައިގަނޑު ޝަރުތު ފުރިހަމަކުރަން އިތުރު ފުރުސަތެއް ދިނުމުގެ ގޮތުން ކަމަށް އަމީރު ވިދާޅުވިއެވެ.
”އެ ކުންފުނިތަކުން ވަޒީފާއިން ވަކިކުރި، ސަސްޕެންޑުކުރި ނުވަތަ މުސާރަ ދަށްކުރި މުވައްޒަފުންގެ ނިންމުން އަނބުރާ ގެންގޮސް މަދުވެގެން 5000 ރުފިޔާ ދޭގޮތަށް ހަމަޖައްސައިފި ކަމަށް ހަމަޖައްސަފިނަމަ އެ ކުންފުންޏަށް ނުވަތަ ވިޔަފާރިއަށް ލޯނަށް ޝަރުތުހަމަވާނެ ކަމަށް މިހާރު ވަނީ ނިންމާފައި“ މިނިސްޓަރު ވިދާޅުވިއެވެ.
މިހާތަނަށް އިކޮނޮމިކް ރިކަވަރީ ޕެކޭޖުގެ ދަށުން، 83 ފަރާތަކަށް 109.6 މިލިއަން ރުފިޔާގެ ލޯނު ބީއެމްއެލް އިން ދޫކޮށްފައިވެއެވެ. އަދި އެސްޑީއެފްސީ އިން މިހާތަނަށް 76 ފަރާތެއްގެ 6.2 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވެއެވެ.
އިކޮނޮމިކް ޕެކޭޖްގެ ދަށުން ވިޔަފާރިތަކުގެ ވޯކިން ކެޕިޓަލް ރަނގަޅު ކުރުމަށް ޓަކައި، ތިން އަހަރުން ދައްކާ ގޮތަށް ހަ މަހުގެ ގްރޭސް ޕީރިޑިއަކާއެކު ހަ ޕަސެންޓްގެ އިންޓްރެސްޓްގައި ފައިސާ ދޫކުރާނެ އެވެ.

