މާލޭގައި ކޮވިޑް-19 ފެތުރިފައިވާ މިންވަރު ދެނެގަތުމަށް ކުރެވޭ މަސައްކަތުގެ ދަށުން، އުމުރުން ދުވަސްވީ މީހުންގެ ރެންޑަމް ސާމްޕަލް ނަގަމުން އަންނައިރު، އޭގެ ތެރެއިން އެއް ސާމްޕަލްއެއް މިއަދު ޕޮޒިޓިވްވެފައި ވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ހާމަކޮށްފިއެވެ.
ކުރިޔަށް މިދާ ދުވަސްތަކުގައި ބޮޑު ސާޖެއް އައިސްދާނެ ކަމަށް ސިއްހީ ދާއިރާގެ މާހިރުން ވަނީ ލަފާކޮށްފައެވެ. އަދި ބަލީގެ އަލާމާތެއް ނެތި ޕޮޒިޓިވްވާ މީހުންގެ އަދަތައް އިތުރުވުމާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީން ވަނީ ރެންޑަމް ސާމްޕަލް ނެގުން އިތުރުކޮށްފައެވެ.
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އުމުރުން ދުވަސް ވީ މީހުންގެ ސާމްޕަލްތައް ނެގުމަށް މަސައްކަތް ކުރަމުންދާއިރު މިއަދު ނެގުނު ރެންޑަމް ސާމްޕަލްތަކުން ކޭސްއެއް ފެނިފައިވާ ކަމަށެވެ. ބައްޔަށް ޕޮޒިޓިވް ވި މީހާގެ ބަލީގެ އެއްވެސް އަލާމާތެއް ނެތް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ ބައެއް ފަރާތްތަކުން އަދިވެސް ޓެސްޓު ކުރުމަށް ދެކޮޅު ހަދަމުން ދާ ކަމަށެވެ. އެގޮތުން އެ މީހުން ލޮކްޑައުންއާއި އެކު ބޭރަށް ނުދާއިރު ބަލި ޖެހެންވީ ސަބަބެއް ނެތް ކަމަށް ބުނެ އާއިލާތަކުން ވެސް ޓެސްޓު ކުރުމަށް ދެކޮޅު ހަދާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. ޓެސްޓު ކުރުމަށް އިންކާރު ކުރުމާއި ބެހޭގޮތުން ޑރ. ނަޒްލާ ވިދާޅުވީ ގޭގައި ހުރި އުމުރުން ދުވަސްވީ މީހެއް ބޭރަށް ނުނިކުތް ނަމަވެސް އެ ގެއިން ކޮންމެ ވެސް މީހެއް ކާބޯތަކެތީގެ ވިޔަފާރިއަށް ނިކުންނާނެ ކަމަށެވެ. އަދި އެގޮތަށް ނިކުންނަ ނިކުމުމުގެ ތެރެއިން އެ މީހަކަށް ބަލީގެ އަސަރު ފޯރާ އެ އެހެން މީހުންނަށް އެއްވެސް އަލާމާތެއް ނެތި ވެސް ޓްރާންސްމިޓު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
ސަވައިލެންސްގެ ދަށުން އުމުރުން ދުވަސް މީހުންގެ ސާމްޕަލް ނެގުމަށް ނިންމާފައިވާކަން ހާމަކޮށްފައިވަނީ އަންގާރަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ނޫސްވެރިންގެ ބައްދަލުވުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެފައިވަނީ އުމުރުން ދުވަސްވީ މީހުންގެ ސާމްޕަލް ނެގުމަށް ނިންމާފައިވަނީ އެއީ ހައި ރިސްކު ކެޓަގަރީއަކަށް ވެފައި ބަލީގެ އަލާމާތްތަކެއް ނެތި އުމުރުން ދުވަސްވީ މީހުން ވެސް ޕޮޒިޓިވްވެފައިވާތީ އެވެ.
މުޖްތަމައުގެ ތެރޭގައި ބަލިއޮތް މިންވަރު ދެނެގަތުމަށް ސާމްޕަލްތައް ނެގުމަށް ނިންމި ނަމަވެސް އެކަށީގެންވާ އެއްބާރުލުމެއް ނުލިބޭތީ ޑރ. ނަޒްލާ ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ކޮވިޑު ބަލީގެ އެންމެ ނުރައްކާ ބޮޑީ، އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން އަދި ބޮޑެތި ބަލިތަކަށް ފަރުވާ ކުރަމުންދާ އެކި އުމުރުތަކުގެ މީހުންނެވެ. އަދި މާބަނޑު މީހުން ހިމެނެއެވެ.
ޑރ. އަފްޒަލް ވެސް ވިދާޅުވީ އެންމެ ރިސްކު ބޮޑު މީހުންގެ ތެރޭގައި ބަލި އޮތް މިންވަރު ދެނެގަތުމަށް އުނދަގޫ ވާނެ ކަމަށެވެ. އަދި އެއްވެސް އަލާމާތެއް ނެތި ބަލި ހުރެ ސީރިއަސް ވެގެންދާއިރު ޓްރޭސް ނުކުރެވި ހިނގައިދާނެ ކަމަށެވެ.

